ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ކުޅިވަރުގެ ކަންކަން ރާވާ ހިންގައި، ކުޅިވަރަށް ޚިދުމަތްކުރާ ވަކި މުއައްސަސާއެއް ހުންނަން ޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްދިޔަ މަޖިލިސްގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީބަހުސްގެ ވަގުތުގައި ވާހަކަ ދައްކަވަމުން ޢަލީ ވިދާޅުވީ ސަރުކާރުތަކުން ބައިވަރު ދަނޑުތަކާއި، އެކިއެކި ތަފާތު ކުޅިވަރުގެ ފެސިލިޓީތަކާއި، ފުޓްބޯޅަ ދަނޑުތަކާއި، ފުޓްސަލް ދަނޑުތަކާއި އަދި ވޮލީކޯޓުތައް ގާއިމުކުރަމުންދާކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
''ސްވިމިން ޓްރެކުތައް އެބައުޅޭ. ތަފާތު އެކި ކަހަލަ އައުޓް ޑޯ ޖިމްތައް އެބަ ބެހެއްޓޭ. ޕާކުތައް އެބަ ބެހެއްޓޭ. އެހެންނަމަވެސް، އަޅުގަނޑު ހިތަށްއަރަނީ ގާނޫނުގެ ކޮން މާއްދާއެއްގައި ބާއޭ އޮތީ، އެރަށަކާ އެކަށީގެންވާ ކުޅިވަރުގެ ވަސީލަތްތައް ހިންގައި، ބަލަހައްޓާނެ ފަރާތެއް. ކުޅިވަރު އޮންނަންވީ ހަމައެކަނި ޖަމުޢިއްޔާތަކުން ސްޕޮންސަރ ހޯދައިގެން، އެހީއަށް އެދިގެން ހިންގާ ހަރަކާތެއްގެ ގޮތުގައިތޯ؟ އަޅުގަނޑު ވަރަށް ބޮޑަށް އެދެން އިއްޒަތްތެރި ރައީސް، މި ގާނޫނު ކޮމިޓީ މަރުޙަލާގައި ބައްޓަންކުރެވިގެން އަންނައިރުގައި އޮންނަން ރަށު ކޯޓު، ރަށު ކައުންސިލު، ރަށު ސްކޫލު، ރަށު އިންޖީނުގެ، ރަށުގެ މިވެނި އެއްޗެއް، އެވެނި އެއްޗެއް، ހަމަ އެގޮތަށް ނަންކިޔާފައި ރަށުގައި ކުޅިވަރުގެ ހަރަކާތްތައް ހިންގާނެ މުއައްސަސާއެއް، ސަރުކާރުގެ ވަކި މުވައްސަސާއެއް އޮންނަން،''
ޢަލީ ވިދާޅުވިއެވެ.
ޢަލީ ވިދާޅުވީ ރަށްރަށުގައި، ދަނޑުގެ ލައިޓް އެނދީމާއި އެރަށްރަށުގެ މީހުން ކައުންސިލަރު ކައިރިއަށް ގޮސް ވަރަށް ގިނަ ދުވަސް ވަންދެން އާދޭސްކޮށްގެން ނޫނިއްޔާ އެ ލައިޓް ނުޖެހޭ ކަމަށެވެ. އަދި ދާގަނޑު ހަލާކުވީމާ، ދާގަނޑެއް ލިބެނީ ވެސް ދާގަނޑު ހޯދަން އެތައް ތަނަކަށް ގޮސް އެތައް ސިޓީއެއް ފޮނުވައިގެން ކަމަށެވެ.
