ކޮރަޕްޝަނަށް ހުރި ހިރާސްތައް ކުޑަކުރަން މާލިއްޔަތު ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ ''ކޮރަޕްޝަނަށް ހުޅުވިފައި އޮތް މާއްދާ އުވާލުމަށް އޭސީސީން އަނެއްކާވެސް އެދިއްޖެ'' ސުރުޚީ ދަށުގައި ނޫހަކުން ގެނެސްފައިވާ ޚަބަރު ހިއްސާ ކުރަށްވައި ކުރެއްވި ޓުވީޓެއްގައި އެވެ.

Ad
rt

މިނިސްޓަރ އަމީރު ވިދާޅުވީ، ކޯޕަރޭޓިވް ސޮސައިޓީ އަދި ގައުމީ ޖަމިއްޔާއާއި ސިންގަލް ސޯސްކޮށް ދެވޭގޮތަށް ކުރިން އޮތް މާއްދާ މިހާރުވަނީ ބަދަލުކޮށްފައި ކަމަށެވެ.

ފިނޭންސް މިނިސްޓްރީން އިސްނަގައިގެން އެޓާނީ ޖެނެރަލް، އޮޑިޓާ ޖެނެރަލް އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހިމެނޭގޮތަށް މާލިއްޔަތު ގަވާއިދު އިސްލާހު ކުރުމަށް ހެދި ކޮމިޓީގެ އެންޑޯޒްމަންޓާ އެއްކޮށް މިހާރު ގެނައި ބަދަލުތައް ގެޒެޓުކުރަން ފޮނުވިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

''ކޮރަޕްޝަންއާއި ހުރި ހިރާސްތައް ކުޑަ ކުރަން މާލިއްޔަތު ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތައް މި އަންނަނީ ގެންނަމުން، ކޯޕަރޭޓިވް ސޮސައިޓީ އަދި ޤައުމީ ޖަމްޢިއްޔާއާއި ސިންގަލް ސޯސްކޮށް ދެވޭގޮތަށް ކުރިން އޮތް މާއްދާ މިހާރު ވާނީ ބަދަލު ކޮށްފައި''

= އިބްރާޙީމް އަމީރު، ފިނޭންސް މިނިސްޓަރު =

ބިޑް ކުރުމަކާނުލައި މަސައްކަތް މިހާރު ހަވާލުކުރެވޭނީ ސަރުކާރުގެ 50 އިންސައްތަ ހިއްސާއަށްވުރެ ބޮޑު ހިއްސާއެއް އޮންނަ ކުންފުނިތަކަށާއި، އެ ކުންފުނިތަކުގެ ސަބްސިޑަރީ ކުންފުނިތަކަށާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކޮށްފައިވާ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ބީލަމަށް ހުޅުވާ ނުލައި މަޝްރޫއުތައް ހިންގަން ހަވާލުކުރެވޭ ގޮތަށް މާލިއްޔަތު ގަވާއިދަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގެނައި އިސްލާހާ އެކު، ކޮރަޕްޝަނަށް ހުޅުވިފައި އޮތް މާއްދާ އުވައިލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެދިފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ.

މި މާއްދާ އުވައިލަދޭން ފުރަތަމަ އެދުނީ ކުރީގެ ކޮމިޝަނުންނެވެ. އެއީ، ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް، ކުރީގެ ސަރުކާރުގައި ހިންގި ކަމަށް ތުހުމަތުކުރެވޭ ޚިޔާނާތުގެ އެތައް މިލިއަން ރުފިޔާއެއްގެ މައްސަލަތަކުގެ ތަހުގީގުގައި އެ މާއްދާގެ ތެރެއިން ކޮރަޕްޝަން ހިންގާފައި އޮތް ކަމަށް ފާހަގަވެފައިވާތީ އެވެ. މި މާއްދާގެ ސަބަބުން ކޮރަޕްޝަނަށް މަގު ފަހިވެފައި ވާތީ، އެސެސްމެންޓެއް ހަދައި ސަބަބުތަކާ އެކު މިދިޔަ އަހަރު ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީ އަށް އެ ކޮމިޝަނުން ވަނީ ހުށަހަޅާފައި އެވެ.

ދައުލަތަށް ތަކެއްޗާއި ހިދުމަތް ހޯދުމަށް ހަވާލުވެ ހުރި ފަރާތްތަކަށް އެ މަސައްކަތްތަކުގެ ތެރެއިން ނާޖާއިޒު ފައިދާ ނުހޯދޭނެ ގޮތަށް މާލިއްޔަތު ގަވާއިދު އޮއްވައި، އިސްލާހެއް ގެނައީ ކުރީގެ ސަރުކާރުގައި، މެއި، 28، 2015 ގަ އެވެ.

އެ އިސްލާހަށް ފަހު ބިޑުކުރުމެއް ނެތި ކުރީގެ ސަރުކާރުގައި ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ ތެރޭގައި ދެ ބިލިއަން ރުފިޔާ އަށް ސިންގަޕޫރުގެ ޗެންހުއާއަށް ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތުގެ މަސައްކަތް ހަވާލު ކުރުމާއި، ނަސަންދުރާގެ ބިން 50 އަހަރަށް ކުއްޔަށް ދިނުން ހިމެނެ އެވެ.