ކޯވިޑް- 19 ބަލީގައި އިތުރު ދިވެއްސަކު ނިޔާވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ މިއަދު މެންދުރުފަހު 2:20 ގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް 11 ގައި އެޑްމިޓްކޮށްފައި އޮތް އުމުރުން 56 އަހަރުގެ ދިވެހި އަންހެނެއް ކޯވިޑް ބަލީ ގައި ނިޔާވެފައި ވާ ކަމަށެވެ.
މިއީ ކޯވިޑް ބަލީގައި ރާއްޖެއިން މަރުވި 35 ވަނަ މީހާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.
ރާއްޖޭގައި ކޯވިޑްގެ ހާލަތު މި ދިޔަ އޯގަސްޓް މަހުން ފެށިގެން ބޮޑު ތަނުން ގޯސްވި ނަމަވެސް، މިހާރު އަންނަނީ މި ބަލި ޖެހޭ މީހުންގެ ނިސްބަތް މަދުވަމުންނެވެ.
ފަހަކަށް އައިސް އަތޮޅުތަކުގެ މީހުން އުޅޭ ރަށްތަކުން ކޯވިޑް ކޭސްތައް ފެންނަ މިންވަރު އިތުރުވެފައިވާއިރު އެޗްޕީއޭއިން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު ރޭ އިރުއޮއްސި 6:00 އާއި ހަމައަށް އަތޮޅު ތަކުގެ 22 ރަށެއްގައި ކޯވިޑްގެ ބަލި މީހުން އެބަ ތިއްބެވެ.
މިހާތަނަށް ރާއްޖެއިން 10،859 މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މިބަލިން 9683 މީހުން ވަނީ ރަނގަޅު ވެފައެވެ. މިވަގުތު އައިސޮލޭޝަން ފެސިލިޓީގައި 376 މީހުން އެބަތިއްބެވެ. އަދި ހޮސްޕިޓަލްގައި ތިބީ 74 މީހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!