ތިލަދުންމަތީ ތަކަންދުއަކީ ވަރަށް ގިނަ ދިވެހި ރަސްރަސްކަލުންގެ މަތިކޮޅު ގުޅިފައިވާ ރަށެކެވެ.
މިގޮތުން، އަލްޣާޒީ ބޮޑުރަސްގެފާނެވެ. އަދި އަލްޣާޒީ ބޮޑު އިސްކަންދަރު ރަސްގެފާނެވެ. އަދި ކުޑަމުޙައްމަދު ރަސްގެފާނެވެ. އަދި އަލްޣާޒީ ޣިޔާޘުއްދީން ރަސްގެފާނެވެ. ތަކަންދުއަކީ ރަނިރަނިބޭކަނބަލުން ނިސްބަތްވެ ވަޑައިގަންނަވާ ވެސް ރަށެކެވެ. މިގޮތުން، ދިޔަމިނގިލީ އިބްރާހީމް ރަސްގެފާނުންގެ މުޅި ދަރިފަސްކޮޅުގެ މައިކަމަނާ ތަކަންދޫ ޢާއިޝާ މަނިކުފާނެއެވެ. އަދި ދިޔަމިނގިލީ މުކައްރަމް މުޙައްމަދު ޢިމާދުއްދީން ރަސްގެފާނުންގެ ދަރިފަސްކޮޅުގެ މައިކަމަނާ ތަކަންދޫ މަރިޔަމް މަނިކުފާނެވެ.
އެތައްއެތައް ރަސްދަރިދަރިކަލުންނަކާއި ރަސްދަރިދަރިކަނބަލުންނެއްގެ ރަށެކެވެ. މީގެތެރޭގައި ދިވެހިރާއްޖޭގެ ރަސްކަމާއި ހަވާލުވެވަޑައިގެން އިންނެވި ބޭކަނބަލުން ހިމެނިވަޑައިގަންނަވާ އިރު، އެބޭކަނބަލެއްގެ ނަންފުޅުގައި އަލްޣާޒީ ދޮންބަންޑާރައިން ދިވެހި ރަސްކަން ހިންގަވަމުން ގެންދެވި ތަކަންދޫ ކަނބާ އައިމިނަ އާއި، ތަކަންދޫ އައިމިނާ ރަނިކިލެގެފާނު ހިމެނިވަޑައިގަންނަވައެވެ. އަދި މިރާއްޖޭގެ ރައީސުންނާއި އެންމެ ބޮޑެތި ވަޒީރުންގެ މަތިފުށް ގުޅިފައިވާ ރަށެކެވެ.
މިގޮތުން ރައީސް އިބްރާހީމް ނާޞިރެވެ. އަދި ރައީސް މައުމޫނެވެ. އަދި ރައީސް މުޙައްމަދު އަމީން ވެސް މެއެވެ. ފުރަމާލޭގެ ވަރުގަދަ އާއިލާ އާއިލާތަކާއި މާތް ބޭފުޅުންނާ މަތިފުށުން ގުޅިފައިވާ ރަށެކެވެ. މިގޮތުން، ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނާއި އެފަދަ އެފަދަ މާތް އެތައްއެތައް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
އަޅުގަނޑު ދެކޭގޮތުގައި، މިހުރިހާ ކަމަކަށް ވުރެ ތަކަންދުއަށް ލިބިގެންވާ ތާރީޚީ ޝަރަފާއި ފަޚުރަކީ ތަކަންދޫ ކާބަފައިންގެ ތަހުޒީބީ ދިރިއުޅުމާއި، އަޚުލާޤާއި، މަސައްކަތްތެރިކަމާއި، އުފެއްދުންތެރިކަމާއި، ރަށްވެހިކަމާއި، ޤައުމީ ޖިހާދާއި ލެއިން ހޯދައިދިން ރީއްޗާއި މުއްސަނދިކަމެވެ. މައިގަނޑު ގޮތެއްގައި ތަކަންދޫ ދަރީންނަށް މިރާއްޖޭގެ ވެރިކަން ލިބުނީ ޤައުމީ ޤުރުބާނީ އާއި ޖިހާދުން އޮހޮރިގެން ދިޔަ ޝަހީދީ ލޭގެ ސަބަބުންނެވެ.
ތަކަންދޫ ދަރިކޮޅާއި އުތީމު ދަރިކޮޅުގެ ރަސްކަން
ހިޖުރީ ގޮތުން މީގެ 302 އަހަރު ކުރީން، މީލާދީ ގޮތުން މީގެ 293 އަހަރު ކުރީން، ހިޖުރައިން 1139 ވަނަ އަހަރު ރަޖަބު މަހުން 6 ވަނަ ދުވަހު (27 ފެބުރުއަރީ 1727 ގައި) އަވަހާރަވި އަލްޤާޟީ ޙަސަން ތާޖުއްދީނު، ދިޔަމިނގިލީ ރަދުން (1704މ. – 1721މ.) ގެ އަމުރުފުޅަށް ލިޔުއްވި ދިވެހި ތާރީޚު ފޮތް، "ތާރީޚް އިސްލާމި ދީބާ މަޙަލް" ގައި ބަޔާންކުރައްވާފައިވަނީ، (ތިލަދުންމަތީ އުތީމު ކަޅުޢަލި ޚަޠީބު ތަކުރުފާނުންގެ ފުތް އުތީމު ޙުސައިން ޚަޠީބު ތަކުރުފާނުން ތިލަދުންމަތީ މާރަންދޫ ތޭރަވާ މުދިންކަލޭގެ އޭ ކިއުނު ބޭކަލެއްގެ އަންހެން ދަރިއަކާ ކުރެއްވި ކައިވެނިން ރައްކައުވި) އުތީމު އަލްޚަޠީބު ޢަލިތަކުރުފާނާ ކާފަރުން ކުރިމަތިލީ ތިލަދުންމަތީ ތަކަންދޫގައި އެތަކުރުފާނުންގެ އަނބިކަނބަލުންގެ ގޭގައި އޮންނަވަނިކޮށްކަމަށެވެ.
އަދި ކާފަރުންގެ އަތުން ޢަލިތަކުރުފާނު ޝަހީދުވެވަޑައިގެންނެވީ ތަކަންދޫގައިކަމަށެވެ. ބުނެވޭ ގޮތުގައި އެދުވަސްވަރު ޕޯޗުގީޒުންނާއި އެމީހުންނަށް ވާގިދޭ މަލާބާރި ހަނގުރާމަވެރިން އެންމެ ޚާއްޞަ ގޮތެއްގައި ފާރަލައި ބަލަހައްޓާ އެއްތަނަކީ ތަކަންދުއެވެ. ތަކަންދޫގައި އޮންނަ "ހޮޅިންގެ މަސްފަންގަނޑު" އޭ ކިޔޭ ތަނަކީ ތަކަންދޫގައި ހޮޅީން ތިބިތަން ކަމުގައި ތަކަންދޫ މުސްކުޅީން ބުނާ ތަނެވެ.
ބުނެވޭ ގޮތުގައި ޢަލިތަކުރުފާނުންގެ ދަރިކަނބަލުން މަރިޔަމް ކަނބައިދި ކިލެގެ ލިބިވަޑައިގަތީ ތަކަންދޫ މިއަނބިކަނބަލުންގެ ބަނޑުފުޅުންނެވެ. "ތާރީޚް އިސްލާމި ދީބާ މަޙަލް" ގައި ކަނޑައެޅިގެން ބަޔާން ކުރައްވާފައިވަނީ، މި މަރިޔަމް ކަނބައިދި ކިލެގެ އަކީ ޢަލިތަކުރުފާނުންގެ ދަރިކަނބަލެއް ކަމުގައެވެ. އަދި މި މަރިޔަމް ކަނބައިދި ކިލެގެ ބަނޑުފުޅުން އުފަންވެވަޑައިގެންނެވި އާމިނާ މާވާކިލެގެ އަކީ ޢަލިތަކުރުފާނުންގެ ކާފަދަރިކަނބަލުން ކަމުގައެވެ. އަދި މި އާމިނާ މާވާކިލެގެ ދަރިކަލުންނަކީ އައްސުލްޠާން (ޣާޒީ) މުޙައްމަދު ޢިމާދުއްދީން އިބްނު ޢުމަރު މާފަތް ކިލެގެފާނު ކަމުގައެވެ.