''ކާކުތޯ ސިޓީ ފޮނުވަނީ؟ ކޮބައިތޯ ކުޅިވަރުގެ ކަންތައްތައް ބަލަހައްޓަން ޒިންމާވާނެ ފަރާތަކީ؟ އެ ފަރާތެއް ނުފެނޭ. އެހެންވީމާ، މި ގާނޫނު ބައްޓަންކުރެވިގެން އަންނައިރުގައި އަޅުގަނޑު ބޭނުންވޭ، އަޅުގަނޑުގެ ޚިޔާލަކީ، ރައީސް، ކޮންމެ ރަށެއްގައި ވެސް، ކުޑަ އާބާދީއެއް ވިޔަސް، ބޮޑު އާބާދީއެއް ވިޔަސް ކޮންމެ ރަށެއްގެ ހުންނަން އެބަޖެހޭ ކުޅިވަރަށް ޚިދުމަތްކުރާނެ، ކުޅިވަރުގެ ކަންތައްތައް، ހަރަކާތްތައް ހިންގާނެ ވަކި މުއައްސަސާއެއް. އެ މުއައްސަސާ އެބަޖެހޭ އުފެދެން. ހަމަ ރަށު ކޯޓު؟ މައްސަލަ އުފެދުނީމާ ކޯޓަށް ގޮސްގެން މައްސަލަ ޙައްލުކުރަނީ. ރަށު ސްކޫލްގެ ކިޔަވައިދޭންވީމާ ސްކޫލަށް ގޮސް ކިޔަވައިދެނީ. ރަށު ކައުންސިލުގެ ރަށުގެ އެވެނި ތަނެއް؛ ކަރަންޓުދޭންވީމާ އިންޖީނުގެއިން ކަރަންޓު ދެނީ. ކުޅިވަރަކީ އެއް އަހަރުން ފެށިގެން 60 އަހަރު ވާންދެން އެކިއެކި ތަފާތު އޭރިއާތަކުން، އެކަމެއްގައި ހުރިހާ ރައްޔިތުން ވެސް ޝާމިލުވާ ކަމެއް. އެކަމަކު މި އޮތް ފުޅާ ދާއިރާގައި ވަކި މުއައްސަސާއެއް ރަޖިސްޓްރީކުރެވިފައިނެތުމަކީ، އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑަށް ހީވަނީ އެއީ އުނިކަމެއްހެން.''
ޢަލީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އާބާދީ ބޮޑެތި ފަސް ހާސް، ހަ ހާސް މީހުން ދިރިއުޅޭ ރަށްރަށުގައި ޒުވާނުންގެ މަރުކަޒު ހުންނަ ކަމަށެވެ. ބައެއް ރަށްރަށުގައި ޒުވާނުންގެ މަރުކަޒު ހުންނަކަމާއި، އެހެން ރަށްރަށުގައި އިޖުތިމާޢީ ސެންޓަރު، އަދި އަނެއްބައި ރަށްރަށުގައި ކޮންމެވެސް އެހެން އެސޯސިއޭޝަނެއް، ނޫނީ ކޮންމެވެސް އެހެން ނަމެއް ކިޔާފައި ތަންތަން ހުންނަ ކަމަށެވެ.
''އަޅުގަނދަކަށް ނޭނގޭ އިންތިޚާބުތަކުގެ ވާހަކަ ދައްކާކަށް، އަޅުގަނޑަށް އެނގެނީ، އާންމު ރަށެއްގައި، މީހުން ދިރިއުޅޭ ރަށެއްގައި ކުޅިވަރު އޮތީ ދެފެން ދޭތެރޭގައި ލާހޫރޭ އެއްޗެއްގެ ގޮތުގައި، އެހެންވީމާ، އެކަން ފުރަތަމަ ޙައްލުކޮށްގެން އަޅުގަނޑަށް ހީވަނީ އިންތިޚާބާ ހިސާބަށް އަންނަންވީ، އެތްލެޓިކް މުބާރާތެއްގައި ބައިވެރިވާން؟ މާލޭގައި އޮންނަ މުބާރާތެއްގައި ބައިވެރިވާން ކިތައް ފަރާތުން ސްޕޮންސަރކޮށްގެންތޯ ކުއްޖަކަށް އައިސް މިތާ އޮންނަ ޓްރެކުގައި ދުވެލެވެނީ އިއްޒަތްތެރި ރައީސް. މިކަމާ ޒިންމާވާނެ ފަރާތެއް ހޯދަން އެބަޖެހޭ. އެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން އެބަޖެހޭ. ފުޓްބޯޅަ މުބާރާތެއް ބާއްވަންވީމާ އެކި އެސޯސިއޭޝަންތަކުން ނުވަތަ އެ ރަށެއްގައި އެ އޮންނަ ޖަމުޢިއްޔާތަކުން، އެކެޑެމީތައް ވެސް އަމިއްލަ ފަރާތްތަކުން ހިންގަނީ، އަޅުގަނޑަށް ފެންނަނީ، ކުޅިވަރުގެ ގާނޫޖީނު އަންނައިރުގައި ކޮންމެ ރަށެއްގައި ވެސް އެބަޖެހެއޭ، މިދެންނެވި ކުޅިވަރަށް ޚިދުމަތްކުރާނެ މުއައްސަސާއެއް ހުންނަން. އޭގެ ދަށުން އަންނަންވީ، ޔޫތު ސެންޓަރު ވެސް އޯކޭ. އެރީނާ ވިޔަސް މައްސަލައެއް ނެތް. ކޮންމެ ނަމެއް ކިޔަސް މައްސަލައެއް ނެތް. އިޖުތިމާއީ ސެންޓަރު ވިޔަސް، ޒުވާނުންގެ މަރުކަޒު ވިޔަސް، ޒުވާނުންނަށް ޚިދުމަތްކުރާ ސެންޓަރު ވިޔަސް، މި މުއައްސަސާ ފުރަތަމަ އެބަޖެހޭ އުފައްދަން.''
