ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން؛ ނޫސްވެރިކަން ކުރިއެރުވުމާއި، މަޢުލޫމާތު ފެތުރުމުގެ ރޮނގުން ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު، ހއ. ކެލާ، ފެހިވިލާގެ، ޢަލީ ސަމްޢާންއަށް ލިބިވަޑައިގެންފިއެވެ.
ސަމްޢާންއަށް އެ އިނާމު ހަވާލުކޮށް ދެއްވީ ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން؛ ނޫސްވެރިކަން ކުރިއެރުވުމާއި، މަޢުލޫމާތު ފެތުރުމުގެ ރޮނގުން ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަތް ސަމްޢާން، ނޫސްވެރިކަމުގެ ދާއިރާއަށް ވެދެވަޑައިގަތީ 2000 ވަނަ އަހަރުއެވެ. އޭރުން ފެށިގެން މިއަދާ ހަމަޔަށްވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ، މި ދާއިރާގައެވެ.
ސަމްޢާން ފުރަތަމަ ވަޒީފާ އަދާކުރެއްވީ ދިވެހިރާއްޖޭގެ އަޑުގެ ނިއުސްރޫމުގައެވެ. 27 ޖަނަވަރީ 2000 އިން ފެށިގެން 22 ޖަނަވަރީ 2006 އަށް ނިއުސްރޫމްގައި ޚިދުމަތް ކުރެއްވި އިރު ރިޕޯޓަރެއްގެ ވަޒީފާއިން ފެށްޓެވި މަސައްކަތުގައި، ޚަބަރާ ގުޅޭ ހުރިހާ ދާއިރާތަކެއްގެ ޚަބަރާއި ރިޕޯރޓު ހެއްދެވުމާއި، ކޯޓުތަކުގައި ހިނގާ އެކިއެކި ޝަރީޢަތްތައް ކަވަރު ކުރެއްވުމާއި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކަވަރު ކުރެއްވުމާއި، ސުނާމީ ކާރިސާފަދަ ބޮޑެތި ހާދިސާތަކުގެ ލައިވް ކަވަރޭޖް ގެނެސް ދެއްވުމާ ހަމައިން ފެށިގެން ގޮސް ޕްރޮގްރާމްތައް ޕްރޮޑިއުސް ކުރައްވައި، ބައެއް ޕްރޮގްރާމްތައް ހުށަހަޅުއްވައި ދެއްވާފައި ވެއެވެ.
އެގޮތުން، އޭރު ރޭގަނޑު 10 އިން 11 އަށް, ދިވެހިރާއްޖޭގެ އަޑުން ފޮނުވަމުން ގެންދިޔަ ''ޚަބަރު ގަޑި'' އާއި، ކޮންމެ ހުކުރު ދުވަހަކު ފޮނުވަމުން ގެންދިޔަ ''ޚަބަރުފީތާ''ގެ ބައެއް ޕްރޮގްރާމުތައް އުފައްދަވައި، ހުށަހަޅުއްވައި ދެއްވާފައި ވެއެވެ. އަދި ފަހުން ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސް ހިންގުމަށް އުފެއްދި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ބޯޑުގެ މެންބަރުކަން ކުރެއްވުމާއި، ބޯޑުގައި އޮންނަ ކޮންޓެންޓް ކޮމިޓީގެ ޗެއަރމަންކަން ކުރެއްވުމުގެ އިތުރުން، ކޮމްޕްލެއިންސް ކޮމިޓީވެސް ސަމްޢާން ބަލަހައްޓަވާފައި ވެއެވެ.
މިގޮތުން، ރޭޑިއޯއާއި ޓީ.ވީ.ގެ ކޮންޓެންޓް ކުރިއަށް ދާގޮތް ބެއްލެވުމާއި، ފެންވަރު ރަނގަޅު ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރެއްގެ ގޮތުގައި ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސް ބައްޓަން ކުރެއްވުމުގައި ގިނަ މަސައްކަތްތަކެއް ސަމްޢާން ވަނީ ކުރައްވާފައެވެ.
