މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްގީ ކުރަމުންދާ ށ. ފީވަކު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 61 ޕަސެންޓް ނިމިއްޖެ ކަމަށް އެކުންފުނިން ބުނެފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އަށް ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 69.3 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

Ad
rt

ފީވަކުގައި މިހާރު ކުރިއަށްދާ މި މަޝްރޫޢުގެ ބޭރުތޮށި ރޭނުމުގެ 53 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާއިރު، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ 41 ޕަސެންޓް މަސައްކަތްވެސް މިހާރު ވަނީ ނިމިފައެވެ.

މި މަޝްރޫޢުގެ ދަށުން، 55,163 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 464 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުން ހިމެނިފައިވާއިރު، 356 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 182 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި އަދި 2،320 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނިފައިވެއެވެ.

ފީވަކުގައި ކުރިއަށްދާ މި މަޝްރޫޢުގައި އެމްޓީސީސީގެ ފަރާތުން ސޮއިކޮށްފައިވަނީ މިދިޔަ އަހަރު ޖުލައިމަހުގެ 2 ވަނަ ދުވަހުއެވެ.

ށ. އަތޮޅުގައި ނިސްބަތުން ފީވަކަކީ އޮޑި ދޯނި ފަހަރު ގިނަ ރަށެކެވެ. އެހެންކަމުން މިހާރު އެމްޓީސީސީން ކުރިއަށް ގެންދާ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު ނިމުމުން މިވަގުތު އެރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބަނދަރުގެދަތިކަމަށް ވަރަށްބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ފާހަގަކުރެވެއެވެ.

އެމްޓީސީން އަންނަނީ ރާއްޖޭގެ ގިނަ ޢަދަދެއްގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގަމުންނެވެ. އަދި އެކުންފުނިން ދަނީ މާލީ ފުރިހަމަ ނަތީޖާއެއް ވެސް ހާސިލް ކުރަމުންނެވެ. މި ގޮތުން މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ވަނީ ސާފު ފައިދާގެ ގޮތުގައި 51 މިލިއަން ރުފިޔާ ލިބިފައި އެވެ.

އެމްޓީސީސީގެ މިއަހަރުގެ ތިން ވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް ވިޔަފާރިން 350 މިލިއަން ރުފިޔާ ވަނީ އެ ކުއާޓަރުގައި ލިބިފަ އެވެ. މިއީ މި އަހަރުގެ ދެވަނަ ކުއާޓަރާ އަޅައި ބަލާއިރު 41 ޕަސެންޓް އިތުރުވުމެކެވެ.