ތިލަދުންމަތީ ހުނަރުވެރިން: ފަރިދޫއަށް އުފަން ހުނަރުވެރި ޅެންވެރިއެއް!

Nizam

"ނިޡާމްއަކީ ޅެން ހެދުމުގެ ޤާބިލްކަން ހުރި ދަރިވަރެއް" މިއީ ތިލަދުންމަތީ ދެކުނުބުރީ ފަރިދޫއަށް އުފަން މުޙައްމަދު ނިޡާމްގެ ސިކުނޑީގައި އަބަދުވެސް ހަރުލާފައި ހުންނަ ބަސްކޮޅެކެވެ. ނުވަތަ ބުނުމެކެވެ.

މި ބުނުމަކީ 1992 ވަނަ އަހަރުން 1997 ވަނަ އަހަރާއި ދެމެދު ނިޡާމް ތަޢުލީމް ޚާޞީލް ކުރުމަށް ހއ.އުތީމުގައި އުޅުނު ދުވަސްވަރު ނިޡާމްއަށް ދިވެހިބަސްކިޔަވައިދެއްވި މުދައްރިސެއް ކަމުގައިވާ މަޝްހޫރު ޅެންވެރިޔާ އުތީމު އާންބޭގެ ކޮއްކޮ، އުތީމު އަބްދުއްރަހީމް، ނިޡާމްއަށް ނިސްބަތްކޮށް ބުނެފައިވާ ބުނުމެކެވެ.

ނިޡާމް އެ ދުވަސްވަރު ޅެންހަދައި ނޫޅުނު ކަމުގައި ވިޔަސް، އެދުވަސްވަރު ވެސް ރާއްޖޭގެ މަޝްހޫރު ޅެންވެރިން ހަދާފައި ހުންނަ ޅެންތައް ވަރަށް ގިނައިންކިޔައި އުޅެއެވެ. އެއީ އެކަމަށް އޮންނަ ޝަޢުޤަކާއި ލޯތްބެއްގެ ބޮޑުކަމުންނެވެ.

ނިޡާމް ޅެންހަދަން ފެށީ  1997 ވަނަ އަހަރު ކ.ހުރާ ސްކޫލަށް ބަދަލުވުމަށް ފަހުގައެވެ. އެ އަހަރުން ފެށައިގެން 2002 ވަނަ އަހަރުގެ ނިޔަލަށް ނިޡާމްތަޢުލީމު ޚާޞިލް ކޮށްފައިވަނީ ހުރާ ސްކޫލުގައެވެ. ޅެންވެރިކަމުގެ އިތުރުން އަދަބީ ގިނަ ކަންކަމުގައި ނިޡާމްއަކީ މަދަރުސީ ދަޢުރުގައި ވެސް ފާހަގަކޮށްލެވޭދަރިވަރެކެވެ.

2002 ވަނަ އަހަރު ތަޢުލީމީ ހަޔާތް ނިންމާލުމަށްފަހު ހަމަ އެ އަހަރު ފޯސީޒަން ކުޑަހުރާ ރިސޯޓްގައި ހައުސް ކީޕިން ވަޒީފާ އަދާކުރަން ފެށި ނަމަވެސް އެކިއެކިސްކޫލްތަކަށް ޚިދުމަތް ކުރުމަކަށް ނިމުމެއް ނާދެއެވެ. މިއަދުވެސް އެކަން ހިނގަމުންދަނީ އެ ގޮތަށެވެ.

މާލޭގެ ބައެއް ސްކޫލްތަކުގެ ބައެއް ހަރަކާތްތަކާއި ގުޅޭ ޅެން ހެދުމުގެ އިތުރުން ހދ.ހަނިމާދޫ ސްކޫލާއި، ހދ.ނޮޅިވަރަންފަރު ސްކޫލާއި، ކ.ހުރާ ސްކޫލްފަދަސްކޫލްތަކުގެ ގިނަ ހަރަކާތްތަކަކަށް ނިޡާމްވަނީ ޅެންހަދާފައެވެ.

ނިޡާމްގެ  ހުނަރުވެރިކަމާއި  ގުޅޭގޮތުން  ހުރާ  ސްކޫލުގެ  ޕްރިންސިޕަލް  އައިމިނަތު  އަރީޝާ  ބުނެފައިވަނީ ނިޒާމް އަކީ ހުރާ ސްކޫލުން ފާހަގަ ކުރެވޭ ޙާއްސަދުވަސްތަކަށް ގިނަ ޅެންތަކެއް ތައްޔާރު ކޮށްދެއްވައިފައިވާ ހުނަރުވެރި ފަރާތެއް ކަމަށެވެ. 

