ތަނަކީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯއެވެ. ދުވަސްވަރަކީ ޖަޕާނު މީހުން ޖައްވުގައި ޓޫރިސްޓު ހޮޓަލެއް އަޅަން އުޅޭކަމުގެ ޚަބަރުތައް ރޭޑިޔޯ މެދުވެރިކޮށް ފެތުރިގެން ދިޔަ ދުވަސްވަރެކެވެ.
ޖައްވުގައި 64 ކޮޓަރީގެ ޓޫރިސްޓު ހޮޓަލެއް އަޅައި، އެތަނަށް ޓޫރިސްޓުން ގެންގޮސް ހެދުމަކީ ޖަޕާނުގެ ކޮންސްޓްރަކްޝަން ކޮމްޕެނީ، ޝިމީޒޫގެ ވަރަށް ބޮޑު ތަސައްވަރެކެވެ.
ތަނަކީ ދިވެހިރާއްޖޭގެ ތިލަދުންމަތި ތަކަންދޫގެ މާރަންމަގު އަތިރިމައްޗެވެ. އަތިރިމަތި ޖޯލީގައި ތިބި ހަރުފުރައިގެ މީހުންނަކަށް ޖަޕާނު މީހުންގެ މިޚިޔާލެއް ކަމަކު ނުދިޔައެވެ. މިމީހުންގެ ވިސްނުމުގައި އެފަދަ ހޮޓަލެއް އެޅުމަކީ ވިޔަފާރީގެ ގޮތުންވެސް ދެކޮޅު ޖެހޭނޭ ކަމަކަށް ނުވާއިރު، އިންޖިނިއަރިންގގެ ގޮތުންވެސް "ފީސިބުލް" ކަމެއް ނޫނެވެ.
ފުރަމާލޭގެ މާފަންނު ހަނދާނުގޭގައި މިވާހަކައެއް ކިޔައިދޭ ތަކަންދޫ ޒުވާން ފިރިހެނަކު ކިޔައިދޭ ގޮތުގައި، ޖަޕާނު މީހުން ޖައްވުގައި ހޮޓާ އެޅުމުގެ ޚިޔާލަށް ތާއީދުނުކުރާ ތަކަންދޫ މޫސާކޮއި ހުރީ އެރަށު އަތިރިމަތީގައެވެ.
ކުއްލިއަކަށް މޫސާކޮއިގެ ނަޒަރު ހުއްޓުނީ އޮޔާދާ ދޮލަނގަކަށެވެ. އެއީ ކޮންމެވެސް އަންހެނެއް ނޫނީ އަންހެން ކުއްޖެއް ގޮނޑުދޮށުގައި ތެލިދޮންނަން އުޅެނިކޮށް އަތްދަށުން ދޫވެގެން ދިޔަ ދޮލަނގެކެވެ. ކޮންމެއަކަސް މޫސާކޮއި މިދޮލަނގެއް ނަގައިގެން އަތިރިމަތި ޖޯލިފަތި ދޮށަށް އައިއިރު ޖޯލިފަތީގައި މީހުން އޮތެވެ.

ފިސާރި ރީއްޗަކަށް ހުއްޓިލައިފައި މޫސާކޮއި ބުންޏެވެ. މިއޮތީ ޖަޕާނު މީހުން ހަނދުގައި (ހެނދުނު) ސައިހަދަން އުޅެނިކޮށް ވެއްޓުނު ދޮލަނގެކެވެ. ވާނީވެސް އެހެންތާއެވެ. ޖައްވުގައި ހޮޓާ އެޅުމުގެ ޚިޔާލަށް އޭނާއަށް ވެސް ހަމަ ތާއީދުނުކުރެވެނީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!