އޭނާ އިތުރަށް ވިދާޅުވިއެވެ.
ޢަލީ ވިދާޅުވީ ސްޕޯޓްސް ކޯޕަރޭޝަނުން ވެސް މުޢާމަލާތްކުރަންވީ އެ ރަށެއްގައި އުފެދިފައި އޮންނަ ކުޅިވަރަށް ޚިދުމަތްކުރާ މުއައްސަސާއަކާއި ކަމަށެވެ. އަދި އޭނާގެ ކޮންސެޕްޓަކީ، ކޮންމެ ރަށެއްގައި އެފަދަ މުއައްސަސާއެއް ހުރުން ކަމަށެވެ.
''ކުޅިވަރަށް؟ ހަމަ ކުޅިވަރުގެ ހަރަކާތްތައް، މިދެންނެވި ހުރިހާ ހަރަކާތްތައް، އެ ބޭފުޅުން ތިބީމާ ދަނޑު ވެސް ބަލަހައްޓަނީ. މަރާމާތު ވެސް ކުރަނީ. ލައިޓް އެނދީމާ ލައިޓް ވެސް ޖަހަނީ. އެ ބޭފުޅުންނަށް ދޭންވީ ބަޖެޓެއް ވެސް، އެ މުއައްސަސާއަށް، ވަކި މުއައްސަސާއެއް އުފައްދާފައި، އެތަނަށް ސިޔާސީ މުވައްޒަފުން ވެސް ލާފައި، އޭގެ ދަށުން އިދާރީ މުވައްޒަފުން ވެސް ލާފައި، އަދި މަރާމާތުކުރާނެ މީހުން ވެސް ލާފައި، ހުރިހާ ވައްތަރެއްގެ ޚިދުމަތްދެވޭ ގޮތަށް މުވައްޒަފުން ލާފައި ވަކި އެސޯސިއޭޝަނެއް އަޅުގަނޑު ހިތުން ސަރުކާރުން އެބަޖެހޭ އުފައްދަން. މި ކޮންސެޕްޓް އައިސްގެން ނޫން ގޮތަކަށް އަޅުގަނޑަކަށް ހިއެއްނުވޭ އަދި މިތާ މާލޭގައި ބާއްވާ އޮލިމްޕިކް ކޮމިޓީގެ އިންތިޚާބަކުންނެއް، އެހެން ސްޕޯޓްސް ކޯޕަރޭޝަންގެ އިންތިޚާބަކުންނެއް، އެހެން ތަނަކުން ރަށްރަށުގެ ކުޅިވަރަކަށް މާ ބޮޑު އަސަރެއް ކުރާ ތަނެއް އަޅުގަނޑަކަށް ނުފެނޭ އިއްޒަތްތެރި ރައީސް.''
ޢަލީ އިތުރަށް ވިދާޅުވިއެވެ.
އެ ސަބަބުތަކަށްޓައި، ހުރިހާ މެންބަރުން ވެސް ދާއިރާގެ ރަށްރަށުގައި ކަންކަން ހުރިގޮތްބައްލަވައި، ކޮމިޓީ މަރުޙަލާގައި އެ ބިލު ފާސްކުރާއިރު، އެ ބަދަލުތައް ކުޅިވަރުގެ ގާނޫނަށް ގެންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮންމެ ރަށެއްގައި ވެސް އެ ރަށަކަށް
އެކަށީގެންވާ ކުޅިވަރަށް ޚިދުމަތްކުރާނެ މުއައްސަސާއެއް ހުންނަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!