ހއ ދިއްދޫގެ ކުޅިވަރު ކަންކަމާއި އިޖްތިމާޢީ އިތުރު ކަންކަމާއި ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް، ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް އާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލު ވުމުގައި ދެކެވިފައިވާ ވާހަކަތައް ހިއްސާކުރަމުން މެންބަރު އަބްދުﷲ ވަހީދު ވިދާޅުވެފައިވަނީ، ދިއްދޫގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތާއި، ފުޓްސަލް ދަނޑުގެ މަރާމާތުގެ މަސައްކަތުގެ އިތުރުން، އެ ރަށުގެ އިޖްތިމާޢީ މަރުކަޒުގެ މަސައްކަތުގެ ވާހަކަ ދެކެވިފައިވާކަމަށެވެ.
މި ގޮތުން، ދިއްދޫ ދަނޑުގެ ސަބްބޭސްގެ މަސައްކަތް ނިމުމަކާއި ގާތް ވެފައި ވުމުގެ ސަބަބުން، އެ ދަނޑުގެ ބާކީ ހުރި މަސައްކަތްތަށް ވީހާވެސް ހަލުވި ސްޕީޑެއްގައި ނިންމާލަ ދިނުމަށް މިނިސްޓަރ އަރިހުގައި ވަނީ މެންބަރު ދަންނަވާފައެވެ. އޭގެ ތެރޭގައި، ދަނޑުގެ ޓާރފްގެ ކަންކަން ފަށައިގަތުމާއި، ދަނޑުގެ ލައިޓްގެ ޖެހުމާއި، ރޮސްޓޮމް އަދި ޗޭންޖިންގ ރޫމް އަދި ދަނޑުގެ ވަށައިގެން ފެންސު ޖެހުމުގެ އިތުރުން ދަނޑުގެ ސިޑިބަރީގެ މަސައްކަތުގެ ވާހަކަވެސް ވަނީ މަޝްވަރާކުރެވިފައެވެ.
އިޖްތިމާޢި މަރުކަޒުގައި މި ވަގުތު އެންމެ މީހަކު ވަޒީފާގައި ހުރުމުގެ ސަބަބުން، ދިއްދޫ ކަހަލަ އާބާދީ ބޮޑު ރަށެއްގައި ޒުވާނުން އެހާ ގިނަ ވުމުގެ ސަބަބުން، އެ މަރުކަޒުގެ ކަންކަން ބެލެހެއްޓުމަށް އިތުރު ބަޔަކު އައްޔަންކޮށްދެއްވުމަށްވެސް، މެންބަރު އަބްދުﷲ ވަހީދުވަނީ އެދިވަޑައިގެންފައެވެ. އެހެންކަމުން، މި ވަގުތު އެ މަރުކަޒަށް 1 އެޑްމިން އޮފިސަރަކާއި، 2 ވޮޗަރުން އަދި 2 މަސައްކަތު މީހުން ހޯއްދަވައިދެއްވުމަށްވެސް މެންބަރު ވަނީ އެދިވަޑައިގެންފައެވެ. އަދި އެތަނަށް ކޮންމެހެން ގެންނަން ޖެހޭ މަރާމާތު ތަކުގެ ތެރޭގައި ތަނުގެ ލައިޓް ޕޯސްޓުތައް އަލުން ހެދުމާއި، ޖިމްގެ އެއަރ ކޮންޑިޝަނަރ ހަލާކުވުމުގެ ސަބަބުން އެ ކަންކަމާއި، ކުލާސް ރޫމުގެ ދޮރުތައް އަލުން ހެދުމަށް ބޭނުންވާ ފައިސާ ވީހާވެސް އަވަހަކަށް ހަމަޖައްސަވައި ދެއްވުމަށް ވަނީ ދަންނަވާފައެވެ.
ފުޓްސަލް ދަނޑުގެ ވާހަކަ ދައްކަވަމުން މެންބަރު ވިދާޅުވެފައިވަނީ، އެ ދަނޑަކީ އެ ރަށު ޒުވާނުން ބޭނުން ކުރާތާ 5 އަހަރު ވެފައިވާ ދަނޑެއް ކަމަށާއި، ދަނޑުގެ ތަޅުމުގެ ބައެއް ގާތައް ހަލާކުވެފައިވާ ކަމަށާއި، ފެންސު ހަލާކުވެފައިވާ ވާހަކައާއި، ކަރަންޓުގެ ގިނަ މައްސަލަތަކެއް އުޅޭ ވާހަކަވެސް ވަނީ މިނިސްޓަރު އަރިހުގައި ދަންނަވާފައެވެ. އަދި ދަނޑުގައި އޮތް މެޓުގެ ބަދަލުގައި ޓާރފްއެއް އަޅުއްވައި ދިނުމަށާއި، ދަނޑު އަލުން މަރާމާތު ކުރެއްވުމުގެ ޕްރޮޖެކްޓެއް ހިންގަވައިދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.
މިކަން ކަން ހުށަހެޅުއްވުމުން، މިނިސްޓަރ މަހުލޫފްވަނީ މި ކަން ކަން އަޑުއައްސަވައި، މި ކަންކަން ކުރެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މި ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަންވެސް މިނިސްޓަރ މަހުލޫފް ވަނި މެންބަރު އަބްދުﷲ ވަހީދަށް އަރުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!