ދިވެހި ތާރީޚުގައި މަޝްހޫރު ބޮޑު ރަސްގެފާނަކީ މި މުޙައްމަދު ޢިމާދުއްދީނެވެ. މަޝްހޫރު ކަޅުތުއްކަލާ އަކީ ވެސް މިއީއެވެ. "ތާރީޚް އިސްލާމި ދީބާ މަޙަލް" އާއި، ރާދަވަޅިއާއި މިނޫންވެސް ދިވެހި ތާރީޚުގެ މަސްދަރުތަކުގައި ބަޔާންކޮށްފައި ވަނީ ދިވެހިރާއްޖޭގެ ބޮޑު އިސްކަންދަރު ރަސްގެފާނު ނުވަތަ އިސްކަންދަރު ރަސްގެފާނުންގެ ނަންފުޅުން ނަންކިޔޭ (ޣާޒީ) ރަސްގެފާނަކީ ބޮޑު ރަސްގެފާނުންގެ ދަރިކަލެއްކަމުގައެވެ. އަދި އިސްކަންދަރު ރަސްގެފާނަށް ފަހު ރަސްކަމަށް އިސްކުރެވުނު ކުޑަމުޙައްމަދު ރަސްގެފާނަކީ އިސްކަންދަރު ރަސްގެފާނުންގެ ދަރިކަލެއްކަމުގައެވެ. މި 3 ރަސްކަލުންނަކީ އަލްޣާޒީ މުޙައްމަދު ބޮޑުތަކުރުފާނުގެ އުތީމު ދަރިކޮޅުގެ ރަސްރަސްކަލުންނެވެ. އަދި ޤައުމީ ޖިހާދުގެ "ބްލަޑް ލައިން" އެވެ.
ތަކަންދޫ ދަރިކޮޅާއި ދިޔަމިނގިލީ އިބްރާހީމް ރަސްގެފާނުންގެ ދަރިކޮޅުގެ ރަސްކަން
އުތީމު ދަރިކޮޅުގެ އިތުރުން ދިޔަމިނގިލީ ދަރިކޮޅާ ވެސް ތަކަންދޫ މަތިކޮޅާއި ދަރިކޮޅު ވަރަށް ބޮޑަށް ގުޅިލައިމެހިފައި ވެއެވެ. ތަކަންދޫ ޢަލީ ދޮށިމޭނާ ތަކުރުފާނާއި ތަކަންދޫ ބޮޑު އައިސާފާނުގެ ދަރިކަލުން އަލްވަޒީރުލް ކަބީރު ޙަސަން ހަކުރާ ތަކުރުފާނުންގެ ދަރިކަނބަލުން ޢާއިޝާ މަނިކުފާނު (ޢާއިޝާ ކަނބާފާނު) އަކީ ދިޔަމިނގިލީ ރަދުންގެ އިބްރާހީމް ރަސްގެފާނު ގެ ފުރަތަމަ އަނބިކަނބަލުންނެވެ.
"ތާރީޚް އިސްލާމި ދީބާ މަޙަލް" ގެ އެންމެ ފަހު ޖުމްލައެއްގެ ގޮތުގައި އަލްޤާޟީ ޙަސަން ތާޖުއްދީނު ލިޔުއްވާފައި އޮތް ޖުމްލައިގައި ބަޔާންކުރެއްވި ވާހަކަ އަކީ، ހިޖުރައިން 1137 ވަނަ އަހަރު ޖުމާދަލްއޫލާ މަހުން 8 ވަނަ ދުވަހު އިބްރާހީމް ރަސްގެފާނުންގެ އަނބިކަނބަލުން ޢާއިޝާ ބިންތި ތަކަންދޫ (އަލްވަޒީރުލް ކަބީރު) ހަކުރާ ތަކުރުފާނަށް އަންހެން ދަރިކަނބަލަކު ރައްކައުވި ވާހަކައެވެ. މިދަރިކަނބަލުންނަށް ކަނބާ އައިމިނާގެ ނަމުން ނަންދެއްވި ވާހަކައެވެ.
އަލްޤާޟީ ޙަސަން ތާޖުއްދީނުގެ ފަހުން، އަލްޤާޟީ މުޙައްމަދު މުޙިއްބުއްދީން އިބްނު ޙުސައިން ޢަފީފުއްދީން، "ތާރީޚް އިސްލާމި ދީބާ މަޙަލް" އަށް އިތުރުކުރެއްވި ބައިގައި ބަޔާންކުރައްވާފައިވާ ފަދައިން، އަދި "ދިވެހިތާރީޚު" ފޮތާއި ބެލްގެ މޮނޮގްރާފުގައި ލިޔުއްވާފައިވާ ފަދައިން، އިބްރާހީމް ރަސްގެފާނަށް ލިބިވަޑައިގެންނެވި 5 އަންހެން ބޭފުޅުންނާއި 2 ފިރިހެން ބޭފުޅުން، އެކުޖުލްމަ 7 ބޭފުޅުންގެ ތެރެއިން 6 ބޭފުޅުންގެ މަންމާފުޅަކީ ތަކަންދޫ ޢާއިޝާ މަނިކުފާނު (ޢާއިޝާ ކަނބާފާނު) އެވެ. އިބްރާހީމް ރަސްގެފާނަށް ލިބިވަޑައިގެންނެވި ޢަލީ އޭ ނަންދެވުނު ދަރިކަލުންނަކީ ތަކަންދޫ ޢާއިޝާ މަނިކުފާނު (ޢާއިޝާ ކަނބާފާނު) ގެ އަރިހުގައި އުޅޭ މީހެއްގެ ޢާއިޝާ އޭ ކިޔޭ ޅަނދޮޅު އަންހެން ކުއްޖަކާ އިބްރާހީމް ރަސްގެފާނު ކައިވެނިބައްލަވައިގެން ލިބިވަޑައިގެންނެވި ދަރިކަލެކެވެ.
"ތާރީޚް އިސްލާމި ދީބާ މަޙަލް" ގައި ވާގޮތުގައި، މިދަރިކަލުން އުފަންވެވަޑައިގަތީ ހިޖުރައިން 1145 ވަނަ އަހަރު މުޙައްރަމު މަހުން 19 ވީ ބުރާސްފަތި ދުވަހުއެވެ. މީލާދީން 1732 ވަނަ އަހަރު ޖުލައި މަހުން 12 ދުވަހުއެވެ. މިދަރިކަލުން އެންމެ 12 ދުވަހުގެ ތެރޭގައި އަވަހާރަވިއެވެ. އެއީ ހިޖުރައިން 1145 ވަނަ އަހަރު ޞަފަރު މަހުން 1 ވަނަ ދުވަހުގައެވެ. މީލާދީން 24 ޖުލައި 1732 ގައެވެ.
