ސިއްޙީ ދާއިރާ ވަނީ ކޯވިޑް-19ގެ ބޮޑު ކޭސްލޯޑެއްވެސް މެނޭޖްކުރެވޭނެ މިންވަރަށް ޤާބިލުކަން އިތުރުކުރެވިފައި ކަމަށާއި، އިޤްތިސާދީ ހަރަކާތްތައް އަލުން ފެށިފައިވުމުގެ އަސްލަކީ ސަރުކާރުން އޭރު އެޅި ހަރުދަނާ ފިޔަވަޅުތައް ކަމަށް މިނިސްޓަރ އޮފް ފިނޭންސް އިބްރާޙީމް އަމީރު ވިދާޅު ވެއްޖެއެވެ.

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ބަޔާން ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ކޯވިޑް-19 ބަލިމަޑުކަން ދުނިޔޭގައި ފެތުރެން ފެށުމާއެކު، ދިވެހި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކަށްވީ ވައިރަސްއާ ކުރިމަތިލުމުގެ ޤާބިލުކަން ގާއިމްކުރުން ކަމަށެވެ.

Ad
rt

މިނިސްޓަރު އަމީރު ވިދާޅުވީ އެއީ އިޤްތިސާދީ ހަރަކާތްތައް އަލުން ފެށުމަށާއި، ރައްޔިތުންގެ ރައްކާތެރިކަމަށް މުހިއްމުވި ފިޔަވަޅުތަކެއް ކަމަށާއި، އަދި އިޤްތިސާދީ ލޮޅުމުގެ އަސްލަކީ ކޯވިޑް-19ގެ ވައިރަސްކަމުގައި ވީ ހިނދު، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން، މުޅި އިޤްތިޞާދު ސަލާމަތްކުރެވެން އޮތީ އެ ފިޔަވަޅުތައް އަޅައިގެން ކަމަށެވެ. އަދި އިޤްތިސާދީ ހަރަކާތްތައް މުޅިން އަނބުރާ އިއާދަކުރެވެން އަންނަނީވެސް ވައިރަސް ފެތުރުން ކޮންޓްރޯލްކުރެވި، އެއާއެކީ އުޅެވޭނެ މަގެއް ފަހިކޮށްގެން ކަމަށް ވިދާޅުވިއެވެ.

''މިގޮތުން ކޯވިޑް-19 އާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމަށް ސިއްޙީ ދާއިރާގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރެވުނު. ރާއްޖޭގައި ކޯވިޑް-19 އަށް ޓެސްޓުކުރެވޭނެ ގޮތް ހަދައި، މިއަދު ދުވާލެއްގެ މައްޗަށް 3000 އަށްވުރެ ގިނަ ޓެސްޓު ކުރެވޭނެ މަގު ފަހިކުރެވިއްޖެ. މިކަމަށް ޚާއްޞަ ހޮސްޕިޓަލް އެނދު މަދުވެދާނެކަމަށް ބެލެވުމުން، އެނދުގެ ކެޕޭސިޓީ ބޭނުންވާ މިންވަރަށް ހަމަކުރެވިއްޖެ. ބޭނުންވާ މެޝިނަރީ އާއި ވަސީލަތްތައް ހޯދިއްޖެ. ބޭހާއި ޚިދުމަތް ދިނުމަށް ބޭނުންވާ ތަކެތި ގެނެވިއްޖެ. މިއަދު ސިއްޙީ ދާއިރާ ވަނީ ކޯވިޑް-19 އާ ކުރިމަތިލައި، ބޮޑު ކޭސްލޯޑެއްވެސް މެނޭޖްކުރެވޭނެ މިންވަރަށް ޤާބިލުކަން އިތުރުކުރެވިފައި.''

މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ މި މިންވަރަށް ސިއްޙީ ޤާބިލުކަން އިތުރުކުރުމަށާއި، ކޯވިޑް-19 ގެ ސިއްޚީ އޮޕަރޭޝަނަށް 1.3 ބިލިއަން ރުފިޔާއާ ގާތަށް މިހާރު ހޭދަކުރެވިއްޖެ ކަމަށެވެ. އަދި މިއަދު ރާއްޖޭގެ ބޯޑަރު ހުޅުވައި، އިޤްތިސާދީ ހަރަކާތްތައް ފެށިފައިވުމުގެ އަސްލަކީ ސަރުކާރުން އޭރު އެޅި ހަރުދަނާ ފިޔަވަޅުތައް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސިއްޚީ ދާއިރާއަށް މި ކުރެވުނު އިންވެސްޓްމަންޓަކީ، ދިގު ރާސްތާގައިވެސް ފައިދާކުރާނެ މުހިއްމު އިންވެސްޓްމަންޓްތަކެއްކަން އޭނާ ވަނީ ފާހަގަ ކުރަށްވާފަ އެވެ.

ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން، ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބަލާއިރު، ކޯވިޑް-19 އާ ގުޅިގެން އިޤްތިސާދުގައި ވަޒީފާތައް މަދުވެއްޖެކަން ފާހަގަ ކުރަށްވާ މިނިސްޓަރު އަމީރު ވިދާޅުވީ ވަޒީފާ ގެއްލުނު މީހުންގެ އަދަދު ގިނަވެއްޖެ ކަމަށާއި، ޖޮބް ސެންޓަރުގެ ހިސާބުތަކަށް ބަލާއިރު، އޭޕްރީލުން ސެޕްޓެންބަރު މަހުގެ ނިޔަލަށް 10,538 އަށްވުރެ ގިނަ މީހުން ވަޒީފާ ގެއްލިގެން ނުވަތަ އާމްދަނީއަށް ނޭދެވޭ އަސަރުކޮށްގެން ޖޮބް ސެންޓަރަށް ހުށަހަޅާފައިވާ ކަމަށެވެ.

