ތިލަދުންމަތީ ހުނަރުވެރިން: ރިޒޫގެ "ޔުނިކްރާފްޓް"

E3BD13FC-AC3D-438C-9A36-B10E8F3E18A5

ފަހައިގެން ތަފާތު ކްރާފްޓް ތައްޔާރު ކުރުމުގައި ފާހަގަ ކޮށްލެވޭ ކާމިޔާބު މަސައްކަތްތަކެއް ކުރަމުން އަންނަ ހދ.ވައިކަރަދޫ، ސެޑްލެސް  އައިޝަތު ރިޒްމާ (ރިޒޫ)އަކީ  ހީވާގި ޒުވާނެކެވެ. އުފެއްދުންތެރި ޚިޔާލުގެ ވެރިއެކެވެ. ވިސްނުމާއި އެއްގޮތަށް ފަހައިގެން އެ އެއްޗެއްގެ ސިފަ ގެނެސްގަތުމަކީ ރިޒޫއަށް މާ އުނދަގޫކަމެއް ނޫނެވެ.

މި މަސައްކަތުގެ ތެރެއަށް ވަދެވުނުގޮތް ހިއްސާ ކުރަމުން ރިޒޫ ބުނެފައިވަނީ، ތަފާތު ކުރާފްޓް މަސައްކަތްތަކަކީ އަބަދުވެސް ވަރަށް ޝަޢުޤުވެރިވާ މަސައްކަތްތަކެއް ކަމަށެވެ. މިގޮތުން 2007 ވަނަ އަހަރު ފުރަތަމަ ދަރިފުޅު ލިބުމާއިއެކު ދަރިފުޅަށް ބޭނުންވާ ބައެއް ކުޅޭތަކެތީގެ އިތުރުން ދަރިފުޅަށް ކިޔަވައިދިނުމަށް ބޭނުން ކުރެވިދާނެ ބައެއް ކަހަލަ ފޮތްފަދަ ތަކެތި އަތުންނާއި ފަހާފޮށި ބޭނުން ކޮށްގެން ފަހައިގެން ތައްޔާރު ކުރިކަމަށެވެ.

އެ އަހަރުން ފެށިގެން ގޭތެރޭގައި ކްރާފްޓްގެ ތަފާތު މަސައްކަތް އެކުވެރިންނާއި އަދި އާއިލާގެ މެމްބަރުންނާއިއެކު ކުރަމުން އައި ކަމަށެވެ. ނަމަވެސް މި މަސައްކަތް ވިޔަފާރި އެއްގެ ގޮތުގައި ފަށައިގަތީ 2018 ވަނަ އަހަރުގެ ތެރޭގައެވެ.

ރިޒޫގެ މި މަސައްކަތުގެ ކޮންމެ ދުވަހަކީ ވެސް އައު ކަންތައްތަކެއް ދަސްކުރާ ދުވަހެކެވެ. ތަފާތު ކުޅޭ ސާމާނު އުފެއްދުމުގެ ތެރެއިން ފަށައިގަން ނަމަވެސް ރިޒޫ މިހާރު ތައްޔާރު ކުރާތަކެތީގެ ތެރޭގައި ކުއައިޓް ބުކް، އެރެބިކް އަލްފަބެޓް ބުކް، އިންގްލިޝް އަލްފަބެޓް ބުކް، ސެންސޮރީ ބުކް، ސީކުއީން ނޯޓްބުކް، ހާށަވިޔަނި ފޮތް، ސީކުއީން ޕިލޯ، ނޭމް ޓެގް، ކީ ޗެއިން، ހޭންޑް ބޭގް، ޓޯޓް ބޭގް، ޕާސް، ވޮލެޓް، ހޭންޑް ބޭންޑް، ބެނާގެ އިތުރުން ނަމްބަރު ބުކްވެސް ހިމެނެއެވެ.

މީގެއިތުރުން ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައި ދިނުމަށް ބޭނުންކުރާ ބައެއްތަކެތި، އެ ދަރިވަރުންނަށް ކިޔަވައި ދެއްވާ މުދައްރިސުން އެދިލައްވާ ގޮތައް ބައެއް ސްކޫލްތަކަށް ރިޒޫ މިހާރުވެސް ދަނީ ތައްޔާރު ކޮށްދެމުންނެވެ.

ދަރިވަރުންގެ އުމުރުފުރާތަކާއި ގުޅޭގޮތުން ތަފާތު އެކި ވައްތަރުގެ ޕެންސިލް ކޭސް ތައްޔާރު ކޮށްދިނުމަކީ ވެސް ރިޒޫ ވަރަށް ލޯބިކުރާ މަސައްކަތެކެވެ. ރިޒޫ ތައްޔާރު ކުރާ ޕެންސިލް ކޭސްތަކުގެ ތެރޭގައި އާދައިގެ ޕެންސިލް ކޭސްގެ އިތުރުން ރޯލަޕް ޕެންސިލް ކޭސް އަދި ސީކުއީން ޕެންސިލް ކޭސް ހިމެނެއެވެ.

