ކިތަންމެ ބިރެއް ދެއްކި ނަމަވެސް ފަހަތަށް ނުޖެހޭނެ ކަމަށާއި، އަދި ބިރުން ގެޔަށް ވަދެ ރަޖާލައިގެން ނުތިބޭނެ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ މައިޕާޓީ ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި ޝިޔާމް މިހެން ވިދާޅުވީ ދިވެހި ފަނޑިޔާރުންގެ ޖަމްޢިއްޔާއިން ނެރެފައިވާ ނޫސް ބަޔާނެއް ޓްވީޓާގައި ހިއްސާ ކުރަށްވާ ކުރެއްވި ޓްވީޓެއްގައެވެ.

Ad
rt

ފަނޑިޔާރުންގެ ޖަމްޢިއްޔާއިން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައި ވަނީ "ދިޑެއިލީ" އޮންލައިން ނޫހުގައި 22 ނޮވެންބަރު 2020 ތާރީޚުގައި ލިޔެފައިވާ ލިއުމެއްގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނަށް، ޢުމުރުގެ ބާކީ އޮތް ދުވަސްތައް ހޭދަކުރަންޖެހޭނީ ޖަލުގައިކަމަށް ބުނެ، ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދަށް ނިސްބަތްކޮށް، ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު ވާހަކަ ދައްކާފައިވާ ކަމަށް އެ ލިއުމުގައި ލިޔެފައިވާކަމަށެވެ.

''އިބްރާހީމް ޝުޖާޢު ބުނެފައިވާ އެ ވަހާކަތަކަކީ، ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނަށް އިންޒާރުދީ ދައްކާފައިވާ ވާހަކަތަކަށްވާތީ، ދިވެހި ފަނޑިޔާރުންގެ ޖަމްޢިއްޔާއިން ކަންބޮޑުވުން ފާޅުކޮށް އެ ވާހަކަތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ. އަދި އިންޒާރުދީ ދައްކާފައިވާ އެވާހަކަތަކާ މެދު ކަމާބެހޭ ފަރާތްތަކުންނާއި އިދާރާތަކުން ބަލަންޖެހޭ ކަންކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދިވެހި ފަނޑިޔާރުންގެ ޖަމްޢިއްޔާއިން ގޮވާލަމެވެ.''

ދިވެހި ފަނޑިޔާރުންގެ ޖަމްޢިއްޔާއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނަށް ރައްދު ދެއްވައި ޝިޔާމް ވިދާޅުވީ ފަނޑިޔާރު ޢަލީ ރަޝީދު، ޕީއެންސީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާޢުއަށް ކިތަންމެ ބިރެއް ދެއްކިޔަސް ގެޔަށްވަދެ ރަޖާ ނުލާނެ ކަމަށެވެ.

''ރައީސް ޔާމީނުގެ މައްޗަށް އިއްވީ ސީދާ ސިޔާސީ ހުކުމެއް، ޑަބަލް ޕްރޮމޯޝަން ޖެހިގޮތެއް ބެލޭނެ ދުވަހެއް އަންނާނެ''

ޝިޔާމް ވިދާޅުވެފަވެއެވެ.

ޕީޕީއެމްގެ ނައިބު ރައީސް، އަދި ނައިފަރު ދާއިރާގެ މެންބަރު ޝިޔާމާއި، ޕީއެންސީގެ ނައިބު ރައީސް، އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު ޝުޖާޢު އަކީ އިދިކޮޅު ހަރަކާތުގެ ''މޫނުމަތި'' ގޮތުގައި އެންމެ ހަރަކާތްތެރިކޮށް މަސައްކަތް ކުރަށްވާ ދެ ބޭފުޅުންނެވެ.