ރާއްޖޭގެ އިޤްތިސާދު ދަށްވެ، ވަޒީފާތަކަށް އަސަރުކުރުމުން، ދައުލަތުގެ ބަޖެޓުގެ އަމާޒަކަށްވީ އިޤްތިސާދު ހިފެހެއްޓުމާއި، ރައްޔިތުންނަށާއި ވިޔަފާރިތަކަށް ދިމާވެފައިވާ ނިކަމެތިކަމަށް އެހީތެރިވުންކަން ފާހަގަ ކުރަށްވާ މިނިސްޓަރު ވިދާޅުވީ ކޯވިޑް-19 އާއެކު ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރެއްވި ކަމަށެވެ. މިގޮތުން ކާޑާއި ޒަރޫރީ ތަކެތި ހޯދައި ސްޓޮކް ކުރުމަށް 84 މިލިއަން ރުފިޔާ ހޭދަކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

''ރައްޔިތުންނަށާއި ވިޔަފާރިތަކަށް ދިމާވި ދަތި ހާލަތަށް އެޑްރެސްކުރުމުގެ ގޮތުން އިކޮނޮމިކް ރިލީފް ޕެކޭޖެއް ތައާރަފްކުރެވުނު. މި ރިލީފް ޕެކޭޖްގެ ބޭނުމަކަށްވީ ދިވެހިންގެ ވަޒީފާއާއި ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވުން. އަދި އިޖުތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. މިގޮތުން ވަޒީފާތައް ރައްކާތެރިކުރުމަށް ޝަރުތުކޮށް، ވިޔަފާރިތަކަށް ރިލީފް ލޯނުތައް އެސްޑީއެފްސީ އާއި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ދެވުނު. މިގޮތުން ވިޔަފާރިތަކަށް މިހާތަނަށް ބެންކް އޮފް މޯލްޑިވްސް އާއި އެސްޑީއެފްސީ މެދުވެރިކޮށް 1.1 ބިލިއަން ރުފިޔާގެ ލޯނު އެހީ ދީފައިވާނެ. އަދި ވަޒީފާ ގެއްލުނު ފަރާތްތަކަށާއި އާމްދަނީއަށް އަސަރުކުރި ފަރާތްތަކަށް ސީދާ ސަރުކާރުން އިންކަމް ސަޕޯޓް އެލަވަންސް ދެވުނު. އިންކަމް ސަޕޯޓްގެ ގޮތުގައި 29 އޮކްޓޫބަރުގެ ނިޔަލަށް 10,538 ފަރާތަކަށް 116.1 މިލިއަން ރުފިޔާ ދެވިއްޖެ. އިޤްތިސާދުގެ ކޮންޒަމްޕްޝަން އިތުރުކޮށް، އިޤްތިސާދު ދަށްވިޔަ ނުދީ ހިފެހެއްޓުމަށް، ގޭބިސީތަކަށް ކަރަންޓު ބިލާއި ފެންބިލުން ޑިސްކައުންޓްދީ އެހީތެރިވެވުނު. ސަރުކާރުން ކުރިއަށް ގެންދިޔަ މި އިޤްތިޞާދީ ރިލީފް ޕެކޭޖްތަކުގެ ސަބަބުން، ދިވެހިންގެ އެތައް ވަޒީފާއެއް ސަލާމަތްކުރެވުނު. ގޭބީސީތަކާއި ވިޔަފާރިތަކަށް ހަމަޖެހިލާނެ ފުރުޞަތުތަކެއް ފަހިކޮށްދެވުނު.''

މިނިސްޓަރު އަމީރު ވިދާޅު ވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ އެކަންކަން ކުރުމަށް ބަޖެޓުން ޖާގަ ހޯދީ ޚަރަދުތައް ކުޑަކޮށް، 2020ގެ ބަޖެޓުގެ ތެރެއިން ޚަރަދުތައް އަލުން ތަރުތީބުކޮށްގެން ކަމަށެވެ. ކޯވިޑް-19 އާއެކު ޚަރަދު ކުޑަކުރުމުގެ ގިނަ ފިޔަވަޅުތަކެއް އެޅުނުކަން ފާހަގަ ކުރަށްވާ މިނިސްޓަރު ވިދާޅުވީ އެގޮތުން ސިޔާސީ ފަރާތްތަކާއި ބޮޑެތި މުސާރަލިބޭ ފަރާތްތަކުގެ މުސާރަތައް ކުޑަކުރެވުނު ކަމަށާއި، ފެށިފައިނުވާ ހުރިހާ މަޝްރޫޢުތަކެއް މަޑުޖައްސާލެވުނު ކަމަށެވެ.

މިގޮތުން 2020 ވަނަ އަހަރަށް ފާސްކުރެއްވި 37.9 ބިލިއަން ރުފިޔާގެ ބަޖެޓު ގާތްގަނޑަކަށް 27 ބިލިއަން ރުފިޔާއަށްވަނީ ކުޑަކޮށްފައި ކަމަށާއި، މިއީ ކުޑަކުރެވެން ހުރި ހުރިހާ ދިމާލަކުން ޚަރަދުކުޑަކޮށްފައިވާ ބަޖެޓެއްކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ނަމަވެސް، ކޯވިޑް-19 އާ ގުޅިގެން އިތުރުވި ޚަރަދުތަކާއެކު، 2020 ވަނަ އަހަރުގެ މުރާޖަޢާކުރި ބަޖެޓުގެ ޖުމުލައަކީ 31.8 ބިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކުރި މިންވަރަށްވުރެ 6.1 ބިލިއަން ރުފިޔާ ކުޑަ އަދަދެއް ކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.