ކުރިމަގުގައި ކުޅިވަރު މުބާރާތްތައް ރާވައި ހިންގާއިރު، ލާމަރުކަޒީ ގޮތެއްގައި އެކަން ކުރެވޭނެ ނިޒާމެއް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިގޮތަށް އެދި ވަޑައިގަތީ ހައްދުންމަތީގެ ދެ ރަށަކަށް އިއްޔެ ކުރެއްވި ދަތުރުފުޅުގެ ތެރެއިން އިއްޔެ މެންދުރުފަހު ގަމަށް ވަޑައިގަންނަވާ، އެ ރަށުގައި ކުރިއަށްގެންދިޔަ ތަރައްޤީގެ ތިން މަޝްރޫޢެއްގެ ނިމުން ފާހަގަކުރުމުގެ ގޮތުން، އެ ތިން ޚިދުމަތް އިފްތިތާޙުކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ގަމު ޒޯން ސްޓޭޑިއަމުގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަ ފުޅުގައި ރައީސް ވަނީ ކުރިމަގުގައި ކުޅިވަރު މުބާރާތްތައް ރާވައި ހިންގާއިރު، ލާމަރުކަޒީ ގޮތެއްގައި އެކަން ކުރެވޭނެ ނިޒާމެއް ހަމަޖެއްސުމަށް އެދިވަޑައިގެންފައެވެ.

''މިތަނުގައި ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޚްލޫފްވެސް އިންނެވުމާއެކު، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ކުރިމަގުގައި ކުޅިވަރު މުބާރާތްތައް ރާވައި ހިންގާއިރުވެސް، ލާމަރުކަޒީ ގޮތެއްގައި އެކަން ކުރެވޭނެ ނިޒާމެއް ހަމަޖައްސައިގެން ކުރިއަށް ގެންދެވުން. ރަށްރަށުގައި ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ޙަޤީޤީ ނަތީޖާ ފެންނާނީ އޭރުން.''

ރައީސް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި އިތުރަށް ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ކޯވިޑްގެ ތެރޭގައި އިޤްތިޞާދީ ދާއިރާއިން ކުރެވުނު ތަޖުރިބާގެ އަލީގައި، ސަރުކާރުން މިހާރު އެންމެ ބޮޑު އިސްކަމެއްދެނީ އިޤްތިޞާދު ސިންދަފާތު ކުރުމަށް ކަމަށް ވިދާޅުވެފައެވެ.

''މަސްވެރިކަމަކީ، ރާއްޖޭގެ އިޤްތިޞާދުގައި މިހާރަށްވުރެ ބޮޑު ޙިއްޞާއެއްވެވޭނެ ޞިނާޢަތެއްކަން ހަމަ ޔަޤީން. ހަމައެގޮތަށް ދަނޑުވެރިކަމަކީވެސް، ޚާއްޞަ ސަމާލުކަމެއްދީ، މިހާރަށްވުރެ މާބޮޑަށް ކުރިއެރުވޭނެ ޞިނާޢަތެއްކަން މިދަނީ ހާމަވަމުން.''

ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވަނީ މިހާރު ޤައުމަށް ކުރިމަތިވެފައި މިވާ އިޖުތިމާޢީ އަދި އިޤްތިޞާދީ މައްސަލަތަކުން އަރައިގަތުމުގައި، ރައްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ސަރުކާރަށް ބޭނުންވާ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ކޯވިޑް-19އާ ދެކޮޅަށް ސަރުކާރުން އެޅި ފިޔަވަޅުތައް ތަންފީޒުކުރުމަށް، ރައްޔިތުން އެހީތެރިކަމާއި އެއްބާރުލުން ދެއްވި ފަދައިން، އިޤްތިޞާދު އަލުން އާރާސްތުކުރުމުގައިވެސް، އެހީތެރިވެދެއްވާނެ ކަމަށް ޔަޤީންކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.