ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް)ގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ފަރާތުން ކުރިއަށްްގެންދާ އެންމެހާ ހަރަކާތްތަކާއި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ މަޢުލޫމާތުތައް އެ ސާރވިސްގެ އިސްވެރިންގެ ކިބައިން ހޯއްދަވާފައެވެ.

Ad
rt

އެގޮތުން އެ ސާރްވިސްގެ އިސްވެރިން ވަނީ ޓެލެކޮންސަލްޓޭޝަންގެ ޚިދުމަތްތައް ފެށުމަށް ކުރަމުންދާ ތައްޔާރީތަކާއި، ޚިދުމަތް ހޯދާ މީހުންގެ ރިކޯޑުތައް ބެލެހެއްޓުމުގެ މަސައްކަތް "ޑިޖިޓަލައިޒް" ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ނައިބު ރައީސް އާއި ޙިއްޞާކުރައްވާފައެވެ.

މީގެ އިތުރުން، އެ ސަރވިސްއިން ދެމުންގެންދާ ޚިދުމަތްތައް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ވަނީ ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތައް އެންމެ ފުރިހަމަގޮތުގައި ދިނުމަށް ކުރިމަތިވާ އެންމެހާ ދަތިތައް ހައްލު ކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް ވާހަކަދައްކާ އެކަން ހައްލުކުރުމުގެ މަސައްކަތް ކޮށްދޭނެ ވާހަކަ ދަންނަވާފައެވެ.

މީގެ އިތުރުން އެފަރާތުން ދޭ ސާރވިސްގެ އެންމެހައި ކަންކަން އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާއިރު، އެ ކަމެއްގައި ޝާމިލުވާ ހުރިހާ އިދާރާއެއްގެ ހިއްސާއާއި ބައިވެރިވުން އޮންނަ ގޮތަށް އެ ކަންތައްތައް ނިންމުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ނައިބު ރައީސްގެ އަރިހުގައި މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.