''ސަންބޯސާ''އަކީ ކުރީއްސުރެ އުތުރުގެ ރަށްތަކުގައި ތައްޔާރުކޮށް އުޅޭ ކެއުމުގެ ބާވަތެކެވެ. އުތުރުގައި ނޫނަސް ''ސަންބޯސާ'' ތައްޔާރުކޮށް އުޅުމަކީ ވެސް ހަމަ ވެދާނެ ގޮތެކެވެ.
އުތުރުގެ ހދ. ފިނޭ މީހުން ތައްޔާރުކުރާ ގޮތަށް ފިނޭ މީހުންގެ ރަހަތަކާއިއެކު ''ސަންބޯސާ'' ތައްޔާރު ކުރާނެ ގޮތް ބަލައިލަމާ ހިންގަވާށެވެ. ތަފާތުތައް އެނގޭނެއެވެ. ޔަޤީންވާ އެއްކަމެއް އެބައޮތެވެ. ފިނޭގެ ރަހަތަށް މީރުވެފައި، ކަމުދާނެ ކަމެވެ.
ސަންބޯސާއަކީ ކުރީ ޒަމާނުއްސުރެ ފިނޭގައި ކޭމަށް ލުމަށް، ފާތިހާތަކަށް، ހަވީރު ސަޔަށް އަދި ކައިވެނީގެ ހަފުލާއަށް ވެސް ތައްޔާރުކުރާ ބާވަތެކެވެ. ފިނޭ ނޫނަސް އުތުރުގެ ގިނަ ރަށްރަށުގައި ސަންބޯސާ ހަދާ އުޅޭކަން ގައިމެވެ.
އެނގިވަޑައި ގަންނަވާނެ ފަދައިން އަޅުގަނޑުމެން ކޮންމެ ހަފްތާއަކު ވެސް ކެއުމުގެ ބާވަތެއް ތައްޔާރު ކުރާނެގޮތް ގެނެސް ދެވޭތޯ މަސައްކަތް ކުރަމުން ދާއިރު، މި ގެނެސްދެނީ ހދ. ފިނޭއަށް ނިސްބަތްވާ ކަނބަލެއް ކަމަށްވާ ވަރުދާ އަޙްމަދު ކެއުމުގެ ބާވަތްތައް ތައްޔާރު ކުރާއިރު ގެންގުޅޭ ރަހަތަކާއިއެކު އެބާވަތްތައް ތައްޔާރު ކުރާގޮތް ވަރުދާގެ ކިޔައިދޭ ގޮތަށެވެ.
ސަންބޯސާއަކީ ''ބަޖިޔާ" ޢާއިލާއަށް ނިސްބަތްވާ ބާވަތެކޭ ވެސް ބުނެވިދާނެއެވެ. ސަންބޯސާ ހުންނަނީ ބަޖިޔާއަށް ވުރެ ސައިޒު ކުދިކޮށެވެ. ދެން ސަންބޯސާ ތައްޔާރުކުރާގޮތް ބަލައިލަމާ ހިނގާށެވެ.
ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި
- 1 ގަނޑު ވަޅޯ މަސް
- 1 ކާށީގެ ހުނި
- 1 ފިޔާ
- 1 ގިތެޔޮ މިރުސް
- 1 ލުނބޯ
- 1 ސައިސަމުސާ އިނގުރު
- ހިކަނދި ފަތް ކޮޅެއް، ތެޔޮ، ފެން، ލޮނު، ރީނދޫ، ފުއް

ތައްޔާރު ކުރާނެ ގޮތް
ފުރަތަމަ މަސްގަނޑު ތުނިކޮށް ކޮށާލާށެވެ. ފިޔާ، މިރުސް، ހިކަނދިފަތް ތުނިކޮށް ކޮށައިލާށެވެ. ދެންފިޔާ، މިރުސް، ހިކަނދިފަތް، އިނގުރު ލުނބޯގެ ހުތް ލޮނުކޮޅެއް އަޅައިގެން ރަނގަޅަށް މޮޑެލާށެވެ. ދެން މަސްކޮޅު ކުލަ ހިފާވަރަށް ރީނދޫކޮޅެއް އަޅައިގެން މަސްކޮޅާއި ފިޔާކޮޅު ރަނގަޅަށް އެއްވަންދެން މޮޑެލުމަށްފަހު ފުއް ގަނޑަށް ކުޑަ ހުނިކޮޅެއް ނެގުމަށްފަހު ބާކީ ހުރިބައި، މަސް ގަނޑާއިއެއްކޮށް މޮޑެލާފައި ލޮނު ހެޔޮވަރު ކޮށްލާށެވެ. މިހާރު މަސްގަނޑު އެހުރީ ތައްޔާރު ކުރެވިފައެވެ.

ދެން ފުއްކޮޅުގެ ތެރެއަށް ބެހެއްޓި ހުނިކޮޅާއި، ކުޑަ ތެޔޮ ފޮދަކާއި، ލޮނުކޮޅެއް އަޅައި، އާދައިގެ ފެނުގައި މޮޑެލާށެވެ. ދެން ފުއްގަނޑު ބޮޑެތިކޮށް ގުޅަ ޖަހާލުމަށްފަހު، ރޮށި ހުންނަވަރަށްވުރެ ބޯކޮށް، ދަމާލުމަށްފަހު ވައް މަތިގަނޑެއް ނުވަތަ ފެންބޯން ބޭނުންކުރާ ތައްޓެއް ވިޔަސް ބޭނުން ކޮށްގެން ވައްކޮށް ކަނޑާށެވެ.
ދެން ނެގި ރޮށިން ފަހަރަކު އެއްޗެއްގެ ތެރެއަށް މަސްކޮޅެއް އަޅައި ރޮށީގެ ކައިރި ފަށުގައި ފެން ފޮދެއް އުނގުޅައި ތިނެސްކަނަށް ވާގޮތަށް ބައްދައިލާށެވެ.
ދެން ތާހަކަށް ތެޔޮއަޅައި، އުނދުން ނައްޗަށް އުދައި، ހޫނު ވުމުން ސަންބޯސާތައް އަޅައި، ހަރުވަންދެން މަޑު ގިނީގައި ތެލުލާށެވެ. ތިހިރީ ސަންބޯސާ ތައްޔާރުކޮށް ލެވިފައެވެ.
ވަރުދާގެ ރެސިޕީ، މި ސިލްސިލާގެ ދަށުން މީގެ ކުރިންވެސް ވަނީ "ބަނބުކޭލު ކަނޑު ކުކުޅު"، "ކޭލު ފޯ"، "ކަންނެތް ދެލޮނު"، "ބަށި މުސައްމާ"، "މުގުރު ބޮނޑި"، "މަސް ބޮނޑި"، "މުރަނގަފަތު ސުންޑަލި"، "ރަސްމީ ރިހަ"، "ބަނބުކެޔޮ ބޮނޑިބަތް"، "ކަނދި"، ''ބަނބުކެޔޮ ރިހަ''، ''ކަންޖީ''، ''ކުޅި ކެޔޮ''، ''ޗިޗަންޑާ ސަޓަނި''، ''ސޫޖީ''، ކިރު ބޯކިބާ'' އަދި ''ކަށިކޭލު ދޮންހަސަނު'' ތައްޔާރު ކުރާނެ ގޮތް ގެނެސް ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!