ރާއްޖޭގެ އެންމެ އުތުރު ބިތުގައި އޮންނަ ޖޭއޭ މަނަފަރު މޯލްޑިވްސް ރިސޯޓުގެ އިންޖީނުގޭގައި ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެ ހާދިސާއާއި ގުޅޭ މަޢުލޫމާތު މީޑިއާއަށް ހިއްސާކުރަށްވަމުން އެމްއެންޑީއެފުން ވިދާޅުވެފައި ވަނީ އެ ހާދިސާގެ ރިޕޯޓު އެންއެންޑީއެފަށް ލިބުނީ ރޭ ދަންވަރު 3:35 ހާއިރު ކަމަށެވެ.
އެ ހާދިސާގެ ރިޕޯޓު ލިބުމާއިއެކު އެމްއެންޑީއެފް ނޮދާން އޭރިއާ ކުޅުދުއްފުށި ފަޔާ ސްޓޭޝަނުން އެ އަލިފާން ކޮންޓްރޯލު ކުރުމުގެ މަސައްކަތް ފެށި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މިގޮތުން ކުރެވުނު މަސައްކަތުން މަނަފަރު ރިސޯޓު އިންޖީނުގޭގައި ރޯވި އަލިފާން ކޮންޓްރޯލު ކުރެވުނީ ރޭ ފަތިހު 5:45 ހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މަނަފަރު އިންޖީނުގޭގައި އަލިފާން ރޯވުމުގެ ސަބަބުން ދުން އަރާ މަންޒަރު ފެންނަ ފޮޓޯއެއް، ފޮޓޯ: އެމްއެންޑީއެފް
އެހާދިސާއާއި ގުޅޭ އިތުރު މަޢުލޫމާތު ދެއްވަމުން އެމްއެންޑީއެފުން ވިދާޅުވީ، މަނަފަރު ރިސޯޓުގެ އިންޖީނުގޭގައި އަލިފާން ރޯވި ހާދިސާގައި އަލިފާން ރޯވީ، އިންޖީނުގޭގައި އުސްކޮށް ހަދާފައި، ހުރި އިމާރާތެއްގެ ގުދަނެއްގައި ކަމަށެވެ. އެ ގުދަނުގައި ސާމާނު ހުރި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
އެ ހާދިސާގައި ގެއްލުން ލިބިފައިވަނީ ޖަނަނޭޓަރަށާއި، ޕެނަލް ބޯޑަށާއި އަދި ޖެހިގެން ހުރި އިމާރާތުގައި ހުރި ފެން ޕްލާންޓަށް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!