ހއ. އިހަވަންދޫގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމާއި ގުޅޭގޮތުންނާއި، އެރަށުގައި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމު ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ.

މިމަޝްވަރާ ކުރައްވާފައިވަނީ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު އާއި އިހަވަންދޫ ކައުންސިލްގެ މެމްބަރުންނާއެކު އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ މިއަދު ކުރިއަށް ގެންދެވި އޮންލައިން ބައްދަލު ވުމެއްގައި އެވެ.

Ad
rt

މިއަދު ހެނދުނު 9:30 ގައި ބޭއްވި އެ ބައްދަލުވުމާއި ގުޅޭގޮތުން އިހަވަންދޫ ކައުންސިލުން ބުނީ އެ ބައްދަލުވުމަކީ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއުގެ އިސްނެންގެވުމަށް، އިސްލާމިކް މިނިސްޓަރާއިއެކު ބޭއްވުނު ބައްދަލުވުމެއް ކަމަށެވެ.

''މިބައްދަލުވުމަކީ މިފަދަ ހާލަތެއްގައި، ސީދާ މިނިސްޓަރަށް ކައުންސިލްގެ އަޑު އިއްވާއިދެއްވުމަށް މެމްބަރު ހޯއްދަވާ ދެއްވި ފަހި ފުރުސަތެކެވެ.'' އިހަވަންދޫ ކައުންސިލުން ބުނެފައި ވެއެވެ.

އިހަވަންދޫ ކައުންސިލުން ބުނީ އެ ބައްދަލުވުމުގައި، ރަށުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމާއި، ޚަތީބުންނާއި ޖަމާއަތްތެރިން ތަމްރީން ކުރުމާއި، މިސްކިތްތައް އާބާތުރަ ފިލުވުމާއި އަދި މިސްކިތްތައް ބެލެހެއްޓުމަށް މަދުވާ މުވައްޒަފުން ހޯދުމާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވާރާ ކުރެވިފައިވާ ކަމަށެވެ.

އިހަވަންދޫއަކީ ކީރިތި ޤުރުއާނަށް ލޯބިކުރާ ރައްޔިތަކު ދިރިއުޅޭ ރަށެއްކަން ފާހަގަ ކުރައްވާ، ދީނީ ޢިލްމާއި ތަމްރީން ދޭނެ މަރުކަޒަކަށް އިހަވަންދޫ ރައްޔިތުން ބޭނުންވެފައިވާ ކަމަށް މެންބަރު ޝިފާއު އެބައްދަލުވުމުގައި ފާހަގަ ކުރަށްވައި، ވާހަކަ ދެއްކެވި ކަމަށް އިހަވަންދޫ ކައުންސިލުން ބުންޏެވެ.

އެބައްދަލުވުމުގައި އިހަވަންދޫގައި ކީރިތި ޤުރުއާނައި ބެހޭ މަރުކަޒުގެ ގޮތްޕެއް ހައްދަވާ ދެއްވާނެކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވި ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

އިހަވަންދޫ ކައުންސިލުން ބުނީ މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ގިނަ ކަންކަމަށް އަވަސް ޙައްލު ގެނެސްދެއްވާނެކަމުގެ ޔަގީންކަން އިސްކާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު ޢަލީ ދެއްވާފައިވާ ކަމަށެވެ.