ލިބިފައި ހުންނަ ހުނަރެއްގެ ބޭނުންހިފައި އެކަމުގައި ކުރިއަށް ދިޔުމަށް ގަދައަޅާ މަސައްކަތް ކުރުމަކީ އެ ކަމެއް ކާމިޔާބު ވުމަށް އޮތް މަގެވެ. ރިޒޫގެ އެންމެ އާދަޔާ ޚިލާފްކަމަކީ، ގިނަ ސާމާނުތަކެއް އަމިއްލަ މަސައްކަތުން ތައްޔާރުކޮށް ގިނަބައެއްގެ ލޯބި ހޯދާފައިވާއިރު، މި މަސައްކަތުގައި އެއްވެސް ތަމްރީނެއް ހޯދާފައި ނެތުމެވެ. މިއީ ރިޒޫގެ މި މަސައްކަތުގައި ކުރިއަށް ދިޔުމަށް ރިޒޫ ކޮށްފައިވާ ބުރަ މަސައްކަތް ރަމްޒުވާ ކަމެކެވެ. އަދި ރިޒޫއަކީ މަސައްކަތްކުރަން ކެރޭ ހީވާގި ކަނބަލެއް ކަމުގައި ދަންނަވަން ޖެހެނީ މި ސަބަބުތަކަށް ޓަކައެވެ.

"މި މަސައްކަތަށް ވަރަށް ޑިމާންޑް އޮވޭ، ކޯވިޑް ބަލިމަޑުކަމުގެ ކުރިން ވަރަށް ބިޒީ ޝެޑިއުލްގައި މަސައްކަތް ކުރަމުން އައީ، ނަމަވެސް ކޯވިޑްއަށް ފަހު ހަތަރު މަސްދުވަސް ދިޔަ މި މަސައްކަތް އެއްކޮށް ހެން ހުއްޓިގެން، ނަމަވެސް އަނެއްކާ މިހާރު މި މަސައްކަތަށް އޮންނަ ޑިމާންޑް އަންނަނީ މަޑުމަޑުން ރަނގަޅުވަމުން"

މި މަސައްކަތަށް އޮންނަ ޑިމާންޑް ހިއްސާ ކުރަމުން ރިޒޫ ބުނެފައިވެއެވެ.

ރިޒޫގެ މި މަސައްކަތްތައް އާންމުކޮށް ރޭގަނޑުގެ ވަގުތުގައި ކުރަމުން އައި ނަމަވެސް، ރިޒޫގެ މަސައްކަތު ޝެޑިއުލް ބިނާވެފައި އޮންނަނީ ލިބޭ އޯޑަރުތަކުގެ މައްޗަށެވެ. ކަސްޓަމަރުން ބޭނުންވާ ވަގުތައް މަސައްކަތްތައް ނިންމައި ހަވާލުކުރުމަށް ހާއްސަ ސަމާލުކަމެއް ދެމުން އަންނަ ރިޒޫ ބުނެފައިވާ ގޮތުގައި އެކަށީގެންވާ ވަގުތުނެތި ލިބޭ އޯޑަރުތައް ނިންމުމަށް ބައެއް ރޭރޭ މެންދަމު ދެއެއް ނުވަތަ ތިނެއް ޖަހަންދެން ވެސް މަސައްކަތް ކުރާކަމަށެވެ.

މަސައްކަތަށް ބޭނުންވާ ސާމާނު ރާއްޖެއިން ލިބެން ނެތުން ނުވަތަ ހޯދަން އުނދަގޫ ވުމުގެ ޝަކުވާއަކީ ވަރަށް ގިނަ ދާއިރާއެއްގައި އޮންނަ ޝަކުވާއެކެވެ. ރިޒޫގެ މި މަސައްކަތުގައި ވެސް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ރިޒޫ ފާހަގަ ކޮށްފައިވަނީ ބޭނުންވާ ސާމާނު ހޯދުމުގައި ދިމާވާ ދަތިތަކެވެ.

"ފޮޓޯއެއް ފޮނުވާލާފަ ކަސްޓަމަރަކު ބުނެދާނެ އެ ފޮޓޯގައި އިން އެތި އެ އިން ގޮތައް ހަދައިދޭން، ސީދާ އެ ގޮތައް އެއްޗެއް ތައްޔާރު ކުރަންބަލާއިރު އެކަމަށް ބޭނުންވާ ސާމާނު ރާއްޖެއިން ލިބެން ނުހުރެދާނެ، މިއީ ވަރަށް ގިނައިންދިމާވާ ކަމެއް، ބައެއް ފަހަރު ބޭނުންވާ ކަހަލަ ގޮށެއް ނުލިބިގެން ވެސް އުޅެންޖެހިފަ އެބަހުރި"

މި މަސައްކަތުގައި ހުރި ދަތިތައް ހިއްސާކުރަމުން ރިޒޫ ބުނެފައިވެއެވެ.