"މިވީހާތަނުގަ ނެތް ޅެމެއް ހަދަން ބުނެގެން ނުކޮށްދީއެއް. ކިތަންމެ ބިޒީ ވިޔަސް ސްކޫލުން އެދެފިނަމަ އެކަމަށް އިޖާބަދޭނެ. ޅެން ހެދުމަށްފަހު ރަނގަޅުތޯ ބަލަން ފޮނުވާނެ. ނިޒާމްގެ ޅެންތައް ވަރަށް ފެންވަރު ރަނގަޅުވާނެ."

މިހާރު  ބޭނުންކުރަމުން  އަންނަ  ނޮޅިވަރަމްފަރު ސްކޫލް ލަވައިގެ ޅެމުގެ އިތުރުން އެ ސްކޫލްގެ ރަންޔޫބިލް ލަވައިގެ ޅެމާއި އަދި އެ ސްކޫލުގައި ފާހަގަކުރަމުންއަންނަ ގިނަ ދުވަސްތަކާއި ގުޅޭ ޅެންތައް ވެސް ހަދާފައިވަނީ ނިޡާމްއެވެ.

ގިނައަދަދަކަށް ކ.ހުރާ ސްކޫލުގެ ހަރަކާތްތަކަށް ޅެންހެދުމުގެ އިތުރުން އެ ރަށުގެ ބައެއް ކުޅިވަރު މުބާރާތްތަކުގެ ލަވަތަކުގެ ޅެންވެސް ނިޡާމްވަނީ ހަދައިދީފައެވެ. އަދި ހަނިމާދޫ ސްކޫލުގެ ބައެއް ހަރަކާތްތަކާއި ގުޅޭ ޅެންތައކާއި، ޤައުމީ ދުވަހާއި، ކުޑަކުދިންގެ ދުވަހާއި މުދައްރިސުންގެ ދުވަހާއި ބެލެނިވެރިންގެ ދުވަސް ފަދަ ދުވަސްތަކަށް ޅެންހަދައި އަދި ބައެއް ޅެންތަކަށް ވީޑިއޯ ހިލޭސާބަހަށް ހަދައިދެމުން އަންނަ އައުމަކީ ނިޡާމް މި މަސައްކަތަށްއޮންނަ ލޯބި ދައްކުވައިދޭ ކަންކަމެވެ.

ނިޡާމް ބުނާގޮތުން ނަމަ ޅެންހަދައި ދިނުމަށް ދުވަހަކު ވެސް އަގެއް ނެގުމަކީ އޭނާ ކުރާނޭ ކަމެއް ނޫނެވެ.

ފާއިތުވި ހަތަރުފަސް އަހަރެއްގެ ތެރޭގައި ސަތޭކަ ތިރީހަށްވުރެ ގިނަ ޅެން ހަދާފައިވާ ނިޡާމް މި ދާއިރާއަށް ކުޅަދާނަކަމާއި ފަރިތަކަން ހާމަވާ އަނެއް ހެއްކަކީ އޭނާއަށް ޅެން ހެދުމަށް އުންދަގޫ އެއްވެސް މަޢުޟޫއެއް ނެތުމެވެ. ކޮންމެ މަޢުޟޫއަކަށް ވެސް ޅެންބައިތުތަށް ތަރުތީބު ކޮށްލުމަކީ ނުވަތަ އަތުރާލުމަކީ އޭނާއަށް ދާދި ފަސޭހަ ކަމެކެވެ.

ތަމްރީނެއް ނެތި މި މަސައްކަތް ކުރަމުން އައި ނަމަވެސް 2019 ވަނަ އަހަރު ނިޡާމް ވަނީ އީސަ އޮންލައިން ޕޮއެޓްރީގެ ނަމުގައި މަޝްހޫރު ޅެންވެރިޔާ އީސާ ޝަރީފް ހަފްތާއެއްގެ މުއްދަތަށް ކުރިއަށް ގެންދިޔަ ޅެންހަދަން ދަސްކޮށްދޭ އޮންލައިން ކޯހެއް ފުރިހަމަ ކޮށްފައެވެ. އޭގެކުރިން އެއްވެސް ތަމްރީނެއްނެތި މިމަސައްކަތް ކުރަމުން އައި ނަމަވެސް ރާއްޖޭގައި އުފެދުނު ބައެއް ކުޅަދާނަ ޅެންވެރިންގެ ފަރާތުން ލިބިފައިވާ އެހީތެރިކަން ނިޡާމްވަނީ ފާހަގަކޮށްފައެވެ. މިގޮތުން ނ.މަނަދޫއަށް އުފަން ކުޅަދާނަ ޅެންވެރިޔާ ހާރޫން ރަޝީދު (ހާރޭ)ގެ ނަން ފާހަގަކޮށް ނިޡާމް ވަނީ ހާރޭ ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކޮށްފައެވެ.

