ދުނިޔެއަށް ހަލުވިކަމާއެކު ފެތުރެމުންދިޔަ ކޯވިޑް-19 ގެ ސަބަބުން އަޅުކަމަށް ބަންދުކުރި، މުސްލިމުންގެ އެންމެ މުގައްދަސް ބިނާކަމުގައިވާ މަސްޖިދުލް ޙަރަމް، އުމްރާގެ އަޅުކަމަށާއި، ނަމާދަށް އިއްޔެއިން ފެށިގެން ހުޅުވާލައިފިއެވެ.
ސައޫދީގެ މިނިސްޓްރީއޮފް ހައްޖު އެންޑް އުމްރާއާއި، ކަމާއި ގުޅުން ހުރި އިދާރާތަކުން އެކަށަހަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ގައިޑްލައިނަކާއިއެކު އަލުން ހަރަމްފުޅު އާންމުކޮށް ހުޅުވާލާފައި މިވަނީ ހަތް މަސްދުވަސް ވަންދެން ބަންދުކޮށްފައި ބެހެއްޓުމަށްފަހު ފަހުގައެވެ.
ކޯވިޑް ފެތުރުން ހުއްޓުވުމަށް ސައުދީ ސަރުކާރުން މަސްޖިދުލް ޙަރަމް ހިމެނޭގޮތުން މައްކާގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ފަށައި، ހަރަމްފުޅު ހުޅުވާލިއިރު ފުރަތަމަ އުމްރާގެ އަޅުކަމަށް ފުރުޞަތު ދީފައި ވަނީ ހަމައެކަނި ސައޫދީ ރައްޔިތުންނަށް އެކަންޏެވެ.
ސައުދީ ސަރުކާރުން ނިންމާފައިވަނީ، ފުރަތަމަ ފިޔަވަހީގައި އިއްޔެއިން ފެށިގެން ކޮންމެ ދުވަހަކު 6،000 މީހުންނަށް މަސްޖިދުލް ޙަރަމްގައި ނަމާދުކުރުމާއި، އުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށް ފުރުސަތު ދިނުމަށެވެ.
މިގޮތުން އުމްރާގެ އަޅުކަން ފުރިހަމަކުރަން ކޮންމެ މީހަކަށްވެސް ލިބޭނީ 3 ގަޑިއިރުގެ ވަގުތެއް ކަމަށް ސައުދީ ކަމާބެހޭ ފަރާތްތަކާއި ހަވާލާދީ ''ސައުދީ ގެޒެޓް''ގައި ބުނެފައި ވެއެވެ.
އުމްރާގެ އަޅުކަމަށާއި، ހުކުރު ދުވަހުގެ ހުކުރު ނަމާދަށް އަންނަން ބޭނުންވާ ފަރާތްތަކުން، އަޅުކަން ފުރިހަމަކުރަން ބޭނުންވާ ވަގުތާއި، ތާރީޚް ރިޒާވްކުރުމަށްޓަކައި އޮންލައިން އެޕްލިކޭޝަނެއް މެދުވެރިކޮށް ކުރިން ރަޖިސްޓަރީ ކުރަންޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އެ ނޫހުގައި ވަނީ ބުނެފައި އެވެ.
އުމުރާގެ އަޅުކަން ކުރިއަށް ގެންދިއުމުގައި ސައޫދީ ސަރުކާރުން ވަނީ ހަތަރު ފިޔަވަށްސަކަށް ބަހާލައިގެން އެ ފުރުޞަތު ދެމުންދާގޮތަށް ނިންމާފައި އެވެ. މިގޮތުން ސައުދީ އަރަބިއްޔާއިން ބޭރު ގައުމުތަކުގެ މީހުންނަށް އުމްރާގެ އަޅުކަމަށް ފުރުސަތު ހުޅުވާލަން ކަނޑައަޅާފައިވަނީ ތިންވަނަ ފިޔަވަހިން ފެށިގެންނެވެ. ތިންވަނަ ފިޔަވަހި ފެށުމަށް ކަނޑައަޅާފައިވަނީ އަންނަ ނޮވެމްބަރުމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
ހަތަރުވަނަ ފިޔަވަހީގައި ސައުދީ އަރަބިއްޔާގެ ރައްޔިތުންނާއި، ސައުދީގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ މީހުންނާއި އަދި އެހެން ގައުމުތަކުގެ މީހުންނަށް އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ޒިޔާރަތްކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލަން ވަނީ ކަނޑައަޅާފައެވެ. އެހެން ނަމަވެސް، ހަތަރުވަނަ ފިޔަވަހި ހުޅުވާލާނެ ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.
