އެއްގަމު އުޅަނދުތައް ރަޖިސްޓަރީ ކުރުމުގައި މިހާރު ދިމާވާ ދަތިތައް މި ސަރުކާރުން ހައްލު ކޮށްދޭނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބުދުﷲ ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕަރސަންގެ މަޤާމުގައި ވެސް ހުންނެވި އަޙްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ދަތިތައް ހައްލު ކޮށް ދިނުމާއިއެކު، ޕާކިން ނިޒާމަށް ވެސް ލުއި ހައްލެއް މި ސަރުކާރުން ހޯދައި ދޭނެ ކަމަށެވެ.

Ad
rt

''ވެހިކަލް ރަޖިސްޓަރީ ކުރުމުގައި މިހާރު ދިމާވާ ދަތިތައް ހައްލުކޮށް، ޕާކިން ނިޒާމު ރައްޔިތުމީހާއަށް ބުރަ ބޮޑުނުވާނެ ގޮތަކަށް އިރާދަ ކުރެއްވިއްޔާ މި ސަރުކާރުން ބަދަލު ކޮށްދޭނެ''

މެންބަރު އަޙްމަދު ވިދާޅުވިއެވެ.

މެންބަރު އަޙްމަދު ޢަބުދުﷲ މިހެން ވިދާޅުވިއިރު، މާލޭގައި ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމަށް މި ސަރުކާރުން ގެނެސްފައިވާ ބަދަލާއި ގުޅިގެން، ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމުގައި ކުރިއާއި ޚިލާފަށް ވަނީ ބޮޑު ބަދަލެއް ގެނެސްފައިއެވެ.

އެގޮތުން އުޅަނދުތައް ރަޖިސްޓަރީ ކުރުމުގައި ގަރާޖެއްގައި ރަޖިސްޓަރީ ކުރެވޭނެ މިންވަރު ޓްރާންސް ޕޯޓުން ވަނީ ކަނޑައަޅާފައިއެވެ. އެ ބަދަލު ނުގެންނައިރު އެއް ގަރާޖެއްގެ ނަމުގައި އެތައް ޖާގައެއް ވިއްކައި، ގަރާޖުތަކުގެ ވެރިން ނާޖާއިޒު ފަދާ ނަގާފައިވާ ކަމަށް ޓްރާންސްޕޯޓުން ވަނީ އޭރު ބުނެފައެވެ.

އެއްގަމު ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރާއިރު ގަރާޖެއްގައި ރަޖިސްޓަރީކުރުން ލާޒިމު ނުވާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމަށް، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވަނީ އޯގަސްޓް 17 ވަނަ ދުވަހު މަޖިލިސްއަށް ބިލެއްވެސް ހުށަހަޅުއްވާ ފައިއެވެ.

މޮސްޓާ ހުށަހެޅުއްވި އެ ބިލުގައި ބުނެފައި ވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން، ހަދާފައިވާ ގަވާއިދުގެ ދަށުން، އެއްގަމު ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ރަޖިސްޓްރީ ކުރާއިރު ގަރާޖެއްގައި ރަޖިސްޓްރީ ކުރާ ގޮތަށް ގަވާއިދުގައި ބުނެފައިވުމުން ގަރާޖުތަކުގެ ވެރިފަރާތުން އޭގެ ނާޖާއިޒު ފައިދާ ނަގައި ބޮޑެތި އަދަދުން ގަރާޖު ފީގެ ނަމުގައި ނަގަމުންދާ ކަމަށެވެ. އަދި މޮސްޓާ ހުށަހެޅުއްވި ބިލުގައި އިތުރަށް ބުނެފައި ވަނީ ގަރާޖުތަކުގައި އޮންނަން ޖެހޭ ޖާގައަށްވުރެ އިތުރަށް ގިނަ އުޅަނދުތަކެއް ރެޖިސްޓްރީކުރަމުންދާ ކަމަށާއި މިފަދަ އަމަލުތައް ހުއްޓުވައި މޮނިޓާ ކުރެވޭތަން ނުފެންނަ ކަމަށެވެ.