ޅެންހެދުމުގެ މަސައްކަތް އާންމު ގޮތެއްގައި މެންދަމާއި ފަތިހުގެ ވަގުތު ވަގުތު ތަކުގައި ކުރަމުން އަންނަ ނިޡާމްއަށް ޅެމެއް އަތުރާލުމަށް ތިރީހަކަށް މިނެޓުން ފުދޭކަމުގައި އޭނާ ބުނެފައިވެއެވެ.

ނިޡާމް މިދާއިރާއިން އަބަދުވެސް ދެކެން ބޭނުމީ މިކަމުގެ ތެރެއަށް ޒުވާންކުދިން ނުކުމެ ޅެންވެރިކަމުގައި ހަރަކާތްތެރިވާތަން ފެނުމެވެ.

"މިހާރު އެބަފެނޭ ވަރަށް އުމުރުން ހަގުކުދިން ޅެންހެދުމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ތަން،އަނެއްކާ ވަރަށް ރަނގަޅު ފެންވަރުގެ ޅެންތައް ޒުވާން ކުދިން ހަދާފައި ހުންނަތަން ފެނޭ، އަސްލު ވަރަށް އުފާވޭ ޒުވާން ކުދިން މި މަސައްކަތުގެ ތެރެއިންފެނުމުން"

އެކަން ހާޞިލްވަމުން އަންނަކަން ފާހަގަކުރަމުން ނިޡާމް ބުނެފައިވެ އެވެ.

ނިޡާމްއަށް ޅެންވެރިކަމުގައި ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ޅެންވެރިކަމުގެ ފަންނަށް ޚިދުމަތް ކޮށްދެވޭތީ ލިބޭ ހިތްހަމަ ޖެހުމެވެ. އަދި ނިޡާމްގެ މިމަސައްކަތް އެކިފަރާތްތަކުން ބަލައިގަނެ އެ ފަރާތްތަކުން ދެއްވާ "ޕޮޒިޓިވް ކޮމެންޓްސް" އަކީ ނިޡާމްއަށް މި މަސައްކަތުގައި ލިބޭ އެންމެބޮޑު ހިތްހަމަޖެހުންގޮތުގައި ނިޡާމް ފާހަގަކުރެއެވެ.

ނިޡާމްއަކީ ހަމައެކަނި ޅެންވެރިއެއް ނޫނެވެ. ބަނދި ހެދުމާއި، ރައިވަރު ހެދުމަކީ ވެސް ނިޡާމް ކޮށްއުޅޭ މަސައްކަތްތަކެވެ. ހިލޭސާބަހަށް ކޮށްދެމުން އަންނަ މިމަސައްކަތަކީ ޝުކުރު ހައްޤު މަސައްކަތެއްކަން ޔަޤީނެވެ

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ކިޔުންތެރިންގެ ޚިޔާލުތައް

  1. ދިވެހި ބަސް ލިޔަން ނޭންގެނީތޯ އަކުރު މަށްޗައް އަކުރު ފިލި މަށްޗައް ފިލި މީ ތަންކޮޅެއް ބޮޑު ވަރު

  2. ދިވެހި ބަސް ލިޔަން ނޭންގުމުގެ މައްސަލަ އެއް ނޫން އެއީ، ބަޔެއް ނޫސްތައް ކިއުމުގައި އެންޑްރޮއިޑް ފޯނުތަކަށް ދިމާވާ މައްސަލައެއް، ރާއްޖޭގެ ވަރަށް ގިނަ ނޫސްތަކަކަށް އެމައްސަލަ ފާހަގަ ކުރެވޭ، ބެލެވެނީ ފަހުން އައިސްފައިވާ އަޕްޑޭޓްއެއްގެ ސަބަބަުން ދިމާވާ މައްސަލައެއް ކަމަށް

ހިޔާލު ދެއްވާ!

Your email address will not be published.