ފުރަތަމަ ފިޔަވަހީގައި އިއްޔެއިން ފެށިގެން ކޮންމެ ދުވަހަކު 6،000 މީހުންނަށް އުމްރާގެ އަޅުކަމާއި، ނަމާދަށް މަސްޖިދުލް ޙަރަމް ހުޅުވާލިއިރު، ދެވަނަ ފިޔަވަހީގައި، އޮކްޓޫބަރުމަހުގެ 18 ވަނަ ދުވަހުން ފެށިގެން މަސްޖިދުލް ހަރަމްގައި އުމްރާގެ އަޅުކަން ފުރިހަމަ ކުރުމުގެ އިތުރުން، މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީއަށް ޒިޔާރަތްކޮށް މާތްވެގެންވާ ދެ މިސްކިތުގައިވެސް ނަމާދުކުރުމުގެ ފުރުސަތު ހުޅުވާލުމަށްވަނީ ނިންމާފައެވެ.
ދެވަނަ ފިޔަވަހީގައި ދެމިސްކިތުގެ ޖާގައިގެ 75 އިންސައްތަ ބޭނުންކުރަން ކަނޑައަޅާފައި ވާއިރު، އުމްރާގެ އަޅުކަމަށް އާދެވޭނީ 15،000 މީހުންނަށެވެ. މިސްކިތްތަކުގައި ނަމާދުކުރަން އާދެވޭނީ 40،000 މީހުންނަށް ކަމަށް ކަނޑައަޅާފައި ވެއެވެ.
މި ދެ ފިޔަވަހީގައިވެސް އުމްރާގެ އަޅުކަމަށާއި، ނަމާދަށް، މާތްވެގެންވާ ދެ މިސްކިތަށް އާދެވޭނީ ސައުދީ އަރަބިއްޔާގެ ރައްޔިތުންނާއި، އެގައުމުގައި ދިރިއުޅޭ ބޭރުގައުމުތަކުގެ މީހުންނަށް އެކަންޏެވެ.
ސައުދީ ސަރުކާރުގެ މިނިސްޓަރ އޮފް ހައްޖު ވިދާޅުވީ، އުމްރާގެ އަޅުކަމަށް އަންނަ ކޮންމެ 25 ނުވަތަ 20 މީހުންގެ ގްރޫޕަކަށް ހެލްތު ވޯރކަރެއް ހުންނާނެ ކަމަށެވެ. އަދި މެޑިކަލް ޓީމުތައް މަސްޖިދުލް ޙަރަކްގައި ހަރަކާތްތެރިވަމުން ގެންދާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ އުމްރާގެ އަޅުކަމަށް ޚަރަމްފުޅަށް އެތެރެވުމުގެ ހުއްދަ ދޭނީ ރަޖިސްޓްރީ ކުރާ މީހުންނަށް އެކަނި ކަމަށެވެ. އަދި އުމްރާވުމަށް ރަޖިސްޓްރީވާ މައްކާގެ ރައްޔިތުން އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެ ކަމަށެވެ.
އެގޮތުން ޚަރަމްފުޅު އަލުން ހުޅުވާލާއިރު އުމްރާގެ އަޅުކަމުގައި އަދި ބައިވެރިވެވޭނީ އުމުރުން 18 އަހަރާއި 65 އަހަރުގެ މީހުންނަށް ކަމަށް އެ މިނިސްޓްރީ އިން ހާމަކޮށްފައިވެއެވެ.
ކޯވިޑްގެ ސަބަބުން ހަރަމްފުޅު ބަންދުކުރިތާ ހަތްމަސް ފަހުން އަލުން ހުޅުވާލިއިރު، ސައުދީން އިއްޔެވެސް ކޯވިޑަށް ވަނީ 390 މީހުން ޕޮޒިޓިވްވެ، 25 މީހުން މަރުވެފައެވެ. އެ ޤައުމުން މިހާތަނަށް އެ ބަލި ޖެހިފައި ވަނީ 336,387 މީހުންނަށެވެ. އެ ޤައުމުން އެ ބަލީގައި 4,875 މީހުން މަރުވެފައިވާއިރު، 321,485 މީހުން ވަނީ ބަލިން ރަނގަޅު ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!