ބަންގާޅަށް ނިސްބަތްވާ ދިވެހި ރަސް ދަރިކޮޅު

the_50s_sadarghat_riverfront

ދިވެހިރާއްޖެ އިސްލާމްވި ފަހުން ދިވެހިރާއްޖޭގައި ހަތް ދަރިކޮޅަކުން ރަސްކަން ކުރެއްވިއެވެ. އެ ދަރިކޮޅުތަކަކީ ތީމުގޭ ދަރިކޮޅާއި، ޢުމަރުވީރު ދަރިކޮޅާއި، ހިލާލީ ދަރިކޮޅާއި، އުތީމު ދަރިކޮޅާއި، އިސްދޫ ދަރިކޮޅާއި، ދިޔަމިނގިލި ދަރިކޮޅާއި، ހުރާ ދަރިކޮޅެވެ.

މި ހަތް ދަރިކޮޅުގެ ތެރޭގައި ހިމެނޭ ޢުމަރުވީރު ދަރިކޮޅު ނިސްބަތްވަނީ ބަންގާޅަށެވެ. ބަންގާޅު ކިޔަނީ މިހާރުގެ ބަންގްލާދޭޝްއަށް ކަމަށް ވިޔަސް އޭރު އެއީ މިހާރުގެ އިންޑިއާގެ ބައެކެވެ. ޢުމަރުވީރު ދަރިކޮޅަށްފަހު ރާއްޖޭގައި ރަސްކަންކުރެއްވި ހިލާލީ ދަރިކޮޅަކީ ވެސް މުއައްރިޚުން ވިދާޅުވާ ގޮތުގައި ބޭރުން އައި ދަރިކޮޅެއްގެ ގޮއްޕެކެވެ. މި ނޫނަސް ރާއްޖޭން ބޭރުގެ އެހެން ބައެއް ބޭފުޅުން ވެސް ރާއްޖޭގައި ރަސްކަން ކުރައްވާފައިވެއެވެ. އެ ބޭފުޅުންނަށް ރަސްކަން ދަމަހައްޓާނޭ ދަރިފަސްކޮޅެއް ބިނާކުރެވިފައި ނުވަނީއެވެ.

ޢުމަރުވީރު ދަރިކޮޅަކީ ދިވެހިރާއްޖެ އިސްލާމްވުމަށްފަހު ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ދެވަނަ ދަރިކޮޅެވެ. އޭގެ ކުރިން ރަސްކަން ކުރެއްވި ދަރިކޮޅަކީ ތީމުގޭ ދަރިކޮޅު ނުވަތަ މާލޭ ދަރިކޮޅެވެ. ޢުމަރުވީރު ދަރިކޮޅުގެ ފުރަތަމަ ރަސްކަލަކީ ޞަލާޙުއްދީން ޞާލިޙުއްބަންޖާލީގެ ދަރިކަލުން އަބުލް ފަތުޙުލް ޖަލާލުއްދީން، ޢުމަރުވީރު ރަދުންނެވެ.

ޞަލާޙުއްދީން ޞާލިޙުލްބަންޖާލީއަކީ އިންޑިއާގެ ބަންގާޅުގެ ވިޔަފާރިވެރިއެކެވެ. ޞަލާޙުއްދީން ޞާލިޙުލްބަންޖާލީ ރާއްޖެވަޑައިގެން އުޅުއްވި އުޅުއްވުމުގައި ތީމުގޭ ދަރިކޮޅުން 15ވަނައަށް ރަސްކަން ކުރެއްވި އައްސުލްޠާން ޔޫސުފް ކަލަމިންޖާ (އެއްވަނަ) ސިރީ ބުވަނާދީއްތަ މަހާރަދުންގެ ހުވަފަތް އަނބިކަމަނާއާ ކައިވެނި ބައްލަވައި ގެންނެވިއެވެ. ޢުމަރުވީރު ރަދުންނަކީ އެ ބަނޑުފުޅުން ޞާލިޙުލްބަންޖާލީއަށް ލިބިވަޑައިގެންނެވި ދަރިކަލެކެވެ.

