ކޯވިޑް- 19 އާއި ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން ދެމުންދާ "އިންކަމް ސަޕޯޓް އެލަވަންސް" ދޭ މުއްދަތު ސަރުކާރުން އިތުރުކޮށްފިއެވެ.
އެކަން ހާމަކޮށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ކުރި ޢިއުލާނެއްގައި ބުނީ ކޯވިޑް-19 އާ ގުޅިގެން އާމްދަނީ އަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމުގެ އުސޫލުގެ ދަށުން ތިންވަނަ ބުރުގައި އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހާއި، ނޮވެންބަރު މަހާއި އަދި ޑިސެންބަރު މަހަށެވެ.
މީގެއިތުރުން މި ތިން މަހުގެ އެލަވަންސަށް އެދުމުގެ ސުން ގަޑިވެސް އެ މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ. މިގޮތުން އޮކްޓޯބަރު އަދި ނޮވެމްބަރު މަހުގެ އެލަވެންސަށް އެދުމުގެ ފުރުސަތު މި ޑިސެމްބަރު މަހުގެ 31 އާއި ހަމައަށް އޮންނާނެ އެވެ. ޑިސެމްބަރު މަހުގެ އެލަވެންސް އަށް އެދުމުގެ ފުރުސަތު ޖެނުއަރީ 10 އިން ޖެނުއަރީ 31 ގެ ނިޔަލަށް އޮންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުންޏެވެ.
އެލަވަންސްއަށް ހުށަހެޅުމަށް ތިންވަނަ ބުރުގައިވެސް ހަމަޖެހިފައިވަނީ ހަމައެކަނި /https://jobcenter.mv މެދުވެރިކޮށް އޮންލައިން ފޯމަކުން ކަމަށް ވެސް އެ މިނިސްޓްރީއިން ބުންޏެވެ.
އިކޮނޮމިކް މިނިސްޓްރީއިން އިތުރަށް ބުނެފައި ވަނީ އިންކަމް ސަޕޯޓް އެލަވަންސް ދިނުމުގެ ޕްރޮގްރާމްގެ ދެވަނަބުރުގެ ދަށުން ޖުލައި، އޮގަސްޓް އަދި ސެޕްޓެންބަރު މަހުގެ އެލަވަންސަށް ހުށަހަޅާފައިވާ އެޕްލިކޭޝަން އަށް އިތުރު ލިޔެކިޔުން ހުށަހެޅުމުގެ ސުންގަޑި އަކީ 12 ޑިސެންބަރު 2020 ވާ ހޮނިހިރު ދުވަސް ކަމަށެވެ. އަދި މިފަދައިން ލިޔެކިޔުންތައް ހުށަހެޅުމަށް ހަމަޖެހިފައިވަނީ ޖޮބް ސެންޓަރަށް ލޮގްއިން ކުރެއްވުމަށްފަހު "ކޮމްޕްލެއިންސް މޮޑިއުލް" މެދުވެރިކޮށް ކަމަށް ވެސް އެ މިނިސްޓަރީއިން ބުންޏެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ނޮވެމްބަރު މަހުގެ 26 ގެ ނިޔަލަށް 11،814 މީހަކަށް އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި 143.8 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.
ކޯވިޑް-19ގެ ސަބަބުން އާމްދަނީ އަށް އަސަރު ކުރާ މީހުންނަށް ދޭ “އިންކަމް ސަޕޯޓް އެލަވެންސް” ލިބޭނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، ކޯވިޑް-19 އާ ގުޅިގެން އެ ބައެއްގެ ވަޒީފާ އަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކާއި އަމިއްލަ މަސައްކަތްކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، ކޯވިޑް-19 އާ ގުޅިގެން އެ ބައެއްގެ އާމްދަނީ އަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށެވެ.
އިންކަމް ސަޕޯޓް އެލަވަންސް ދޭން ފަށާފައި ވަނީ މިއަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!