"ސްޓެލްކޯ ގްރީންލައިފް ސޯލާ ޕޮޑް" އަކީ ޒަމާނީ، އެންމެފަހުގެ އީޖާދީ ގޮތްތައް ބޭނުން ކޮށްގެން ޚިދުމަތްތައް ފުޅާކޮށް ކުރިއެރުވުމައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ހޯދަމުންދާ ކާމިޔާބީތަކަށް އިތުރުވި ބޮޅެކެވެ.
މިގޮތުން އިޢާދަކުރަނިވި ހަކަތަ އުފެއްދުމަށް މޫދުގައި ބަހައްޓާ ސޯލަ ޕެނަލް، "ސްޓެލްކޯ ގްރީންލައިފް ސޯލާ ޕޮޑް" ތައާރަފްކޮށް، އިޔާދަކުރަނިވި ހަކަތައިގެ މުޅިން އާ އީޖާދަކާއިއެކު ސްޓެލްކޯ މިވަނީ ދިވެހިރާއްޖޭގެ ތާރީޚުން ޖާގަ ހޯދާފައެވެ.
ގްރީން ސޯލާ ޕޮޑަކީ ތިމާވެއްޓާ ރައްޓެހިގޮތެއްގައި ހަކަތަ އުފެއްދުމަށް ސްޓެލްކޯއިން ކުރަމުންދާ މަސައްކަތުގެތެރެއިން މާކެޓަށް ނެރުނު އުފެއްދުމެކެވެ. މި ސޯލާ ޕޮޑަކީ މޫދުގައި ފެންމަތީގައި ހިފެހެއްޓޭގޮތަށް ފަރުމާކޮށްފައިވާ ސޯލާ ޕެނަލްތަކެކެވެ.
މި އުފެއްދުއްދުން ޚާއްޞަވާ އަނެއް ސަބަބަކީ، މި އުފެއްދުމަކީ ރާއްޖޭގެ މާޙައުލާ ގުޅޭގޮތޮތަށް، ސްޓެލްކޯގެ ރިސަރޗް އެންޑް ޑިވެލޮޕްމެންޓް ޔުނިޓުން ފަރުމާކޮށްފައިވާ ކުންފުނީގެ ޚާއްސަ އުފެއްދުމަކަށް ވުމެވެ.
"ސްޓެލްކޯ ގްރީންލައިފް ސޯލާ ޕޮޑް" ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ސިފަކުރެއްވި ގޮތުގައި އެ ކުންފުނިން މި ހޯދި ތާރީޚީ ކާމިޔާބީއަކީ، އެ ކުންފުނީގެ 70 އަހަރުގެ ތާރީޚުގައި ހޯދި ބޮޑު ކާމިޔާބީއެކެވެ.
މުޣުނީ ވިދާޅުވީ އެއްގަމުގައި އަވިން ހަކަތަ އުފެއްދުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ ޖާގަ ނުލިބުންކަމަށްވުމާއިއެކު، މޫދުގައި ބަހައްޓާ މިފަދަ ވަސީލަތެއްގެ ސަބުބުން ތިމާވެއްޓާ ރައްޓެހި އަދި ޖާގައިގެ ދަތިކަމުގެ މައްސަލައަށް ޙައްލެއް ހޯދޭނެއެވެ. އަދި މި އުފެއްދުން ބޭނުންކުރުން އިތުރުވާ މިންވަރަކުން އެ ކުންފުނިން ތެލަށްކުރާ ހޭދަ ކުޑަކުރެވޭނެކަމަށް މުޣުނީ ވިދާޅުވިއެވެ.
"މިސޯލާ ޕޮޑު ފަރުމާކުރެވިފައި މިވަނީ ޖާގައޮތް ބޮޑު ފަޅެއްގައި މިފަދަ ގިނަ ޕޮޑުތަކެއް އެކަތި އަނެކައްޗާ ފަސޭހައިން ގުޅާލައި ރާވާލައިގެން ގިނަ ޢަދަދެއްގެ ހަކަތަ ނެގޭގޮތަށް. މިއަދު މިއިފްތިތާޙްކުރެވޭ ސޯލާ ޕޮޑުތަކުގެ ސްޓޭންޑާޑް ސައިޒްތަކަކީ 8 ޕެނަލްގެ ސިސްޓަމްތަކާއި 16 ޕެނަލްގެ ސިސްޓަމްތައް ކަމުގައި ވީނަމަވެސް ޑިމާންޑް އޮންނަ ގޮތަކަށް ބަލައި މިއުފެއްދުން އެހެން ސައިޒުތަކުންވެސް ލިބިގެންދަނެ."
މުޣުނީ ވިދާޅުވިއެވެ.
އިޔާދަކުރަނިވި ހަކަތައިގެ މުޅިންއާ އީޖާދަކާއެކު ސްޓެލްކޯ ތާރީހުގެ ތެރެއަށް.
— STELCO (@STELCOMALDIVES) December 30, 2020
ސްޓެލްކޯއިންވަނީ މި ސޯލާ ޕޮޑަކީ ރާއްޖޭއަށް އެކަށީގެންވާ ވަސީލަތެއްތޯ ބެލުމަށް ޓެސްޓު ބުރުތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ވ. އަތޮޅުގައި އަޖުމަބެލުމުގެ ގޮތުން މިޕެނަލްތައް ވަނީ ޓެސްޓުކޮށްފައެވެ.
ފްލޯޓިންގ ސޯލާ ޕެނަލް ބެހެއްޓުމާއި އެތަކެތި މައިކަރަންޓު ވިއުގާ ގުޅާލުމަށް ސްޓެލްކޯގެ އެހީތެރިކަން ލިބޭނެއެވެ. މި ސޯލާ ޕެނަލްތަކަކީ 25 އަހަރުގެ ވޮރަންޓީއާއެކު ނެރޭ އުފެއްދުމެކެވެ. މިއުފެއްދުން ފެށޭ ޖެނުއަރީމަހުން ފެށިގެން ގަންނަން ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!