ކުޅުނު މެޗުތަކާއި، ޖެހިގޯލުގެ ޢަދަދަށް ބިނާކޮށް ހަދާފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ދުނިޔޭގެ ލަނޑު ލިސްޓުގެ ދެވަނަ މަޤާމް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤު (ދަގަނޑޭ) އަށް ލިބިއްޖެއެވެ.
މިވަގުތު ފުޓުބޯޅަ ކުޅެމުންދާ ކުޅުންތެރިންނަށް ނިޞްބަތްކޮށް، "ގިވްމީ ސްޕޯރޓް"އިން ނެރެފައިވާ ލަނޑު ލިސްޓުގައި ދަގަނޑޭއަށް ދެވަނަ ލިބިފައިވަނީ މެޗު ނިޞްބަތުން ޤައުމީ ޓީމަށް ގިނަ ގޯލުތަކެއް ޖަހައިދީގެންނެވެ.
މީގެ ކުރިން ނެރުނު ލިސްޓެއްގައި 2018 ވަނަ އަހަރު ދަގަނޑޭއަށް ވަނީ 1 ވަނަ ވެސް ލިބިފައެވެ. ނަމަވެސް، 2018 ވަނަ އަހަރުގެ މާޗު މަހުން ފެށިގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރާއި ހަމައަށް ދަގަނޑޭ ޤައުމީ ޓީމުން ސަސްޕެންޑްކޮށްފައި އޮތުމުގެ ސަބަބުން، އޭނާ އަށް ގިނަ މެޗުތަކެއް ގެއްލި ވަނީ މި ލިސްޓުގެ 1 ވަނަ އިން ވެއްޓިފައެވެ.
ދަގަނޑޭއަށް މި ލިސްޓުން 2 ވަނަ ލިބެނީ 80 މެޗުން 53 ގޯލު ޖަހައިގެންނެވެ. އަދި މި ލިސްޓުގެ 1 ވަނަގައި މިހާރު އޮތް އެކުވެރި ޢަރަބި އިމާރާތުގެ އަލް މަބްޚޫތު އޮތީ 80 މެޗުން 63 ގޯލު ޖަހައިގެންނެވެ. ދަގަނޑޭއަށް ގިނަ މެޗުތަކެއް ވޭތުވެދިޔަ އަހަރު ތަކުގައި ގެއްލުނު ނަމަވެސް، މި ލިސްޓުގެ 2 ވަނައިގައި އޮތުމަކީ ހަޤީޤަތުގައި ވަރަށް ބޮޑު ކާމިޔާބީއެކެވެ.
މިހާރުގެ ކުޅުންތެރިންގެ ލިސްޓުގައި މެޗު ނިޞްބަތަށް ނުބަލައި ލަނޑު ލިސްޓުގެ 10 ވަނައިން ދަގަނޑޭއަށް ޖާގަލިބެއެވެ. މި ލިސްޓުގެ 1 ވަނައިގައި އޮތީ 101 ގޯލާއި އެކު ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އަދި މި ލިސްޓުގެ ދެވަނައިގައި އޮތީ އިންޑިޔާގެ ސުނިލް ޗެތުރީއެވެ. 3 ވަނައިގައި އޮތީ 71 ގޯލާއި އެކު ލިޔޮނެލް މެސީއެވެ.
ގިނަ ބަޔަކު ލަފާ ކުރާ ގޮތުގައި، ދަގަނޑޭއަށް ކުރިމަތިވި ބޮޑު ސަސްޕެންޝަން ކުރިމަތި ނުވިނަމަ، އޭނާ އަށް މި ލިސްޓުގެ އެއްވަނަ ލިބުމުގެ ފުރުޞަތު ބޮޑެވެ. ސަބަބަކީ، ޤައުމީ ފޯވާޑު އަލުން ހިމެނިގެން ކުޅުނު 4 މެޗުން 2 ގޯލު ޖަހާފައި ވުމެވެ.
ދަނގަނޑޭއަކީ ދިވެހި ފުޓްބޯޅައިގެ ތާރީޚުގައި މިހާތަނަށް އުފެދުނު އެންމެ ހުނަރުވެރި، އެންމެ ގިނަ ޤައުމީ އަދި ސަރަހައްދީ ކާމިޔާބު ހޯދި ކުޅުންތެރިޔާއެވެ. ދަގަނޑޭ ވަނީ ރާއްޖޭގެ ކްލަބުތަކުގެ އިތުރުން ރާއްޖެއިން ބޭރުގެ ކްލަބް ތަކަށް ވެސް ކުޅެފައި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!