ސަމްޢާނަކީ ޕްރިންޓް މީޑިއާއާއި، އޮންލައިން މީޑިއާއާއި އަދި ނިއު މީޑިއާގައިވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. އެގޮތުން، ޗާޕުކޮށްގެން ނެރުނު ބައެއް މަޖައްލާ ކަމުގައިވާ ''އައްޑުވަސް''އަށް ލިޔުއްވުމާއި ''މަނަސް'' މަޖައްލާގެ އެގްޒެކެޓިވް އެޑިޓަރު ކަމާއި، ''ފިޔެސް'' މަޖައްލާގެ ފައުންޑަރ މެންބަރުކަމާއި، ޑެޕިއުޓީ އެޑިޓަރު ކަމާއި، ''ހަފްތާ'' މަޖައްލާގެ މުއައްސިސް އަދި އެޑިޓަރުކަމާއި، ދުވަހު ނޫސް "ހާމަ" އިގެ ލިޔުންތެރިއެއްގެ ގޮތުުގައި މަސައްކަތް ކުރެއްވުން ފާހަގަ ކޮށްލެވެއެވެ.
އަދި ލިޔުންތެރިއެއްގެ ގޮތުގައި، ގިނަ ލިޔުންތައް ލިޔުއްވުމުގެ އިތުރުން، ތަޙުޤީޤީ ނަޒަރަކުން ލިޔުއްވައިފައިވާ ބައެއް ލިޔުއްވުންތަކާއި، ދިވެހި ތާރީޚުގެ ތެރޭގައި ހުރި މުހިންމު ބައެއް ލިޔުންތައްވެސް ލިޔުއްވައިފައި ވެއެވެ. މީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސްގެ މީޑިއާގައި ކުރައްވާފައި ވާ މަސައްކަތްތައްވެސް ފާހަގަ ކޮށްލެވެއެވެ.
ރާއްޖޭގައި ނޫސްވެރިކަން ކުރިއެރުވުމަށް ދިވެހި ނޫސްވެރިންނަށް ތަމްރީނު ދެއްވުމާއި، ނޫސްވެރިން ތާޒާކުރުމުގެ ގިނަ ފުރުޞަތުތައް ހޯއްދަވައިދެއްވުމުގައިވެސް ސަމްޢާނުގެ ދައުރު ބޮޑެވެ. މިގޮތުން، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމް.ޖޭ.އޭ)ގެ ފަރާތުން ތަމްރީނުގެ ފުރުޞަތުތައް ހޯއްދަވައިދެއްވުމުގައި، ޖަމުޢިއްޔާގެ ނައިބު ރައީސްގެ ހައިސިއްޔަތުން ކުރައްވައިފައިވާ މަސައްކަތްތައް ފާހަގަ ކޮށްލަންޖެހެއެވެ.
މިގޮތުން، އިންޑިއާގެ މަދަންޖީތް ސިންގް ސްކޮލަރޝިޕްގެ ދަށުން ސައުތު އޭޝިއާ ފައުންޑޭޝަނުން ހިލޭ، މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު، ރާއްޖޭގެ ބައެއް ނޫސްވެރިންނަށް ހޯއްދަވައިދެއްވައިފައި ވެއެވެ. އަދި ސްރީލަންކާގެ އެސް.އެލް.ޕީ.އޭ.އާ ގުޅިގެންނާއި، ކޮމަންވެލްތާއި ގުޅިގެންނާއި، ބްރިޓިޝް ކައުންސިލާއި އިންޓްނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައި.އެފް.ޖޭ) އާ ގުޅިގެން ރާއްޖޭގެ ނޫސްވެރިންނަށް ތަމްރީނު ދެއްވުމުގެ އެކި އެކި ޕްރޮގްރާމްތައް ހިންގެވުމުގައި ސަމްޢާން މުހިންމު ދައުރެއް އަދާކުރައްވައިފައި ވެއެވެ. އަދި ރާއްޖޭގައި ނޫސްވެރިން ތާޒާކުރުމުގެ ގިނަ ވަރކްޝޮޕްތަކާއި ފޯރަމްތައް ބާއްވަވައި، ބައެއް ވަރކްޝޮޕްތަކާއި ފޯރަމްތަކުގައި ސަމްޢާން މަޢުލޫމާތު ދެއްވައިފައި ވެއެވެ. އަދި ހަމަ އެހެންމެ ސްކޫލް މަދަރުސާތަކުގެ ސެކަންޑަރީ ގްރޭޑްތަކުގެ ދަރިވަރުންގެ މެދުގައި ނޫސްވެރިކަމުގެ ޝައުގު އިތުރު ކުރުމަށް މިހާތަނަށް މާލޭގެ 3 ސްކޫލެއްގެ 25 ދަރިވަރުން ހިމެނައިގެން "ސްކޫލް މީޑިއާ ކޭމްޕް" އެއް ބާއްވަވާފައިވެސް ވެއެވެ.