ތަކަންދޫ ޢަލީ ދޮށިމޭނާ ތަކުރުފާނާއި ތަކަންދޫ ބޮޑު އައިސާފާނުގެ ދަރިކަލުން އަލްވަޒީރުލް ކަބީރު ޙަސަން ހަކުރާ ތަކުރުފާނުންގެ ދަރިކަނބަލުން ޢާއިޝާ މަނިކުފާނު (ޢާއިޝާ ކަނބާފާނު) އަކީ ދިޔަމިނގިލީ އިބްރާހީމް ރަސްގެފާނުންގެ މުޅި ދަރިފަސްކޮޅުގެ މައިކަމަނާއެވެ. މިކަމަނާގެ ބަނޑުފުޅުން އިބްރާހީމް ރަސްގެފާނަށް ލިބިވަޑައިގެންނެވި 5 އަންހެން ބޭފުޅުންނާއި 1 ފިރިހެން ބޭފުޅެއްގެ ދަރިފަސްކޮޅު މިރާއްޖޭގައި ވަރަށް ބޮޑަށް ފެތުރި ދެމިގެން އައިސްފައިވެއެވެ. ތިރީގައި މިބަޔާންކޮށްލަނީ އިބްރާހީމް ރަސްގެފާނާއި ތަކަންދޫ ޢާއިޝާ މަނިކުފާނަށް ލިބިވަޑައިގެންނެވި ބޭފުޅުންގެ ނަންފުޅުތަކާއި އެބޭފުޅުންގެ ކުރު ބަޔާނެކެވެ.
1) ކަނބާ އައިމިނާ
އަލްޤާޟީ ޙަސަން ތާޖުއްދީނުގެ "ތާރީޚް އިސްލާމި ދީބާ މަޙަލް" ގައި ބަޔާންވެގެންވާ ގޮތުގައި، މިދަރިކަނބަލުން އުފަންވެވަޑައިގަތީ، ހިޖުރައިން 1137 ވަނަ އަހަރު ޖުމާދަލްއައްވަލް މަހުން 8 ދުވަހުއެވެ. މީލާދީން 23 ޖަނަވަރީ 1725 ގައެވެ.
މިކަމަނާގެ ފިރިކަލުންނަކީ ޝަހީދުވި އައްޑޫ ކުޑަބަނޑޭރި ތަކުރުފާނުންގެ ފުތް މުޙައްމަދު ބޮޑު ދޮށިމޭނާ ތަކުރުފާނުންގެ ފުތް ޢަލީ މަނިކުފާނެވެ. މަލާބާރީން ބަލިކުރެއްވުމަށް ފަހު އަލްޣާޒީ ޙަސަން ރަންނަބަނޑޭރި މަނިކުފާނު (ފަހުން، ދޮންބަންޑާރައިން) ދިވެހިރާއްޖޭގެ ރަސްކަން ފުރަތަމަ ހިންގަވުން ގެންދެވީ މިކަމަނާގެ ނަންފުޅުގައެވެ. މީގެ މާނައަކީ، މި ކަނބާ އައިމިނާ އަކީ އޭރު ދިވެހިރާއްޖޭގެ ރަސްކަމުގެ އެންމެ އިސް ބޭފުޅާއެވެ. ޣިޔާޘުއްދީން ރަދުން ޙައްޖަށް ފުރާވަޑައިގަންނަވަމުން ވެސް ރަސްކަމުގެ ކަންތައް ޙަވާލުކުރެއްވީ މިކަނބާ އައިމިނާ އާއި މިކަމަނާގެ ފިރިކަލުންނަށެވެ.
2) ފާތިމާ ރަނިކިލެގެފާނު
މިދަރިކަނބަލުން އުފަންވެވަޑައިގަތީ، ހިޖުރައިން 1138 ވަނަ އަހަރު ޒުލްޤަޢިދާ މަހުން 26 ދުވަހުއެވެ. މީލާދީން 26 ޖުލައި 1726 ގައެވެ. އަލްޤާޟީ ޙަސަން ތާޖުއްދީންގެ ފުތް އަލްޚަޠީބު އަޙްމަދު މުޙްޔިއްދީން މަނިކުފާނަކީ މިކަމަނާގެ ފިރިކަލުންނެވެ. އިބްރާހީމް ސިރާޖުއްދީން ފަނޑިޔާރު މަނިކުފާނަކީ މިކަމަނާގެ ދަރިކަލެކެވެ.
މިކަމަނާގެ ބޮޑުބޭބޭފުޅު ކަމުގައިވާ ކޮރުބަންޑާރައިންގެ ރަސްކަން އަތުލައްވަންވެގެން މިކަމަނާގެ ފިރިކަލުން ޚަޠީބު މަނިކުފާނާއި ފިރިކަލުންގެ އެއްބަނޑުއެއްބަފައި މުޙައްމަދު ޝަމްސުއްދީން ފަނޑިޔާރުކަލޭގެފާނާ ދެބެއިން ވެގެން ކުރެއްވި ކަންކަމަކީ (ދިވެހި ތާރީޚުގެ އެންމެ އަނދިރި އެއްސަފުހާ ކަމުގައި ބެލެވޭ) ހުތުރު ކަންތައްތަކެކެވެ. ފާތިމާ ރަނިކިލެގެފާނު އަވަހާރަވީ ހައްދުންމަތީ ގަމުގައެވެ. ފަސްދާނުލެވިފައި ވަނީ ގަމު ހުކުރުމިސްކިތުގެ އިރުމަތީ ފަރާތުގައެވެ (ތާރީޚް އިސްލާމި ދީބާ މަޙަލް).
3) މަރިޔަމް ރަނިކިލެގެފާނު
މިދަރިކަނބަލުން އުފަންވެވަޑައިގަތީ، ހިޖުރައިން 1141 ވަނަ އަހަރު ރަބީޢުލްއައްވަލު މަހުން 7 ދުވަހުއެވެ. މީލާދީން 11 އޮކްޓޫބަރު 1728 ގައެވެ. މިކަމަނާގެ ފިރިކަލުންނަކީ އަލްޤާޟީ ޙަސަން ތާޖުއްދީނުގެ ފުތް މުޙައްމަދު ޝަމްސުއްދީނު ފަނޑިޔާރު ކަލޭގެފާނުންގެ ފުތް އިބްރާހީމް ބަހާއުއްދީނު ފަނޑިޔާރުކަލޭގެފާނެވެ. މިކަމަނާ އަވަހާރަވީ ދިޔަމިނގިއްޔަށް ފޮނުއްވާލައްވާފައި އިންނަވަނިކޮށް ދިޔަމިނގިލީގައެވެ.
4) މުޙައްމަދު މަނިކުފާނު (ފަހުން، އަލްޣާޒީ ޣިޔާޘުއްދީން ރަދުން. ޙާޖީ ބަންޑާރައިން. ޝަހީދުކުޅަ ބަންޑާރައިން)
މިދަރިކަލުން އުފަންވެވަޑައިގަތީ، ހިޖުރައިން 1146 ވަނަ އަހަރު ރަބީޢުލްއާޚިރު މަހުން 4 ވީ ހޯމަވިލޭރޭގައެވެ. މީލާދީން 14 ސެޕްޓެންބަރު 1733 ގައެވެ (ތާރީޚް އިސްލާމި ދީބާ މަޙަލް). މިދަރިކަލުންގެ ޢަބްދުﷲ އޭ ކިޔުނު ދަރިކަލުން (ފަހުން އިބްރާހީމް ފާމުލަދޭރި ކިލެގެފާނު) ގެ ނަސްލުން ވެސް ދަރިފަސްކޮޅު ފެތުރިގެން ގޮސްފައިވަނީ ވަރަށް ވެސް ބޮޑަށެވެ.
5) ސަންފާ ރަންދިކަނބާފާނު
މިދަރިކަނބަލުން އުފަންވެވަޑައިގަތީ، ހިޖުރައިން 1147 ވަނަ އަހަރު ޖުމާދިލްއައްވަލު މަހުން 28 ވީ އަންގާރަ ދުވަހުގައެވެ. މީލާދީން 26 އޮކްޓޫބަރު 1734 ގައެވެ (ތާރީޚް އިސްލާމި ދީބާ މަޙަލް).
6) ޢާއިޝާ ކަނބާފާނު
މިދަރިކަނބަލުން އުފަންވެވަޑައިގަތީ، ހިޖުރައިން 1149 ވަނަ އަހަރު ޝަޢުބާން މަހުން 20 ވަނަ ދުވަހުގައެވެ. މީލާދީން 24 ޑިސެންބަރު 1736 ގައެވެ (ތާރީޚް އިސްލާމި ދީބާ މަޙަލް).
ތަކަންދޫ ޢާއިޝާ މަނިކުފާނުން އަވަހާރަވުން
އިބްރާހީމް ރަސްގެފާނުންގެ އަނބިކަމަނާ ތަކަންދޫ ޢަލީ ދޮށިމޭނާ ތަކުރުފާނާއި ތަކަންދޫ ބޮޑު އައިސާފާނުގެ ދަރިކަލުން އަލްވަޒީރުލް ކަބީރު ޙަސަން ހަކުރާ ތަކުރުފާނުންގެ ދަރިކަނބަލުން ޢާއިޝާ މަނިކުފާނު (ޢާއިޝާ ކަނބާފާނު) އަވަހާރަވުމުގެ އާލާސްކަންފުޅުގައި ޖެހިވަޑައިގަތުމުން އިބްރާހީމް ރަސްގެފާނުން އެކަމަނާއަށް ވަރަށް އެހީވެވަޑައިގަންނަވަމުން ގެންދެވިއެވެ.
މިކަމަނާގެ ބައްޕާފުޅު ތަކަންދޫ އަލްވަޒީރުލް ކަބީރު ޙަސަން ހަކުރާ ތަކުރުފާނު ވަނީ އޭގެ ކުރީން އަވަހާރަވެފައެވެ. ބައްޕާފުޅު އަވަހާރަވީ ހިޖުރައިން 1146 ވަނަ އަހަރު ޝަޢުބާން މަހުން 4 ދުވަހުގައެވެ. މީލާދީން 1734 ވަނަ އަހަރު ޖަނަވަރީ މަހުން 10 ދުވަހުގައެވެ. "ތާރީޚް އިސްލާމި ދީބާ މަޙަލް" ގައި ލިޔުއްވާފައި ވަނީ، އިބްރާހީމް ރަސްގެފާނުންގެ އަނބިކަމަނާ ތަކަންދޫ ޢާއިޝާ މަނިކުފާނު އަވަހާރަވީ ހިޖުރައިން 1150 ވަނަ އަހަރު ރަބީޢުލްއައްވަލު މަހުން 5 ވީ ބުރާސްފަތި ވިލޭރޭކަމުގައެވެ. މީލާދީން 1737 ވަނަ އަހަރު ޖުލައި މަހުން 3 ވަނަ ދުވަހުގެ ރެޔެވެ.
މިކަމަނާ ފަސްދާނުލެވިފައި ވަނީ އިބްރާހީމް ރަސްގެފާނުންގެ ޒިޔާރަތުގައި މާލޭ ހުކުރުމިސްކިތުގައެވެ. މިއީ އެޒިޔާރަތެއްގައި ވަރަށް ޚާއްޞަ 4 ބޭފުޅެއް ފަސްދާނުލެވިފައިވާ ޒިޔާރަތެކެވެ. އެބޭފުޅުންނަކީ، އިބްރާހީމް ރަސްގެފާނުންގެ މަންމާފުޅާއި، އިބްރާހީމް ރަސްގެފާނުންގެ މިއަނބިކަމަނާ (ތަކަންދޫ ޢާއިޝާ މަނިކުފާނު) އާއި، އިބްރާހީމް ރަސްގެފާނާއި، އަލްޣާޒީ ދޮންބަންޑާރައިންނެވެ. އިބްރާހީމް ރަސްގެފާނު އަވަހާރަވީ ހިޖުރައިން 1163 ވަނަ އަހަރު ރަބީޢުލްއައްވަލް މަހުން 18 ގައެވެ. މީލާދީން 25 ފެބުރުއަރީ 1750 ގައެވެ.
ތަކަންދޫ ދަރިކޮޅާއި ދިޔަމިނގިލީ ކޮރުބަންޑާރައިންގެ ދަރިކޮޅުގެ ރަސްކަން
އިބްރާހީމް ރަސްގެފާނުންގެ އެއްބަނޑުއެއްބައްޕާފުޅު ޢަލީ ފާށަނާ ކިލެގެފާނު (ފަހުން، އައްސުލްޠާނުލް މުކައްރަމް މުޙައްމަދު ޢިމާދުއްދީން ތިންވަނަ، އަދި ކޮރުބަންޑާރައިންގެ ނަމުން މަޝްހޫރު ރަސްގެފާނު) އަކީ ތަކަންދޫ ޢަލީ ދޮށިމޭނާގެ ދަރިކަލުން ތަކަންދޫ އަލްވަޒީރުލް ކަބީރް ޙަސަން ހަކުރާ ތަކުރުފާނުންގެ ދެދަރިކަނބަލުން ކަމުގައިވާ އައިމިނާ މަނިކުފާނާއި މަރިޔަމް މަނިކުފާނުންގެ ފިރިކަލުންނެވެ.
ހިޖުރައިން 1149 ވަނަ އަހަރު މުޙައްރަމުން 4 ވީ އަންގާރަ ވިލޭރޭ އައިމިނާ މަނިކުފާނުން އަވަހާރަވުމުން، މިކަމަނާއާ އެއްބަނޑުއެއްބައްޕާފުޅު މަރިޔަން ކަނބާފާނާ ޢަލީ ފާށަނާ ކިލެގެފާނުން ކައިވެނިބައްލަވައިގެންނެވި އެވެ. ހިޖުރައިން 1157 ވަނަ އަހަރު ޝަޢުބާން މަހުން 7 ވީ އަންގާރަ ދުވަހު (މީލާދީން 1744 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުން 15 ގައި) މި މަރިޔަމް ކަނބާފާނުންގެ ބަނޑުފުޅުން ޢަލީ ފާށަނާ ކިލެގެފާނަށް އަންހެން ބޭފުޅަކު (އައިމިނާ ރަނިކިލެގެފާނު) ލިބިވަޑައިގެންނެވިއެވެ.
މިދަރިކަނބަލަކަށް ކިރުފޮދު އެރުވީ މުލީ އިސްމާޢީލުގެ ދި މަރިޔަމެވެ. މި މަރިޔަމަކީ އިބްރާހީމް ރަސްގެފާނުންގެ ދަރިކަލުން މުޙައްމަދު (ފަހުން، ޣިޔާޘުއްދީން ރަދުން) އާ އެއްކިރު އަންހެނެކެވެ. މީގެ މާނައަކީ ތަކަންދޫ އަލްވަޒީރުލް ކަބީރު ޙަސަން ހަކުރާ ތަކުރުފާނުންގެ ދަރިކަނބަލުން މަރިޔަމް ކަނބާފާނުގެ ބަނޑުފުޅުން ޢަލީ ފާށަނާ ކިލެގެފާނަށް ލިބިވަޑައިގެންނެވި ދަރިކަނބަލަކީ ކިރުފުށުން އިބްރާހީމް ރަސްގެފާނުންގެ މުޙައްމަދު (ފަހުން، ޣިޔާޘުއްދީން ރަދުން) ގެ ދައިތާފުޅެއްގެ ދަރިކަނބަލެކެވެ. އިބްރާހީމް ރަސްގެފާނުން އަވަހާރަވުމުން ހިޖުރައިން 1163 ވަނަ އަހަރު (މީލާދީން 1750 ގައި) ދިވެހި ރަސްކަމުގެ ތަޚުތަށް އިސްވެވަޑައިގެންނެވީ ޢަލީ ފާށަނާ ކިލެގެފާނެވެ. އައްސުލްޠާނުލް މުކައްރަމް މުޙައްމަދު ޢިމާދުއްދީން (ތިނެއް) ގެ ނަންފުޅުގައެވެ (ތާރީޚް އިސްލާމި ދީބާ މަޙަލް).
ހިޖުރައިން 1166 ވަނަ އަހަރުގެ ޞަފަރު މަހުން ބުދަ 13 ފޮއިވިލޭރޭ މަލާބާރީން ފުރަމާލެއަށް ހަމަލާދީ މިރަދުންނާއި އިބްރާހީމް ރަސްގެފާނުންގެ މުޙައްމަދު މަނިކުފާނު (ފަހުން، ޣިޔާޘުއްދީން ރަދުން) އަތުލައިގަނެގެން ގެންދިޔުމުން، މަލާބާރީންނާ ހަނގުރާމަކުރައްވައި، މަލާބާރީން ބަލިކުރެއްވުމަށް ފަހު، އިބްރާހީމް ރަސްގެފާނުންގެ ކަނބާ އައިމިނާގެ ނަންފުޅުގައި އަލްޣާޒީ ޙަސަން ރަންނަބަނޑޭރި މަނިކުފާނުން ދިވެހިރާއްޖޭގެ ރަސްކަން ހިންގަވުން ގެންދަވަނިކޮށް ކަނބާ އައިމިނާ ރަސްކަން ވީއްލަވާފައި ފިރިކަލުންނާއެކު އައްޑުއަށް ވަޑައިގަތުމުން ދެން ދިވެހި ރަސްކަން ހިންގަމުން ގެންދެވީ ކޮރުބަންޑާރައިންގެ އައިމިނާ ރަނިކިލެގެފާނުންގެ ނަންފުޅުގައެވެ (ތާރީޚް އިސްލާމި ދީބާ މަޙަލް).
އާދެ، ތަކަންދޫ ޢަލީ ދޮށިމޭނާ ތަކުރުފާނުންގެ ދަރިކަލުން ތަކަންދޫ އަލްވަޒީރުލް ކަބީރު ޙަސަން ހަކުރާ ތަކުރުފާނުންގެ ދަރިކަނބަލުން ތަކަންދޫ މަރިޔަމް ކަނބާފާނުންގެ ދަރިކަނބަލުން ތަކަންދޫ އައިމިނާ ރަނިކިލެގެފާނުންގެ ނަންފުޅުގައެވެ.
ތަކަންދޫ މަތިކޮޅުގެ ރަސްރަސްކަލުން
ދިވެހި ތާރީޚުގެ މަސްދަރުތަކުން އިސްވެ ބަޔާންކޮށްލި ތަކަންދޫ މަތިކޮޅުގެ ރަސްރަސްކަލުންގެ ލިސްޓެއް ވަރަށް ވެސް ކުރު ތަޢާރަފަކާއެކުގައި ތިރީގައި ބަޔާންކޮށްލާނަމެވެ. މިރަސްރަސްކަލުން ދިވެހި ޤައުމަށް ވެދެއްވި ޤުރުބާނީ އާއި ކުރެއްވި ޚިދުމަތްތަކަކީ މިފަދަ ކުރު މަޒުމޫނަކުން ބަޔާންކުރެވޭނޭ ކަންކަމެއް ނޫންނެވެ. ވާނީވެސް އެހެންނޫންތޯއެވެ. ދިވެހި ތާރީޚު ދުށް އެންމެ ޚިދުމަތްތެރި، އެންމެ އައުދާނަ ރަސްރަސްކަލުންގެ ތެރޭގައި ޣާޒީ ބޮޑުރަސްގެފާނާއި، ޣާޒީ ބޮޑު އިސްކަންދަރު ރަސްގެފާނާއި، ޣާޒީ ޣިޔާޘުއްދީން ހިމެނިނުދާނޭ އެއްވެސް ހަމައެއް ނުއޮންނާނެއެވެ. ﷲ އިރާދަކުރެއްވިއްޔާ އެހެން ފުރުސަތެއްގައި މިބޭބޭފުޅުންގެ ޚިދުމަތްތަކުގެ މައްޗަށް އަލިއަޅުވައިލެވޭތޯ ބަލާނީއެވެ.
1) ޣާޒީ ބޮޑުރަސްގެފާނު
މިއީ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ޢިމާދުއްދީން (އެއްވަނަ) ސިރީ ކުލަސުންދުރަ ކައްތިރި ބަވަނަ މަހާރަދުންނެވެ. ބޮޑުރަސްގެފާނުންގެ ނަންފުޅުން މަޝްހޫރު ރަސްގެފާނެވެ. މަޝްހޫރު ކަޅުތުއްކަލާ އެވެ. އައްސުލްޠާނުލް ޣާޒީ އުތީމު ބޮޑުތަކުރުފާނުންގެ ދަރިކަލުން އައްސުލްޠާން އިބްރާހީމް ކަލާފާނުގެ ވަލީއަޙުދަކީ މިއީ އެވެ. ރަސްކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 1029 ވަނަ އަހަރުގައެވެ. މީލާދީން 1619 – 1620 ދެމެދުގެ ތާރީޚެއްގައެވެ. މިރަސްގެފާނުން އަވަހާރަވީ ހިޖުރައިން 1058 ވަނަ އަހަރު ޝައްވާލު މަހުން 5 ދުވަހުއެވެ. މީލާދީން 2 ނޮވެންބަރު 1648 ގައެވެ.
29 އަހަރަށް ވުރެ ގިނަ ދުވަހު ރަސްކަންކުރެއްވިއެވެ. ބޮޑުރަސްގެފާނަށް ދިވެހިރާއްޖޭގެ ތަޚުތަށް އިސްވެވަޑައިގެންނެވުނީ، ތަކަންދޫގައި ޝަހީދުކޮށްލެވިފައި އެއޮންނެވި އަލްޣާޒީ އުތީމު ޢަލީ ޚަޠީބު ތަކުރުފާނުންގެ ނަސަބަށް ނިސްބަތްވެވަޑައިގަންނަވާތީ އެވެ. ބޮޑުރަސްގެފާނަކީ ޝަހީދު އަލްޣާޒީ އުތީމު ޢަލީ ޚަޠީބު ތަކުރުފާނުން (ޢަލިތަކުރުފާނުން) ތަކަންދޫ އަންހެނަކާ ކުރެއްވި ކައިވެނިން ލިބިވަޑައިގެންނެވި ތަކަންދޫ މަރިޔަމް ކަނބައިދި ކިލެގެ ދަރިކަނބަލުން އާމިނާ މާވާކިލެގެ ދަރިކަލުން މުޙައްމަދު ޢިމާދުއްދީން އިބްނު ޢުމަރު މާފަތް ކިލެގެފާނެވެ.
2) ޣާޒީ އިސްކަންދަރު ރަސްގެފާނު
މިއީ އިތުރު އެއްވެސް ތަޢާރަފަކަށް ބޭނުން ނުވާނޭ، ރަސްގެފާނެވެ. ދިވެހިރާއްޖޭގެ ބޮޑު އިސްކަންދަރު ރަސްގެފާނެވެ. އިސްކަންދަރު ރަސްގެފާނުންގެ ނަންފުޅުން ނަންކިޔޭ ރަސްގެފާނެވެ. ދިވެހިރާއްޖޭގެ އެންމެ އައުދާނަ، އެންމެ ކީރިތި އެއް މަހާރަދުންނެވެ. އައްސުލްޠާނުލް ޣާޒީ އިބްރާހީމް އިސްކަންދަރު ސިރީ ކުލަރަންމީބަ އިސްކަންދަރު ކައްތިރި ބަވަނަ މަހާރަދުންނެވެ.
ރަސްކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 1058 ވަނަ އަހަރުއެވެ. މީލާދީން 1648 ވަނަ އަހަރުއެވެ. 39 އަހަރަށްވުރެ ގިނަ ދުވަހު ރަސްކަންކުރެއްވިއެވެ. އިސްކަންދަރު ރަސްގެފާނުންނަކީ، ޝަހީދު އަލްޣާޒީ އުތީމު ޢަލީ ޚަޠީބު ތަކުރުފާނުން (ޢަލިތަކުރުފާނުން) ތަކަންދޫ އަންހެނަކާ ކުރެއްވި ކައިވެނިން ލިބިވަޑައިގެންނެވި ތަކަންދޫ މަރިޔަމް ކަނބައިދި ކިލެގެ ދަރިކަނބަލުން އާމިނާ މާވާކިލެގެ ދަރިކަލުން އައްސުލްޠާނުލް ޣާޒީ މުޙައްމަދު ޢިމާދުއްދީން (އެއްވަނައިގެ) ދަރިކަލުން އަލްސުލްޠާނުލް ޣާޒީ އިބްރާހީމް އިސްކަންދަރެވެ.
3) ކުޑަމުޙައްމަދު ރަސްގެފާނު
މިއީ އިސްކަންދަރު ރަދުންގެ ދަރިކަލުން މުޙައްމަދެވެ. ރަސްކަމަށް އިސްކުރެވުނީ އިސްކަންދަރު ރަދުންގެ ރަސްކަމުގައި ހިއްޕެވި އަޙުދެއްގެ ދަށުންނެވެ. ރަސްކަމަށް އިސްކުރެވުނު އިރު އުމުރުފުޅުން 6 އަހަރާއި 8 މަސްވަރެވެ. ރަސްކަމަށް އިސްކުރެވުނީ ހިޖުރައިން 1098 ގައެވެ. މީލާދީން 1687 ގައެވެ. 4 އަހަރަށްވުރެ ގިނަ ދުވަހު ރަސްކަންކުރެއްވިއެވެ.
ކުޑަމުޙައްމަދު ރަސްގެފާނަކީ، ޝަހީދު އަލްޣާޒީ އުތީމު ޢަލީ ޚަޠީބު ތަކުރުފާނުން (ޢަލިތަކުރުފާނުން) ތަކަންދޫ އަންހެނަކާ ކުރެއްވި ކައިވެނިން ލިބިވަޑައިގެންނެވި ތަކަންދޫ މަރިޔަމް ކަނބައިދި ކިލެގެ ދަރިކަނބަލުން އާމިނާ މާވާކިލެގެ ދަރިކަލުން އައްސުލްޠާނުލް ޣާޒީ މުޙައްމަދު ޢިމާދުއްދީން (އެއްވަނައިގެ) ދަރިކަލުން އައްސުލްޠާނުލް ޣާޒީ އިބްރާހީމް އިސްކަންދަރުގެ ދަރިކަލުން އައްސުލްޠާން މުޙައްމަދު ސިރީ މަނިރަންލޯކަ މަހާރަދުންނެވެ.
4) ޣާޒީ ޣިޔާޘުއްދީން ރަދުން
މިއީ ޙާޖީ ބަންޑާރައިންނެވެ. އަދި ޝަހީދުކުޅަ ބަންޑާރައިންނެވެ. އައްސުލްޠާނުލް ޣާޒީ މުޙައްމަދު ޣިޔާޘުއްދީން އިސްކަންދަރެވެ. ރަސްކަމަށް އިސްކުރެވުނީ އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން) ގެ އަވަހާރަވުމުގެ އާލާސްކަންފުޅުގައި އޮންނަވާފައި ކުރެއްވި ވަޞިއްޔަތްޕުޅުގެ ސަބަބުންނެވެ. ދޮންބަންޑާރައިންގެ ފިރިހެން ބޭފުޅުން ތިއްބަވާ އިރުވެސް ދޮންބަންޑާރައިން މިގޮތަށް ޢަމަލުކުރެއްވި ގޮތީ، ދޮންބަންޑާރައިން ދެކެވަޑައިގަންނަވާ ގޮތުގައި ދިވެހިރާއްޖޭގެ ތަޚުތުގެ ޙައްޤުވެރި ވަލީއަޙުދަކީ އަވަހާރަވި (ދިޔަމިނގިލީ) އިބްރާހީމް ރަސްގެފާނުންގެ މިދަރިކަލުންނެވެ. ޣިޔާޘުއްދީން ރަދުން ރަސްކަމަށް އިސްކުރެވުނީ ހިޖުރައިން 1180 ވަނަ އަހަރުއެވެ. މީލާދީން 1767 ގައެވެ.
ޣިޔާޘުއްދީން ރަދުން ޙައްޖަށް ފުރާވަޑައިގަތުމުން ހުރާގޭ މުޙައްމަދު މަނިކުފާނުން ރަސްކަން ފޭރިވަޑައިގެންނެވިއެވެ. އަދި ޣިޔާޘުއްދީން ރަދުން ޙައްޖުން އެނބުރި ރާއްޖެވަޑައިގެންނެވި ތަނާ، ހުރާގޭ މުޙައްމަދު މަނިކުފާނުން އިސްވެހުންނަވައިގެން ޣިޔާޘުއްދީން ރަދުންގެ ގައިކޮޅުގައި ބަރޯސީ ބަނދެފައި ކަނޑުފައްތައި ޝަހީދުކުޅައީ ހިޖުރައިން 1188 ވަނަ އަހަރުގެ ޝައުބާން މަހު ކުރީކޮޅުގައެވެ. ޣިޔާޘުއްދީން ރަދުންނަކީ، ތަކަންދޫ ޢަލީ ދޮށިމޭނާ ތަކުރުފާނުން ތަކަންދޫ ބޮޑުއައިސާއާ ކުރެއްވި ކައިވެނިން ލިބިވަޑައިގެންނެވި ދަރިކަލުން ތަކަންދޫ އަލްވަޒީރުލް ކަބީރު ޙަސަން ހަކުރާ ތަކުރުފާނުންގެ ދަރިކަނބަލުން ތަކަންދޫ ޢާއިޝާ މަނިކުފާނުންގެ ދަރިކަލުން މުޙައްމަދު ޣިޔާޘުއްދީނެވެ.
ކިރިޔަކިރިޔާ ނުލިބުނު ރަސްކަން
ހިޖުރައިން 1089 ވަނަ އަހަރު ރަޖަބަހުން 28 ދުވަހުގައި (މީލާދީން 15 ސެޕްޓެންބަރު 1678 ގައި) އިސްކަންދަރު ރަސްގެފާނުންގެ އަނބިކަނބަލުން ޅައިމަގު އައިމިނާ ކަނބާފާނު އަވަހާރަވެއްޖެއެވެ. މިކަމަނާ އަވަހާރަވީމާ އިސްކަންދަރު ރަސްގެފާނުން މީހުންނާ ކައިވެނި ބައްލަވައިގެންނެވުން ހުއްޓަވައިލައްވައިފި އެވެ. މާތް ޣާޒީ އިސްކަންދަރު ރަސްގެފާނުން ދެން ރޭކުރައްވައި ހެއްދެވުމަށް ޚާއްޞަ ކުރެއްވެވީ އެރަސްގެފާނުންގެ ޖާރިޔާއިންގެ ތެރެއިން 8 ބޭކަނބަލެކެވެ.
