ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ބާއްވާ ޑިރެކްޓަރ-ޖެނެރަލް ލެވެލްގެ މަޝްވަރާތައް 10 ޑިސެމްބަރު 2020 ވަނަ ދުވަހު އޮންނާނެކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއިން ބުނެފި އެވެ.

ދިވެހިރާއްޖޭގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދް ފައިސަލްއެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް (އޭޝިއަން އެފެއަރޒް ޑިޕާޓްމަންޓް) މރ ޗެންގް ސޮންގް އެވެ.

Ad
rt

ފޮރިން މިނިސްޓްރީއިން ބުނީ، މި ބައްދަލުވުމުގައި މަޝްވަރާކުރެވޭނީ ދެޤައުމުގެ މެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ، ކޮވިޑް-19ގެ އާއި ގުޅުން ހުރި ކަންތައްތަކާ ބެހޭ ގޮތުންނެވެ. އެގޮތުން ކޮވިޑް-19 ގެ ސަބަބުން ލިބިފައިވާ އިޤްތިޞާދީ ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި، ފަތުރުވެރިކަން ކުރިއެރުވުން އަދި ބައިނަލްއަޤްވާމީ ދަތުރުފަތުރާ ބެހޭ ގޮތުން މަޝްވަރާކުރެވޭނެއެވެ. ދެޤައުމު ގުޅިގެން މަލްޓިލޭޓަރަލް ފޯރަމްތަކުގައި އެކުގައި މަސައްކަތްކުރެވޭނެ ދާއިރާތަކާ ބެހޭ ގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވޭނެކަމަށެވެ.

ކޮވިޑް-19 އިން އަރައިގަތުމަށް މަސައްކަތް ކުރެވޭ މި ދަނޑިވަޅުގައި ތަރައްޤީގެ ބައިވެރިންނާއެކު ދިވެހި ސަރުކާރުން ކުރިއަށް ގެންދާ މަޝްވަރާތައް ހުއްޓުމެއް ނެތި ދަނީ ކުރިއަށެވެ. ޤައުމުގެ އިޤްތިޞާދު އަލުން އަނބުރާ ކޮޅަށް ޖެހުމަށް ކުރެވޭ މަސައްކަތުގައި މިމަޝްވަރާތައް އިސް ދައުރެއް އަދާކުރެކަމަށް ގަބޫލު ކުރެވެއެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން އަލުން އިޔާދަކުރުމަށް މަސައްކަތްކުރާއިރު، ޗައިނާއަކީ ކޮވިޑް-19ގެ ޙާލަތުގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ.

ޗައިނާއަކީ ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް އެންމެ ފުރަތަމަ އެހީ ފޯރުކޮށްދިން އެއް ޤައުމެވެ. އެކި ދާއިރާރަކުން ޗައިނާއިން ދަނީ އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ދިވެހިރާއްޖެއާ ޗައިނާ އާ ދެމެދު ހުއްޓުމެއް ނެތި މަޝްވަރާތައް ކުރިއަށްދާއިރު، ޑިރެކްޓަރ-ޖެނެރަލް ލެވެލްގައި މިދިޔަ ޖުލައި މަހުވެސް މަޝްވަރާތައް ބާއްވާފައިވެއެވެ.