ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދުގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ގޯނާގެ މައްސަލައިގެ ތަހުގީގު ނިންމައި ދަޢުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އެމައްސަލައާއި ގުޅިގެން، ޢަލީ ވަޙީދު، ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުން އިސްތިޢުފާދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވީ ނަމަވެސް، އެ މަގާމުން އިސްތިޢުފާ ދެއްވާފައިނުވާތީ، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުން ޢަލީ ވަޙީދު ވަކިކުރީ މިއަހަރުގެ ޖުލައިމަހުގެ 9 ވަނަ ދުވަހުއެވެ.

Ad
rt

މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ޢަލީ ވަޙީދު ހިންގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ވަނީ ރައީސުލްޖުމްހޫރިއްޔާ އަށާއި ޖެންޑަރ މިނިސްޓްރީއަށް ހުހަޅާފައެވެ. އަދި އެކަމާ ގުޅިގެން މިނިސްޓަރ އޮފް ޓުއަރިޒަމް ޢަލީ ވަޙީދު މަޤާމުން ޢިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އޭނާއަށް އަންގަވާފައިވަނީ ޖުލައި މަހުގެ 8 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އެ މައްސަލަ ތަހުގީގު ނިންމުމަށްފަހު އެމައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވީ، ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުޙުމަތުކުރެވޭ މައްސަލައިގެ ތަޙްޤީޤުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ކުރެވުނު މަޝްވަރާތަކާ އެއްގޮތަށް އިސްލާޙުކޮށް، މިމަހުގެ 7 ވަނަ ދުވަހު ޕީޖީ އޮފީހަށް މައްސަލައިގެ ލިޔެކިޔުންތައް ޙަވާލުކޮށްފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން 15 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފަ އެވެ.

މިމައްސަލައަށް ފަހު ޢަލީ ވަހީދުގެ ޕާސްޕޯޓުވެސް ވަނީ ޖުލައި 12 ވަނަ ދުވަހުން ފެށިގެން ހިފަހައްޓައި، ފުރުން މަނާ ކޮށްފައެވެ. މި މައްސަލައާއި ގުޅިގެން ޢަލީ ވަހީދު ދިރިއުޅޭގެ ވެސް ފުލުހުން ފާސްކުރިއެވެ.