ކޯވިޑް-19ގެ ސަބަބުން މެދުކަނޑާލި އުމްރާގެ އަޅުކަމަށް ފިޔަވަހި ތަކަކަށް ބަހާލައިގެން އަލުން ފުރުޞަތު ދެމުންދާއިރު، އެ އަޅުކަމަށް ސައުދީ އަރަބިއްޔާ ނޫން ޤައުމުތަކުގެ މީހުންނަށް އެ ޤައުމު އިއްޔެ ހުޅުވާލައިފިއެވެ.
ތިންވަނަ ފިޔަވަހީގެ ދަށުން ސައުދީ ނޫން ޤައުމުތަކުގެ މީހުންނަށް އުމްރާގެ އަޅުކަން ކުރުމަށް ދިއުމަށް ހުޅުވާލިއިރު، އުމްރާގެ އަޅުކަމަށް ގައުމުން ބޭރުން އަންނަ މީހުންނަށް ސައުދީ އަރަބިއްޔާގައި ތިބެވޭނީ 10 ދުވަހުގެ މުއްދަތަށް ކަމަށް، ސައުދީ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރ އޮފް ހައްޖު އެންޑް އުމްރާ އަމްރް އަލް-މައްދާހް ވަނީ ވިދާޅުވެފައެވެ.
ޑެޕިއުޓީ މިނިސްޓަރ އޮފް ހައްޖު އެންޑް އުމްރާ އަމްރް އަލް-މައްދާހް ވިދާޅުވީ، އުމްރާއަށް އަންނަ އެންމެން ކޯވިޑަށް ޓެސްޓްކުރާނޭ ކަމަށާއި، އަދި މީހެއްގެ ގައިން ބަލި ފެނިއްޖެނަމަ އެމީހަކު ވަރަށް ރަނގަޅަށް ބެލެހެއްޓޭނެ ކަމަށެވެ.
މިގޮތުން އުމްރާގެ އަޅުކަމަށް ބޭރު ގައުމުތަކުން އައުމަށް ސައުދީ ސަރުކާރުން ފުރުސަތު ދީފައިވަނީ އުމުރުން 18 އަހަރާއި 50 އަހަރާ ދެމެދުގެ އުމުރުގެ މީހުންނަށެވެ.
އުމްރާގެ އަޅުކަމަށް ހުޅުވާލައި، ކަނޑައެޅި ތިންވަނަ ފިޔަވަހި އިއްޔެ ފެށުނުއިރު، ސައުދީ ސަރުކާރުން އެކަށައަޅާފައިވާ އުސޫލުގެދަށުން އުމްރާގެ އަޅުކަމަށް ދާ ހުރިހާ އެންމެން ތިންދުވަހު ކަރަންޓީނުގައި ތިބެން ޖެހެއެވެ. އުމްރާގެ އަޅުކަން ފުރިހަމަ ކުރަން މަސްޖިދިލް ހަރަމާއި، މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީއަށް އުމްރާވެރިންނަށް ދެވެނީ ކަރަންޓީނު މުއްދަތަށް ފަހުގައެވެ.
މީގެކުރިން ފުރަތަމަ ފިޔަވަހި، އޮކްޓޫބަރު 4 ގައި، ދެވަނަ ފިޔަވަހި އޮކްޓޫބަރު 18 ގައި ފަށާފައިވާއިރު، އެ ދެ ފިޔަވަހީގެ ދަށުންވެސް އުމްރާގެ އަޅުކަމަށް ފުރުސަތު ދީފައިވަނީ ސައުދީ އަރަބިއްޔާގެ ރައްޔިތުންނަށާއި، އެގައުމުގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ މީހުންނަށެވެ.
ތިންވަނަ ފިޔަވަހި އިއްޔެ ހުޅުވާލިއިރު، ސައޫދީން ބޭރު ގައުމުތަކުން އިއްޔެ ގާތްގަނޑަކަށް 10،000 އެއްހާ މީހުން އުމްރާގެ އަޅުކަމަށް ދާނެ ކަމަށް ސައުދީ ސަރުކާރުން ބުނެފައި ވަނީ ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!