ތައިލެންޑްގައި ހިނގަމުންދާ ސިލްސިލާ މުޒާހަރާތަކުގައި، އެއްވުން ރޫޅާލުމަށް އެ ޤައުމުގެ ފުލުހުން އެއްވެ ތިބި މީހުން ގަޔަށް ޕްރެޝަރުގައި ފެންޖަހައިފިއެވެ.

ރޮއިޓާރޒް އިން މަޢުލޫމާތުދޭ ގޮތުގައި މި އެއްވުމުގައި 10،000 މީހުން ހިމެނޭނެކަމަށާއި، މި އެއްވުމުގެ ބޭނުމަކީ، ރަސްގެފާނު މަހާ ވަޖިރަލޮންގްކޮންގްއަށް މެސެޖެއް ރައްދުކުރުން ކަމަށެވެ.

Ad
rt

ތައިލެންޑްގައި ހިނގަމުންދާ މި ސިލްސިލާ މުޒާހަރާތައް ހިނގަމުންދާތާ އެތައް މަސްތަކެއް ވީ އިރު، އެ ޤައުމުގެ ފުލުހުން ޕްރެޝަރުގައި ފެނުން އެއްވުން ރޫޅާލުމަށް މަސައްކަތްކުރި މިއީ ދެވަނަ ފަހަރެވެ. މިދިޔަ ޖުލައި މަހުން ފެށިގެން އެއްވުމުގެ ބައިވެރިންގެ ގޮވާލުމަކީ، އެ ޤައުމުގެ ސަރުކާރު އަލުން ހޮވައި، ރަނގަޅު ކުރުމެވެ.

އެއްވުމުގެ ބައިވެރިން ބޮޑު ވަޒީރު ޕްރަޔުތް ޗަން އޮޗާގެ އިސްތިއުފާއަށް ގޮވަމުންދާ އިރު، އޭނާ އަކީ 2014 ވަނަ އަހަރު ތައިލެންޑްގެ ބޮޑު ވަޒީރު ކަމަށް ބަޣާވަތަކުން އެރި މީހެކެވެ. އަދި އެއްވުމުގެ ބައިވެރިންގެ އަނެއް ގޮވާލުމަކީ، އެ ޤައުމުގެ ޤާނޫނު އަސާސީއަށް އިސްލާހުތަކެއް ގެނައުމަށެވެ.

ތައިލެންޑްގައި ހިނގަމުންދާ މުޒާހަރާއެއް ފެންޖަހައި ރޫޅާލަނީ، ފޮޓޯ: ބެންކޮކް ޕޯސްޓް

އާދިއްތަ ދުވަހު، އެ ޤައުމުގެ މަގުތައްމައްޗަށް ނުކުމެ މުޒާހަރާ ކުރި ބައިވެރިންވަނީ އަތުން ލިޔެގެން ގިނަ ޢަދަދެއްގެ ސިޓީ ގެނެސްފައެވެ. މި ސިޓީ އަކީ އެ ޤައުމުގެ ރަސްގެފާނަށް އެޑްރެސްކޮށް ލިޔެފައިވާ ސިޓީ ތަކެކެވެ. އަދި ސިޓީ ތަކުގައި ބޮޑުވަޒީރުގެ އިސްތިއުފާގެ އިތުރުން، ޤާނޫނު އަސާސީއަށް ބަދަލުތަކެއް ގެނައުމަށްވެސް ވަނީ ގޮވާލައްވާފައެވެ.

އެއްވުމުގެ ބައިވެރިން ސިޓީތައް ހިފައިގެން އެ ޤައުމުގެ ރަސްގެފާނުގެ ގެކޮޅަށް މިސްރާބު ހުރި އިރު، ފުލުހުން ވަނީ ވަކި ހިސާބަކުން ބެރިކޭޑް ޖަހައި ބަންދުކޮށްފައެވެ. އަދި އެއަށްފަހު، މުޒާހަރާގެ ބައިވެރިން ފަހަތަށް ނުޖެހުމުގެ ސަބަބުން ވަނީ ޕްރެޝަރުގައި ފެނުން ހަމަލާދީ، މުޒާހަރާ ރޫޅާލެވޭތޯ މަސައްކަތްކޮށްފައެވެ.

ފުލުހުންގެ ސްޕޯކްސްޕާރސަންއެއް ތައި ޓީވީ އަކަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ މުޒާހަރާގެ ބައިވެރިންނަށް ހަމަލާ ދީފައި ނުވާނެ ކަމަށާއި، ފެން ޖަހާފައިވާނީ "ޖައްވާއި" ދިމާލަށް ކަމަށެވެ.