ރައީސް ޞާލިޙްގެ ސަރުކާރުން ހދ. ނޭކުރެންދޫ ރައްޔިތުންގެ އުއްމީދުތަކުގައި ކުލަޖައްސައިދޭނެ ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.

ރާޢީ ތަމްސީލް ކުރަށްވާ މަކުނުދޫ ދާއިރާގައި ހިމެނޭ ނޭކުރެންދޫ ރައްޔިތުންގެ އުއްމީދުތަކުގައި މި ސަރުކާރުން ކުލަޖައްސައިދޭނެ ކަމަށް އޭނާ ވިދާޅުވީ ކުރެއްވި ޓުވީޓެއްގައެވެ.

Ad
rt

ރާޢީ ވިދާޅުވީ 2008 ވަނަ އަހަރު އޮތް ރައީސް ނަޝީދުގެ ސަރުކާރުން ނޭކުރެންދޫގައި އަޅަން ނިންމި ޖަލުގެ މަސައްކަތް މި ސަރުކާރުން ފުރިހަމަ ކުރާނެ ކަމަށެވެ. އަދި ރައީސް ޞާލިޙްގެ ސަރުކާރުގެ ވަޢުދުތައް އަކުރުން އަކުރަށް ފުއްދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު އިމްރާނަށް ވެސް ޝުކުރު އަދާކޮށްފައިވާ އެ ޓުވީޓުގައި އޭނާ ވަނީ 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރިޕޯޓުގެ ބަހުސްގައި އޭނާ ދައްކަވާފައިވާހަކައިން ވީޑިއޯކޮޅެއް ހިމަނުއްވާފައެވެ.

"ނޭކުރެންދޫގައި ގާއިމުކުރާ ކަރެކްޝަނަލް ސެންޓަރ، މީހުން ބިނާކުރާނެ ޖަލު. މީހުން ބިނާކުރާނެ، އެއީ ޖަލެއް ނޫން. އަޅުގަނޑު ބަޖެޓު ފޮތުން މިހާރު އޮންނާނީ ކަނޑާލަން ޖަލުގެ ވާހަކަ ކަނޑައިލާފައި މީހުން ބިނާކުރާ ކަރެކްޝަނަލް ސެންޓަރ. އަޅުގަނޑަށް ހޯމް މިނިސްޓަރު ޢިމްރާން ޔަގީންކަން ދެއްވާފައި އޮތީ އެ ތަނުގެ ތަނބުތައް މާރިޗް މަސް ތެރޭގައި، 2021ގެ މާރިޗް މަސް ތެރޭގައި ފެންނާނެ ކަމަށް. އަޅުގަނޑު ޝައިޚް ޢިމްރާނަށް ވަރަށް އިތުބާރުކުރަން. ބަހުގެ ވަރަށް އިތުބާރު ހުރި ބޭފުޅެއް އެއީ. އެހެންވީމާ، ނޭކުރެންދޫ ރައްޔިތުންނަށް އަދި ބޮޑުތިލަދުންމަތީ ރައްޔިތުންނަށް ޔަގީންނުން ވެސް ތަނބުތައް މާރިޗް މަސް ތެރޭގައި ފެނިގެންދާނެ. އެވަރު ޔަގީންކަން އަޅުގަނޑަށް އެބައޮތް.''

އެ ވީޑިއޯގައި ރާޢީ ވިދާޅުވެފައި ވެއެވެ.

މީގެއިތުދުން އެ ވީޑިއޯގައި ރާޢީ ވަނީ ނޭކުރެންދޫގައި ގާއިމުކުރާ ''މީހުން ބިނާކުރާ ކަރެކްޝަނަލް ސެންޓަރ''ގެ މަސައްކަތް ކާމިޔާބު ކަމާއިއެކު ފުރިހަމަ ކުރުމަށް ބޮޑުތިލަންދުންމަތީގެ ހުރިހާ މެންބަރުން ވެސް ތާއީދުކޮށްދިނުމަށް އެދި ވަޑައިގެންފައެވެ.

ނޮވެމްބަރު 20 ވަނަ ދުވަހު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ވެސް ރާޢީ ވަނީ ނޭކުރެންދޫގައި ގާއިމު ކުރަން ނިންމާފައި ވަނީ ޖަލެއް ނޫންކަމަށާއި، އެއީ މީހުން ބިނާކުރާތަނެއްކަމަށާއި އެހެންކަމުން އަންނަ އަހަރު އެރަށުގައި، ފަންނުވެރިން އުފައްދާ މަރުކަޒެއް ވުޖޫދަށް އަންނަންޖެހޭ ކަމަށް ވިދާޅުވެފައެވެ.