ތީމުގޭ ދަރިކޮޅުން އެންމެ ފަހުން ރަސްކަން ކުރެއްވީ މީލާދީން 1301 އިން 1306 އަށް ރަސްކަން ކުރެއްވި އައްސުލްޠާން ދާއޫދު ކަލަމިންޖާ (އެއްވަނަ) ސިރީ ސުންދުރަ ބަވަނަ މަހާރަދުންނެވެ. ރާދަވަޅިން އެނގޭގޮތުގައި މި ރަދުންގެ ބައްޕާފުޅަކީ އައްސުލްޠާން ޔޫސުފް ކަލަމިންޖާކަން އެނގެއެވެ. އެނގެން ނެތީ މި ރަދުންގެ މަންމާފުޅެވެ. އަލްޤާޟީ ޙަސަން ތާޖުއްދީން ލިޔުއްވާފައިވާ ގޮތުގައި ޢުމަރުވީރު ރަދުންނަކީ މައިފުށުން އައްސުލްޠާން ދާއޫދު ކަލަމިންޖާގެ ކޮއްކޯފުޅެކެވެ. ދާއޫދު ކަލަމިންޖާއަށްފަހު ދިވެހި ރަސްކަން ޢުމަރުވީރު ރަދުންނަށް ލިބިވަޑައިގެންނެވި ޝަރުޢީ ހަމައަކީ މިއީއެވެ. އެހެންވީމާ ބޭރުގެ ދަރިކޮޅަކަށް ދިވެހި ރަސްކަން ފުރޮޅިގެން ދިއުމުގައި ޞާލިޙުއްބަންޖާލީގެ ކައިވެނިފުޅު މުހިންމު ދައުރެއް އަދާކޮށްފައިވާތީ ފެނެއެވެ. ރާދަވަޅިތަކުގައާއި ޙަސަން ތާޖުއްދީނުގެ ތާރީޚު ފޮތުގައި މި ޞާލިޙުއްބަންޖާލީއަށް ދީފައި އޮންނަ ނަމަކީ "ސާލީސް ކިލެގެ" އެވެ. ޢުމަރުވީރު ދަރިކޮޅު ނިސްބަތް ކުރެވެނީ ބަންގާޅުގެ މި ވިޔަފާރިވެރިޔާއަށެވެ. އެކަމަކު ދަރިކޮޅަށް ނަން ދެވިފައިވަނީ މި ދަރިކޮޅުން ފުރަތަމަ ރަސްކަން ކުރެއްވި އައްސުލްޠާން އަބުލްފަތަޙި ޖަލާލުއްދީން ޢުމަރުވީރު ސިރީލޯކަ އަބާރަނަ މަހާރަދުންގެ ނަންފުޅުންނެވެ. މި ރަދުންގެ ރަސްކަމާއެކު ޢުމަރުވީރު ދަރިކޮޅުގެ ރަސްކަން ފެށުނީ މީލާދީން 1306 (ހިޖުރައިން 706) ވަނަ އަހަރުއެވެ.

ޢުމަރުވީރު ދަރިކޮޅަށް ނިސްބަތްވާ ފަސް ރަސްކަލަކު ރަސްކަން ކުރެއްވިއެވެ. އެއީ އައްސުލްޠާން އަބުލްފަތަޙި ޖަލާލުއްދީން ޢުމަރުވީރު ސިރީލޯކަ އަބާރަނަ މަހާރަދުންނާއި، އައްސުލްޠާން އަޙްމަދު ޝިހާބުއްދީން ސިރީ ލޯކަ އާދީއްތަ މަހާރަދުންނާއި، އައްސުލްޠާނާ ޚަދީޖާ ރެހެންދި ކަބައިދިކިލެގެ ސިރީ ރާދަ އަބާރަނަ މަހާރެހެންދިއާއި، އައްސުލްޠާނާ ފާތިމަތު ރާދަފަތި ކަނބައިދި ކިލެގެ ސިރީ ސޯމަ އަބާރަނަ ރެހެންދިއާއި، އައްސުލްޠާނާ ދާއިން ކަނބައިދިކިލެގެ ސިރީ ނިއްތާ އަބާރަނަ މަހާރެހެންދިއެވެ. މި ބޭފުޅުންގެ އިތުރުން ޢުމަރުވީރު ދަރިކޮޅުގެ ދުވަސްވަރު އެކިއެކި ގޮތްގޮތުން ރަސްކަން ހޯއްދަވައިގެން ރަސްކަން ކުރެއްވި ފަސް ބޭފުޅަކު ވެއެވެ. އެ ބޭފުޅުންނަކީ ވެސް ޢުމަރުވީރު ދަރިކޮޅުން ރަސްކަން ކުރެއްވި ބޭފުޅުންކަމަށް ބައެއް މުއައްރިޚުން ބައްލަވައެވެ. އެގޮތަށް ބަލައިފިނަމަ އެ ދަރިކޮޅުން ރަސްކަން ކުރެއްވި ބޭފުޅުންގެ އަދަދު 10 އަށް އިތުރުވެއެވެ.

ޢުމަރުވީރު ދަރިކޮޅަށް އިތުރުކުރެވިފައިވާ ފަސް ރަސްކަލުންނަކީ ރެހެންދި ޚަދީޖާގެ ފިރިކަލުން އައްސުލްޠާން މުޙައްމަދުލް ޖަމީލާއި، އެކަމަނާގެ ދެވަނަ ފިރިކަލުން ޢަބްދުﷲ ބިން މުހައްމަދުލް ޙަޟްރަމީއާއި، ރާދަފަތި ކިލެގެގެ ފިރިކަލުން މުޙައްމަދުލް މާކުރަތީއާއި، ދާއިން ކަނބާގެ ފިރިކަލުން ޢަބްދުﷲ (ދެވަނަ) އާއި އުސްމާނުލް ފެހެންދުވީއެވެ. ރެހެންދި ޚަދީޖާގެ ދެ ފިރިކަލުންނަކީ ޔަމަނުކަރައިގެ ދެ ބޭފުޅުންނެވެ.

ޢުމަރުވީރު ދަރިކޮޅުގެ ރަސްކަން އައްސުލްޠާން އުޘްމާނުލް ފެހެންދުވީ ސިރީ ސުންދުރަ އާދީއްތަ މަހާރަދުންނާ ހަމައަށް ބަލައިފިނަމަ އެ ދަރިކޮޅުން މީލާދީން ގޮތުން 62 އަހަރު ރަސްކަން ކުރައްވާފައިވާނެއެވެ. އެއީ މީލާދީން 1306 އިން 1368 އަށެވެ. ހިޖުރައިން 706 ވަނަ އަހަރުން 769 އަށެވެ.

މަޢުލޫމާތު: ނަސީމާ މުޙައްމަދު (2014) ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން. ދެވަނަ ޗާޕު.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *