ރާއްޖެ ޓީވީއަށް މުހިންމީ އިންސާފު ކަމަށާއި، އެކަން ވެއްޖެ ކަމަށާއި، އެ ޓީވީ ސްޓޭޝަން ނުހައްގުން ކުރި ޖޫރިމަނާގެ ފައިސާ ދޭނީ ކުޑަކުދިންގެ ހިޔާއަށް ކަމަށް ރާއްޖެ ޓީވީގެ ކޯ-ފައުންޑާ އަދި މެނޭޖިން ޑިރެކްޓަރު، ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.

ސައްލެ ވިދާޅުވީ، ރާއްޖެ ޓީވީ ނުހައްގުންކުރި އެންމެ ބޮޑު ޖޫރިމަނާ، 2 މިލިއަން ރުފިޔާއަކީ ބޭއިންސާފުންކުރި ޖޫރިމަނާއެއްކަމަށް އެމައްސަލަ ރިވިއުކުރުމަށްފަހު، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން ނިންމާފައިވާ ކަމަށެވެ.

Ad
rt

''ރާއްޖެ ޓީވީ މިފައިސާ ބޭނުމެއް ނުކުރާނެ، މި ދޭނީ އެހީ ބޭނުންވާ ކުޑަކުދިންގެ ހިޔާއަށް، ރާއްޖެ ޓީވީއަށް މުހިންމީ އިންސާފު، އެކަން ވެއްޖެ''

ސައްލެ ވިދާޅުވިއެވެ.

ރާއްޖެ ޓީވީ ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރީ ކުރީ ސަރުކާރުގެ ދުވަސްވަރުއެވެ. އެދުވަސްވަރު އެ ޓީވީ ޖޫރިމަނާ ކުރިއިރު ބްރޯޑްކޮމްގައި ތިއްބެވި މެންބަރުން މިހާރުވަނީ އެއްކޮށް އާވެފައެވެ. އެ މެންބަރުން ވަނީ ވަކިކުރުމުގެ އެކިމަރުހަލާތަކާއި ކުރިމަތިވުމުން އަމިއްލައަށް އިސްތިއުފާ ދެއްވާފައެވެ.

އެދުވަސްވަރު ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން މީޑިއާތަކުން ފަތުރަމުންދިޔަ ޚަބަރުތަކާއި ގުޅިގެން ''މައްސަލަބަލައި'' އޭރު އޮތް ބްރޯޑްކޮމްއިން ވަނީ ބައެއް މީޑީއާތައް ބޮޑެތި އަދަދުން ޖޫރިމަނާ ކޮށްފައެވެ.

މިގޮތުން ރާއްޖެ ޓީވީއަކީ އޭރުގެ ބްރޯޑްކޮމްގެ ''ހަމަލާ'' އެންމެ ބޮޑަށް އަމާޒުވި ޓީވީ ސްޓޭޝަނެވެ. އެ ޓީވީ ސްޓޭޝަން ޖޫރިމަނާ ކުރުމުން، އެފައިސާ ހޯދުމަށް އޭރުވަނީ ފަންޑުފޮށިތައް ބަހައްޓާފައެވެ. އަދި ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ރާއްޖޭގެ ގިނަ ރަށްތަކަކުންވެސް ވަނީ އެ ފަންޑު ފޮއްޓަށް ފައިސާ ހަދިޔާކޮށްފައެވެ.