ޑިޒައިން އެންޑް ބިލްޑް އުސޫލުން 15 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް އަދި 5 ރަށެއްގެ ފެނުގެ ނިޒާމް ޤާއިމްކުރުމަށް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ގެންގޮސްފައިވަނީ އަޑުގެ ސެނެކޯ މާލަމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި ނޭޝަނަލް ޕްލޭނިން، ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ.

Ad
rt

ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި އެ އެއްބަސްވުމުގެ ދަށުން ފެނާއި ނަރުދަމާ މަޝްރޫއު 18 މަސް ދުވަސްތެރޭ ނިންމަން ޖެހެ އެވެ. އަދި ފެނުގެ ނިޒާމުގެ މަސައްކަތް 15 މަސްދުވަސް ތެރޭ ނިންމަން ޖެހެ އެވެ.

އެ މަޝްރޫއުތަކުގެ ޖުމްލަ އަގު 1,306,632,559.32 (އެއް ބިލިއަން ތިންސަތޭކަ ހަ މިލިއަން ހަ ލައްކަ ތިރީސް ދެ ހާސް ފަސްސަތޭކަ ފަންސާސް ނުވަ ރުފިޔާ / ތިރީސް ދެ ލާރި) އަށް އަރާނެ ކަމަށް ވެސް މިނިސްޓްރީއިން ބުނެފައިވެއެވެ.

ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހަވާލުކުރި ރަށްތަކަކީ؛

1. އއ. ފެރިދޫގެ ފެނާއި ނަރުދަމާ: 69,325,662.41 ރުފިޔާ
2. އއ. ހިމަންދޫގެ ފެނާއި ނަރުދަމާ: 65,834,544.82 ރުފިޔާ
3. ބ. ކަމަދޫގެ ފެނާއި ނަރުދަމާ: 56,662,399.46 ރުފިޔާ
4. ބ. މާޅޮހުގެ ފެނާއި ނަރުދަމާ: 60,448,081.38 ރުފިޔާ
5. ހއ. މާރަންދޫގެ ފެނާއި ނަރުދަމާ: 72,808,185.71 ރުފިޔާ
6. ހއ. ތަކަންދޫގެ ފެނާއި ނަރުދަމާ: 76,745,355.54 ރުފިޔާ
7. ހއ. ވަށަފަރުގެ ފެނާއި ނަރުދަމާ: 78,920,432.80 ރުފިޔާ
8. ހދ. ހިރިމަރަދޫގެ ފެނާއި ނަރުދަމާ: 69,140,251.05 ރުފިޔާ
9. ހދ. ކުމުންދޫގެ ފެނާއި ނަރުދަމާ: 102,170,029.15 ރުފިޔާ
10. ށ. ގޮއިދޫގެ ފެނާއި ނަރުދަމާ: 86,048,775.52 ރުފިޔާ
11. ނ. މާފަރުގެ ފެނާއި ނަރުދަމާ: 94,416,435.25 ރުފިޔާ
12. ނ. ފޮއްދޫގެ ފެނާއި ނަރުދަމާ: 58,147,625.89 ރުފިޔާ
13. ރ. ފައިނުގެ ފެނާއި ނަރުދަމާ: 63,344,370.14 ރުފިޔާ
14. ޅ. އޮޅުވެލިފުށީގެ ފެނާއި ނަރުދަމާ: 80,082,362.13 ރުފިޔާ
15. އދ. ކުނބުރުދޫގެ ފެނާއި ނަރުދަމާ: 45,122,815.45 ރުފިޔާ

ފެނުގެ ނިޒާމް ގާއިމްކުރުމަށް ހަވާލުކުރި ރަށްތަކަކީ؛

16. އއ. މަތިވެރީގެ ފެނުގެ ނިޒާމް: 38,829,270.78 ރުފިޔާ
17. ހއ. މުރައިދޫގެ ފެނުގެ ނިޒާމް: 46,850,266.20 ރުފިޔާ
18. ށ. ފީވަކުގެ ފެނުގެ ނިޒާމް: 49,603,418.19 ރުފިޔާ
19. ނ. ހެނބަދޫގެ ފެނުގެ ނިޒާމް: 41,360,972.02 ރުފިޔާ
20. ރ. އިންނަމާދޫގެ ފެނުގެ ނިޒާމް: 50,771,305.44 ރުފިޔާ

ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަޝްރޫއުގެ ދަށުން ވިޔުގަ އެޅުމާއި އާރުއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކު ބެހެއްޓުމާއި ނަރުދަމާގެ ޕަމްޕު ސްޓޭޝަން ގާއިމްކުރުމުގެ އިތުރުން ސީ އައުޓް ފޯލް އެޅުމާއި އިދާރީ އޮފީސް ގާއިމްކޮށް، ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅާނެ އެވެ.

ފެނުގެ ނިޒާމު ގާއިމްކުރުމުގެ މަޝްރޫއުގެ ދަށުން ވިޔުގަ އެޅުމާއި އާރުއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކު ބެހެއްޓުމާއި އަދި ސީ އައުޓް ފްލޯ އެޅުމާއި އިދާރީ އޮފީސް ގާއިމްކޮށް އަދި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅގައިދިނުން ހިމެނެ އެވެ.