މީގެތެރޭގައި އަޅުގަނޑުމެންގެ ބޮޑު "ފަހަވެރިދައިތާފުޅު" މަރިޔަމް ކަނބާފާނު ވިއެވެ. މިކަމަނާ އަކީ މާލިމީ ޙަސަން ("ދިވެހިތާރީޚު" ފޮތުގައި އޮތްގޮތުގައި މާލިމީ ޙުސައިން، އަދި "ތާރީޚް އިސްލާމި ދީބާ މަޙަލް" ގައި އޮތްގޮތުގައި މާލިމީ ޙަސަން) ގެ ދި މަރިޔަމެވެ. ހިންދުކަރައިގެ ބޭކަނބަލެކެވެ. ހިންދުކަރައިގެ ޖާރިޔާއެއްގެ އަންހެން ދަރިއެއްގެ ދަރިއެކެވެ. ރިވެތިކަމާއި ފުރިހަމަކަން ލިބިލައްވާފައި ވެއެވެ. އިސްކަންދަރު ރަސްގެފާނުން ބޮޑަށް ހިތްޕުޅާވެވަޑައިގަންނަވަނީ މިކަމަނާއާއެވެ. ހިޖުރައިން 1091 ވަނަ އަހަރު ރަޖަބު މަހުން 28 ދުވަހު (މީލާދީން 24 އޯގަސްޓު 1680 ވަނަ އަހަރު) މިކަމަނާގެ ބަނޑުފުޅުން އިސްކަންދަރު ރަސްގެފާނަށް (ކުޑަ) މުޙައްމަދު (ފަހުން، ކުޑަމުޙައްމަދު ރަސްގެފާނު) ލިބިވަޑައިގެންފިއެވެ.
ޙަސަން ތާޖުއްދީނުގެ "ތާރީޚް އިސްލާމި ދީބާ މަޙަލް" ގައި ލިޔެފައިވާ ގޮތުން، ހިޖުރައިން 1098 ވަނަ އަހަރު ރަބީޢުލްއާޚިރު މަހުން 13 ވީ ބުދަ ދުވަހު ވިހަލައިގެން ތައްޔާރުކޮށްފައި ހުރި ޝަރުބަތެއް ރަސްގެފާނުން ހިއްޕަވާން އެރުވުނެވެ. އެއަށްފަހު ޖެހިގެން އައި 15 ވީ ހުކުރު ވިލޭރޭ އިސްކަންދަރު ރަސްގެފާނުން އަވަހާރަވެއްޖެއެވެ.
ބުނެވޭގޮތުގައި މިކަމެއް ކުރެއްވިކަމަށް ވަނީ ރަސްގެފާނުންގެ އަނބިކަނބަލުން މަރިޔަމް ކަނބާފާނެއެވެ. ބުނެވޭގޮތުގައި މިކަމަނާ މިގޮތަށް ކަންތައްކުރެއްވީ އިސްކަންދަރު ރަސްގެފާނަށް ފަހު ރަސްކަން ލިބިވަޑައިގަންނަވާނީ މިކަމަނާގެ ތުއްޕުޅު ކުޑަކުޑަ މުޙައްމަދަށް ކަމަށްވާތީ، އެތުއްޕުޅު ރަސްގެފާނުންގެ މައްޗަށް މިކަމަނާ އާއި މިކަމަނާގެ ތިމާގެ ބޭފުޅުންގެ ބާރު ގަދަކުރުމަށް ޖާގަ ހޯއްދެވުމުގެ ހީލަތްތެރި ރޭއްވުމުގެ ދަށުންނެވެ.
އިސްކަންދަރު ރަސްގެފާނުން އަވަހާރަވުމުން ދިވެހި ރަސްކަމަށް އިސްކުރެވުނީ އެރަސްގެފާނުންގެ 6 އަހަރާއި 8 މަހުގެ ކުޑަމުޙައްމަދެވެ. ރަސްގެފާނު ބެލެހެއްޓެވުމާއި ރަސްކަމުގެ ކަންކަން ހިންގަވައި ތަރުތީބުކުރެއްވުމުގައި އުޅުއްވަނީ އިސްކަންދަރު ރަސްގެފާނުންގެ ވަޒީރު ބޭފުޅުންނެވެ. މިގޮތުގައި މާގިނަ ދުވަހެއް ނުވަނީސް ވައްތަރު ވައްތަރުގެ ހީލަތް ހައްދަވައިގެން މުޅި ރަސްކަމުގެ މައްޗަށް ކުޑަމުޙައްމަދު ރަދުންގެ މަންމާފުޅުގެ ބާރުވެރިކަން ހިންގަވައިފިއެވެ. އަދި ފާސިޤުކަމާއި، ފާޙިޝްކަމާއި އަނިޔާވެރިކަން ފާޅުކުރައްވައިފިއެވެ. އަދި މިކަމަނާއާ ތަބާނުވާ ވަޒީރުން ބޭކާރު ކުރައްވައި، މިކަމަނާގެ އަޚުންގެ ތެރެއިން ޢަލީ އަށް ބޮޑު ވަޒީރުކަން ދެއްވައި، އަޚު އިބްރާހީމް އާއި، އަޚު ޢީސާ އަށްވެސް ވަޒީރުކަން ދެއްވިއެވެ. އަދި މިކަމަނާ މީހަކާ ކައިވެނި ބައްލަވައިގެންފައި އެފިރިކަލުންނަށް ދޮށިމޭނާކަން ވެސް ދެއްވިއެވެ. އަދި ތަކަންދޫ އަލްޚާޒިން އަލްކަބީރު ޢަލީގެ ފިރިހެން ދަރިއާ މިކަމަނާގެ ދަރިކަނބަލުންނާ ދެވައިފިއެވެ. ތަކަންދޫ މި ޢަލީ އަކީ ދައުލަތުގެ ބޮޑުބަނޑޭރިއެކެވެ.
މަލާބާރީންގެ ގުރާބުތަކެއް ތިލަދުންމަތި ވަނީ ހިޖުރައިން 1102 ވަނަ އަހަރު ޖުމާދިލްއައްވަލް މަހުން 15 ހިސާބުގައެވެ. މީލާދީން 1691 ވަނަ އަހަރު ފެބުރުއަރީ މަހުގެ މެދުތެރޭގައެވެ. "ދިވެހިތާރީޚު" ފޮތުގައި ބަޔާންކުރާ ގޮތުގައި، މިއީ މާލޭ ބޮޑުންގެ ބަޔަކު ކަންނަންނޫރަށް ގޮސް، ކަންނަންނޫރު ޢަލީރާޖާގެ ވާތްގަށް އެދުމުން ޢާލީރާޖާގެ ވާގިލިބިގެން އައި ޢަދުއްވުންގެ ބައެކެވެ.
މިމީހުން ތިލަދުންމަތީ ރަށްރަށަށް އަރައި، މީހުންނަށް އަނިޔާދީ، މުދާ ފޭރެމުންދާކަމުގެ ޚަބަރު ކުޑަމުޙައްމަދު ރަސްގެފާނުންގެ ދެމައިކަނބަލުންނަށް ލިބިވަޑައިގެންފިއެވެ. ދެން ވަރުގަދަ ލަޝްކަރެއް ތައްޔާރުކުރައްވާފައި ފޮނުއްވީމާ މިލަޝްކަރުގޮސް ތިލަދުންމަތި ވަންތަނުން އަދުއްވުންގެ ގުރާބުތައް ފިލައިގެން ހިނގައްޖެއެވެ. ނަޞްރުލިބިގެން މާލެއަންނަ ލަޝްކަރަށް މަރުޙަބާ ވިދާޅުވެ، އުފާފާޅުކުރެއްވުމަށް ޓަކައި ރަސްގެފާނުންގެ ދެމައިކަނބަލުން އޮޑިކޮޅުގައި ނުކުމެވަޑައިގެންނެވިއެވެ.
މިއުފާފާޅުކުރެއްވުމުގެ ތެރޭގައި ދެމައިކަނބަލުން ތިއްބެވި އޮޑިކޮޅުން ޖެހި ސަލާމުގެ ބަޑިއަކުން ބުރައިގެން ދިޔަ އަލިފާން ކަންޏެއް ގޮސް ބަޑިބޭސް އަޅާފައި ހުރި އެއްޗަކަށް ވެއްޓި، އެބަޑިބޭހުގައި އަލިފާން ރޯވެ މުޅި އޮޑިކޮޅު އަނދައިގެން ހިނގައްޖެއެވެ. މީހުން ސަލާމަތްކުރުމުގެ މަސައްކަތައިގެން އެވަގުތު ކަނޑުމަތީގައި ހުރި ގުރާބުތަކުގައި ތިބި މީހުން ކުދި ދޯނި ފަހަރުގައި އޮޑިކޮޅު އަނދައިގެން ދިޔަ ތަނަށް ގޮސް ބެލިއިރު ބައެއް މީހުން މަރުވެ، އަނެއްބަޔަކު ބޮޑެތި ޒަޚަމްތަކާ އެކު ދިރިތިއްބެވެ.
ކުޑަމުޙައްމަދު ރަސްގެފާނުން ފެނުނީ ވަރަށް ބޮޑަށް ފިހިވަޑައިގެންފައި ވަނިކޮށެވެ. ރަސްގެފާނުންގެ މައިކަމަނާއެއް ހޯދަހޯދައި ވެސް ނުފެނުނެވެ. ރަސްގެފާނުން އަވަހާރަވީ ލިބިވަޑައިގެންނެވި ޒަޚަމްތަކަށް މާލެ ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ.
އޮޑިކޮޅުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރިޔަމް ކަނބާ ގެއްލިވަޑައިގަތުމަށް ފަހު، އެކަމަނާގެ ތިމާގެ މީހުނަށް ދުނިޔޭގައި ތިބި މީސްމީހުންނަކީ އެކަމަނާއާ އެއްބަނޑުއެއްބަފައި ވަޒީރު އިބްރާހީމާއި، ވަޒީރު ޢީސާ އާއި، އެކަމަނާގެ ދަރިކަނބަލުންނާއި، ދަރިކަނބަލުންގެ ފިރިކަލުން ތަކަންދޫ ބޮޑުބަނޑޭރި ޢަލީގެ ފިރިހެން ދަރިއެވެ. ދިވެހި ތަޚުތު ހުރީ ހުސްކޮށެވެ. ދެން ބޮޑުންގެ ތެރެއިން ބަޔެއް ބޭފުޅުން ގަސްތުކުރެއްވީ މަރިޔަމް ކަނބާގެ ދަރިކަނބަލުންގެ ފިރިކަލުން، ތަކަންދޫ ބޮޑުބަނޑޭރި ޢަލީގެ ފިރިހެންދަރި ދިވެހި ތަޚުތަށް އިސްކުރުމަށެވެ. އެހެންނަމަވެސް ރަސްކަމަށް އިސްކުރާނޭ ބޭފުޅަކާމެދު ބޮޑުންގެ ތެރޭގައި އޮތީ ޚިޔާލުތަފާތުވުން ބޮޑުވެފައެވެ.
އިސްކަންދަރު ރަސްގެފާނުންގެ އަނބިކަނބަލުން މަރިޔަމް ކަނބާގެ "ޕާޓީން" ތަކަންދޫ ބޮނޑުބަނޑޭރި ޢަލީގެ ފިރިހެންދަރި ރަސްކަމަށް އިސްކުރާން ބޭނުންވާއިރު، އަނެއް "ޕާޓީއަކުން" ބޭނުންވަނީ ކަލާފާނު ރަދުންނާއި، އައްސުލްޠާން ޙުސައިން ފާމުލަދޭރި ކިލެގެފާނާއި، ބޮޑުރަސްގެފާނުންގެ އަނބިކަނބަލުން ކަނބާ ޢާއިޝާގެ ދަރިކޮޅުގެ ބޭފުޅަކު ރަސްކަމަށް އިސްކުރާންށެވެ. މިގޮތުން ބޮޑުންގެ ތެރެއިން ބަޔަކާއި ލަސްކަރީންގެ މުސްކުޅީންގެ ބަޔަކު ފޮނަދޫ ޚަޠީބު ތަކުރުފާނުންގެ ގެއަށް ޖަމާވުމަށް ފަހު އައްސުލްޠާން ޙުސައިން ފާމުލަދޭރި ކިލެގެފާނުންގެ ފުތް ޙަސަން ފާށިނާ ކިލެގެފާނުންގެ މުޙައްމަދު މަނިކުފާނަށް ރަސްކަން ހަވާލުކުރުމަށް އަހުދުވެއްޖެއެވެ. ދެން މި މުޙައްމަދު މަނިކުފާނުން ގެންނަވައި އައްސުލްޠާނުލް ޢާދިލު މުޙުޔިއްދީން ސިރީ ނާކަރައި ސުންދުރަ ބަވަނަ މަހާރަދުންގެ ގޮތުގައި ރަސްކަމުގެ ތަޚުތުގައި ވެޑުވައިފިއެވެ.
ނަސަބާމެދު ބޮޑައިނުވުން
ރަސްކަމާއި ވެރިކަމަކީ މިކަހަލަ ގޮތަކަށް ހިނގާފައި ހުރި ކަމެކެވެ. އަދި މަތިކޮޅާއި ނަސްލަކީ ވެސް މިފަދަ ގޮތަކަށް ހިނގާ ކަމެކެވެ. ދުނިޔެ މުސްކުޅިވީވީހެން ދަރިފަސްކޮޅު ފެތުރި ގިނަވެގެން ހިނގައިދެއެވެ. ތަކަންދޫ ދަރިކޮޅުވެސް މިއޮތީ ލޭނާރުތަކެއްގެ ކަފިކަފިވުންތަކެއްހެން ފެތުރި ގޮސްފައެވެ.
ދިވެހި ރަސްކަމާއި ވެރިކަމުގެ ކަފިކަފިވުންތަކުގެ ތެރެއިން ފެތުރިގެން ގޮސްފައެވެ. އަސްލަކީ ހަމަ އެއް އަސްލެކެވެ. އަޅުގަނޑުމެން ހުރިހާ އިންސާނުންނަކީ ވެސް އާދަމްގެފާނުންގެ ދަރީންނެވެ. މިމަޒުމޫނަށް ފަށައިގަތް އިރުވެސް އަޅުގަނޑު ނިންމާފައި ވާނީ، ތަކަންދޫ ޢަލީ ދޮށިމޭނާ ތަކުރުފާނުންގެ ދަރިކަލުން ތަކަންދޫ އަލްވަޒީރުލް ކަބީރު ޙަސަން ހަކުރާ ތަކުރުފާނުންގެ ދަރިކަނބަލުން ތަކަންދޫ ޢާއިޝާ މަނިކުފާނުންގެ މުނިމާމާފުޅު ދަރިކަލުން ޙުސައިން ދީދީގެ މުނިކާފަ ދަރިކަލުން ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނުގެ މިޅެންބައިތުން މިމަޒުމޫނުގެ ފުރަތަމަ ބައި ނިންމުމަށެވެ.
ވިމާމޮޅު ނަސަބަކުން އަޔަތީ، ތިމާމެން ކިބުރުވެރިމިވަނީ
ރިމާދަށް ފުރޮޅިގެން އެދަނީ، ދިމާޔަށް އަނގުރު އަލިފާނޭ
(ނުނިމޭ)
ހަވާލާ:
- ތާރީޚް އިސްލާމި ދީބާ މަޙަލް
- ދިވެހިތާރީޚު ފޮތް
- މާލޭ ހުކުރުމިސްކިތް ފޮތް
- ބެލްގެ މޮނޮގްރާފް
- ރާދަވަޅި
- މުޙައްމަދު އިބްރާހީމް ލުޠުފީގެ "އުތީމު ދަރިކޮޅުގެ ރަސްކަން"
- ހެންވޭރު ޝަފީޤުގޭ އަޙްމަދު ޝަފީޤު ޖަމާކުރައްވައި ލިޔުއްވި ބައެއް ދަރިކޮޅުތަކުގެ ޗާޓުތައް
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!