ހދ. ކުޅުދުއްފުށިން އެ އަތޮޅު ކުރިނބީއަށް ދަތުރުކުރަނިކޮށް ބަންޑުންޖަހާލި ދޯނި، ކުރިނބީއަށް ގެންގޮސްފިއެވެ.
ކުރިނބީ ކައުންސިލްގެ ރައީސް މުޙައްމަދު އަފްރާޙް "ތިލަދުން" އަށް މަޢުލޫމާތުދެމުން ވިދާޅުވީ މިހާރު އެދޯނި ކުރިނބީއަށް ގެނެސް ދިޔަ ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް އަނިޔާ އެއް ވެފައިނުވާކަމަށެވެ. ނަމަވެސް މިދޯންޏަށް ބަރުކޮށްފައިވާ ހުރިހާ މުދަލެއް ވަނީ ކަނޑުއަޑިއަށް ގޮސްފައި ކަމަށެވެ.
މިދޯންޏަކީ ކުރިނބީގައި ދުއްވަމުން އަންނަ "ވިންދު" ނަމަކަށް ކިޔާ 35 ފޫޓޫގެ ދޯންޏެކެވެ.
ބަންޑުން ޖަހާލާފައިވާ ދޯނި ދަތުރުކުރަމުން ދިޔައީ، ކުނބުރުދޫއާއި ކުރިނބީއާއި ދޭތެރެއިންނެވެ. އަދި ބަންޑުން ޖަހާލި އިރު ދޯނި އޮތީ ކުނބުރުދޫއާއި ކައިރީގައެވެ. މަޢުލޫމާތު ލިބޭ ގޮތުގައި، ބަންޑުން ޖަހާލާފައިވާ ދޯނިން ދަތުރު ކޮށްފައިވަނީ، 3 މީހެކެވެ. އެއީ 2 ފިރިހެނުންނާއި، އަންހެނެކެވެ.
ދޯނި ބަންޑުން ޖަހާލުމާއި އެކު ކުރިނބީ ކައުންސިލުން އެމްއެންޑީއެފްގެ ކޯސްޓު ގާޑަށް މަޢުލޫމާތު ހިއްސާ ކޮށްފައިވާ އިރު، ބަންޑުންޖަހާލި ހިސާބަށް ވަނީ ވަގުތުން މީހުންނަށް އެހީތެރިވުމުގެ ގޮތުން ދޯންޏެއް ހަރަކާތްތެރިވާން ފަށާފައެވެ. އަދި އެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ ޑިންގީއެއްވެސް ވަނީ މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވެފަ އެވެ. މިދޯނި ބަނޑުން ޖަހާލީ ދިޔަ ވުމުގެ ސަބަބުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!