ކުރީގެ ސަރުކާރުގައި ހިނގާފައިވާ، އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާގެ ހުކުމް އިއްވުން މިއަދު ހަވީރު 6 ޖަހާއިރަށް ތާވަލުކޮށްފިއެވެ.
މިހިނގާ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އަދީބުގެ މައްޗަށް އިއްވި ހަތް ދައުުވާއަށް އޭނާ ވަނީ އިއުތިރާފުވެވަޑައިގެންފަ އެވެ.
އަދީބުގެ މައްޗަށް އުފުލި ދައުވާތައް އުފުލާފައި ވަނީ އޭނާ ޓްއަރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުންނެވި ދުވަސްވަރާއި ނައިބު ރައީސްކަމުގެ މަޤާމުގައި ހުންނަވާ ޓައްރިޒަމް މިނިސްޓްރީ ހަވާލުވެޑާއިގެން ހުންނެވި ދުވަސްވަރު ހިންގާފައިވާ ކޮރަޕްޝަން މައްސަލަތަކާއި ގުޅިގެންނެވެ.
އެ ދައުވާ ތަކަކީ ޚިޔާނާތުގައި ބައިވެރިވުމުގެ ކުށުގެ ދެ ދައުވާއަކާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒް ފައިދާއެއް ހޯދާދިނުމުގެ ކުށުގެ ދައުވާއަކާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒް ފައިދާއެއް ހޯދުމުގެ ކުށުގެ ދައުވާއަކާއި، މަނީ ލޯންޑަރކުރުމުގެ ކުށުގެ ދެ ދައުވާއެވެ. ދައުލަތާއިއެކު ހަދާފައިވާ އިއުތިރާފު އެއްބަސްވުމުގެ ދަށުން އަދީބުވަނީ މި ދައުވާތަކަށް އިޢުތިރާފްވެވަޑައިގެންފައެވެ.
މި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ވާހަކަދައްކަވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ ހަތް ދައުވާގެ އަދަބެއްގެ ގޮތުން 20 އަހަރަށް ޖަލަށްލުމާއި 2 މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމަށް އެއްބަސްވެފައިވާކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި އެއްބަސްވުމުގެ ދަށުން އަންނާނެ އަދަބުތައް ދައުލަތުން ކިޔައިދީ ނިމުމުން މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވީ، ހުކުމް ކުރުމުގެ އަޑުއެހުން ބާއްވާނީ މި މަހުގެ 12 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް، އެކަމާ ދައުލަތުން ދެކޮޅު ހެދި އެވެ. ދައުލަތުން ބުނީ، ގާނޫނުގައިވާ ގޮތުން ހުކުމް ކުރުންވެސް ބާއްވަން ޖެހޭނީ މިއަދު ކަމަށެވެ.
ދައުލަތުން އެކަމާ ދެކޮޅު ހެދުމުން ގާޒީ އަޑުއެހުން މެދުކަނޑާލެއްވި އެވެ. އަދި ވިއްސަކަށް މިނެޓު ފަހުން އަޑުއެހުން ފައްޓަވައި ގާޒީ ވިދާޅުވީ، މިއަދު ހަވީރު 6:00 ގައި ހުކުމް ކުރަން ނިންމަވާފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!