ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރު ކަމަށް އައްޔަނު ކުރުމަށް، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އެންމެ އިސްކަމެއް ދެއްވާ ނަމެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސްގެ ފ. ނިލަންދޫ ބްރާންޗުގެ ކުރީގެ މެނޭޖަރު ގާސިމް އަބްދުލްކަރީމްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ހުސްވެފައިވާ އެންއައިސީގެ މެންބަރު ކަމަށް، އައްޔަނު ކުރުމަށް ރައީސް ޞާލިޙް އިސްކަން ދެއްވައި، މަޖިލިސްއަށް ނަން ފޮނުއްވި ޤާސިމަކީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ފަޅާއަރުވާލި ފަރާތެވެ.

Ad
rt

މިގޮތުން ރައީސް ޞާލިޙް މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ހުސްވެފައިވާ އެންއައިސީގެ މެންބަރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޅ. ނައިފަރު، ނިކަގަސްދޮށުގެ، ގާސިމް އަބްދުލްކަރީމް އެ މަގާމަށް އައްޔަނު ކުރުމަށް ފޮނުވާ ކަމަށެވެ.

އެ ސިޓީއާ އެކު ރައީސް ޞާލިޙް ވަނީ އެންއައިސީގެ މެންބަރު ކަމަށް ކުރިމަތިލެއްވި އެހެން ފަރާތްތަކުގެ ނަންތައް ވެސް މަޖިލީހަށް ފޮޮނުއްވާފަ އެވެ. އަދި މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތަކަށް ފާސްކޮށްދެއްވުމަށް ވެސް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ފަޅާއަރުވާލުމާއި ވިދިގެން ކަސްޓަމަރެއްގެ އެކައުންޓެއްގެ މައުލޫމާތު އާންމުކޮށް ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ކުށް ސާބިތުވެ، 8 އަހަރާއި 12 މަހަށް ގާސިމް ވަނީ މީގެކުރިން ޖަލަށް ވެސް ލައިފައެވެ. އޭނާ ދޫކޮށްލާފައި ވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.