ރިޒޫ ތައްޔާރުކުރާ ކޮންމެ އެއްޗެއް ވެސް ގިނަދުވަހު ބޭނުންކުރެވޭނޭ ފެންވަރުގައި ތައްޔާރު ކުރުމަށް ހާއްސަ ސަމާލުކަން ދެމުން އަންނަ އިރު މި މަސައްކަތުގައި ރިޒޫއަށް ލިބޭ ޕޮޒިޓިވް ފީޑްބެކްއަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ.

"މިސާލަކަށް ޕެންސިލް ކޭސް މި ހަދައިދެނީ ދަރިވަރަށް، އެ ދަރިވަރަށް ބޭނުންވާ ގޮތައް، ދެން ދަރިވަރު އެ ސްކޫލަށް ގެންދިޔައީމަ ކުލާހުގައ ހުންނަ މުދައްރިސްއަށް ވެސް އަދި ސްކޫލްގެ ޕްރިންސިޕަލަށް ވެސް އެ ބައެއް ފަހަރު ވަރަށް ބޮޑަށް ކަމުދޭ، އެބަހުރި ކަމުގޮސްގެން އެގޮތަށް އޯޑަރުތައް ލިބިފައި ވެސް، އަސްލު ރިޒޫގެ މި މަސައްކަތް ގިނަބަޔަކު ބަލައިގަނެ އެ ދެއްވާ ތަރުހީބަކީ މި މަސައްކަތުގައި ދެމިހުރުމަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ"

ކުރާ ކޮންމެ މަސައްކަތެއްގައި ވެސް ދުވަހަކަށްވުރެ ދުވަހެއް ކުރިއަރައި ދިޔުމަކީ އެ މަސައްކަތެއް ކުރާ ފަރާތުގެ އުންމީދަކަށް ވާނެކަން ޔަޤީނެވެ. މިގޮތުން ރިޒޫ ވެސް ކުރަމުން މިދާ ކުރާފްޓްގެ މަސައްކަތުގައި ތަފާތު އުފެއްދުންތައް ތަޢާރަފްކޮށް އިތުރު މުވައްޒަފުންތަކެއް މިކަމުގައި ޝާމިލަކޮށް ރާއްޖޭގައި ރަނގަޅު ފެންވަރެއްގައި މިކަން ކުރުމަކީ ރިޒޫގެ އެންމެބޮޑު އެއް އުންމީދެވެ.

ފެހުމާއި ގުޅުންހުރި ތަފާތު ކުރާފްޓް މަސައްކަތްތަކަކީ ވަރަށް ގިނަ ވަގުތުތަކެއް އެކަމުގައި ހޭދަކުރަން ޖެހޭނޭ މަސައްކަތަކަށް ވެފައި، ރިޒޫ މި މަސައްކަތުގައު ފާއިތުވި ދެ އަހަރު ދެމިހުރެވުމުގައި ގިނަގުނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިފައިވާ ކަން އޭނާވަނީ ފާހަގަ ކޮށްފައެވެ. މިގޮތުން އާއިލާގެ މެމްބަރުންނާއި ގާތް އެކުވެރިންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަ ކަމުގައި ރިޒޫ ވަނީ ފާހަގަ ކޮށްފައެވެ. އަދި އެ ފަރާތްތަކަށް ރިޒޫވަނީ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކޮށްފައެވެ.

Arabic alphabet book for baby #alyaas

Posted by Unicraft on Saturday, November 14, 2020

ޝުކުރުގެ ލިސްޓުގައި ހިމަނަން ރިޒޫ ބޭނުންވާ އަނެއްބަޔަކީ އޭނާގެ މަސައްކަތަށް ލޯބިކޮށް އޭނާ މި މަސައްކަތުގައި ދެމިހުރުމުގެ އަސްލު ކަމުގައިވާ އޭނާގެ ކަސްޓަމަރުންނެވެ. ކަސްޓަމަރުންގެ ފަރާތުންލިބޭ ހިތްވަރު ފާހަގަކޮށް އެ ފަރާތްތަކަށް ވެސް ރިޒޫވަނީ ޝުކުރު ދަންނަވާފައެވެ.

ރިޒޫގެ މަސައްކަތްތައް ބަލައިލުމަށް އަދި އޯޑަރު ކުރެއްވުމަށް އޭނާގެ ފޭސްބުކް ޕޭޖް Unicraft  (ޔުނިކްރާފްޓް) ނުވަތަ އިންޓަގްރާމް އެކައުންޓް unicraft.mv (ޔުނިކްރާފްޓް.އެމްވީ)އަށް ޒިޔާރަތް ކޮށްލާށެވެ.

ތިލަދުން ނޫހުގެ ފަރާތުން ރިޒޫގެ ތި މަސައްކަތަށް އަބަދުވެސް ކާމިޔާބަށް އެދެމެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.