މީގެއިތުރުން، ނޫސްވެރިން ބަނދެވޭގޮތަށް ހުރި ޤާނޫނުތަކާ ގުޅުންހުރި އެކިއެކި އުސޫލުތައް ލުއިކުރުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކާ މަޝްވަރާ ކުރެއްވުމާއި، ރާއްޖޭގެ އެކި މީޑިއާތަކުގައި މަސައްކަތް ކުރައްވައި އެޑިޓަރުން ހިމަނައިގެން ނޫސްވެރިންގެ ''ކޯޑް އޮފް ކޮންޑަކްޓް" އެއް އެކުލަވައިލުމުގައި އެމްޖޭއޭއިން ކުރި މުހިންމު މަސައްކަތުގައިވެސް ސަމްޢާން ގެ ދައުރު ބޮޑެވެ.
ސަމްޢާނަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ފޯރުކޮށްދެއްވުމަށް ރާއްޖޭގެ އެކިއެކި ޓީ.ވީ އަދި ރޭޑިއޯ ޝޯތަކުގައި ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެއްވެސްމެއެވެ. އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ މައްޗަށް ފޯރަމްތައް ބޭއްވެވުމާއި، ނޫސްވެރިކަމަށް ނުވަތަ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިވާގޮތަށް އުފެދެމުންދިޔަ ސިޔާސީ ހަލަބޮލިކަން މިޞްރާބު ކުރެއްވުމަށް އެކިއެކި ޓީ.ވީ އަދި ރޭޑިއޯ ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެން، ހޭލުންތެރިކުރުވުމުގެ މަސައްކަތްތައްވެސް ސަމްޢާން ކުރައްވަމުން ގެންދަވައެވެ.
އަދި ނޫސްވެރިން ކުރާ އެކިއެކި ކަންކަމުގަޔާއި އަދި އިސްނަގައިގެން ނޫސްވެރިން ބައިވެރި ކޮށްގެން ދާއިރާގައި ގިނަ މަސައްކަތްތަކެއްވެސް ކުރައްވައެވެ. މިގޮތުން މިހާރު އޮތް ކޮވިޑްގެ ހާލަތާ ގުޅިގެން އާންމު ހޭލުންތެރިކަން އިތުރު ކުރުމަށް ދިވެހި ގިނަ މީޑިއާތައް ގުޅިގެން ހިންގަމުންދާ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގައުމީ ކެމްޕޭން ވިލަރެސް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވުމުގެ އިތުރުން އެ ހަރަކާތުގެ ކޯޑިނޭޓަރަކީވެސް ސަމްޢާން ކަން ފާހަގަ ކޮށްލެވެއެވެ.
މިހާރު ސަމްޢާނަކީ އޮންލައިން ނޫސް ''ދަ ޕްރެސް''ގެ އެޑިޓަރުވެސް މެއެވެ. ނޫސްވެރިކަމުގައި ސަމްޢާން އަބަދުވެސް އެންމެބޮޑު އިސްކަމެއް ދެއްވަނީ، ޒިންމާދާރު ނޫސްވެރިކަމެއް ކުރުމަށެވެ. ލިޔާ ލިޔުމަކާއި ގެނެސްދޭ ހަބަރަކީ ތެދު މައުލޫމާތުގެ މައްޗަށް އޮންނަ ލިޔުމެއްތޯ ބެއްލެވުމަކީ ސަމްޢާން އަބަދުވެސް ކުރައްވައި ކަމެކެވެ. އަދި އެ ލިޔުމަކާ ގުޅޭ ހުރިހާ ފަރާތެއްގެ ބަސް ހިމެނުމަށް އިސްކަން ދެއްވުމާ އެކު އިތުބާރު ހިފޭ ނޫސްވެރިކަމެއް "ދަ ޕްރެސް" އިން ކޮށް، އެ ނޫހަކީ މަގުބޫލު ނޫހަކަށް ހެއްދެވުމަކީ ސަމްޢާންގެ އަޒުމެކެވެ.
ޝަމްޢާން މި ހޯއްދެވި ޝަރަފަކީ މުޅި ބޮޑު ތިލަދުން މަތިވެސް ފަޚުރުވެރިވާ ފަދަ ކާމިޔާބީއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!