ޖަޕާނުން ރާއްޖެއަށް ދޭ އެންމެ ބޮޑު މާލީ އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފި

Japan maldives

ކޯވިޑް-19 އާ ގުޅިގެން ޖަޕާނުން ރާއްޖެއަށް ދޭން ނިންމި 723 މިލިއަން ރުފިޔާ (47.5 މިލިއަން އެމެރިކާ ޑޮލަރު) ލޯނު އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެކްސްޗޭންޖް އޮފް ނޯޓްސް އަކީ ލޯނުގެ ރަސްމީ އެއްބަސްވުމުގެ ކުރިން ދެ ގައުމުގެ މެދުގައި ލޯން އެއްބަސްވުމާ ގުޅޭ ގޮތުން ސޮއިކުރެވޭ ލިޔުމެވެ. މިއީ މިހާތަނަށް ޖަޕާނުން ރާއްޖެއަށް ފޯރުކޮށްދޭ އެންމެ ބޮޑު އެހީކަން ފާހަގަކޮށްލެވެއެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން މި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ. އަދި ޖައިކާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޯރޕަރޭޝަންގެ ރާއްޖެ އޮފީހުގެ ރެޕްރެޒެންޓޭޓިވް މިޓްސުޔޮޝީ ކަވަސާކީ އެވެ.

މި ލޯނަކީ ކޮންސެޝަނަލް ލޯން އެހީއެކެވެ. މިއީ ހަތަރު އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު، 15 އަހަރުން ދައްކާ ގޮތަށް 0.01 ޕަސެންޓްގެ އިންޓްރެސްޓް ރޭޓްގައި ޖަޕާނުން ދޭ ލޯނެކެވެ.

ލޯން ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ޖަޕާނުން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކޮށްފައެވެ. އަދި މި ފަހަރު ޖަޕާނުން ރާއްޖެއަށް ދީފައިވާ މާލީ އެހީތެރިކަމަކީ ޖަޕާނުން މިހާތަނަށް ރާއްޖެއަށް ދީފައިވާ އެންމެ ބޮޑު މާލީ އެހީތެރިކަންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ރާއްޖޭގެ އިޤްތިސާދަށް ނޭދެވޭ ގިނަ އަސަރު ކޮށްފައިވާ އިރު، ޖަޕާނުން ދިން އެހީއާއެކު ކޯވިޑް-19އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް އިތުރަށް ފުޅާކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ.

" މި އެހީއާއެކު ރާއްޖެއިން ކޯވިޑް-19އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް އެހީއަކަށްވެގެންދާނެ، އަދި ޤައުމުގެ އިޖްތިމާއީ އަދި އިޤްތިސާދީ ހަރަކާތްތައް ކުރިއެރުވުމަށް އެހީތެރިވެދީ، އިޤްތިސާދީ ހަރަކާތްތައް އަލުން އާރާސްތު ކުރުމަށް އެހީތެރިވެދޭނެ،"

މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ޖަޕާނުން ވަނީ ރާއްޖޭގެ ސިއްހީ ދާއިރާ އަށް ވެސް ދާދި ފަހުން 5.6 މިލިއަން ޑޮލަރުގެ އެހީތެރިކަން ދީފަ އެވެ. އަދި ކޯވިޑްއާ ގުޅިގެން ޔޫއެންޑީޕީ މޯލްޑިވްސް އަށް 1.4 މިލިއަން ޑޮލަރު، ޔުނިސެފް މޯލްޑިވްސްއަށް 356،400 ޑޮލަރު އަދި މޯލްޑިވްސް ރެޑް ކްރެސެންޓް އަށް 185،000 ޑޮލަރުގެ ހިލޭ އެހީ އެއްވެސް ދިނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *