ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިޔަސް، ކޯވިޑު19ގެ ކުރިން އުޅުނު ގޮތަށް އުޅެވޭނީ ވެކްސިނެއް ލިބިގެން ކަމަށް ހެލްތް އެކްސްޕާރޓެއްކަމަށްވާ ޑޮކްޓަރ ޝީނާ މުސާ ވިދާޅުވެއްޖެއެވެ.

ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ ( އެޗްއީއޯސީ) ގައި ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑޮކްޓަރ ޝީނާ ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ މަތީގައި ދުވަސްކޮޅަކު އެންމެން ވެސް ތިބެން ޖެހޭކަމަށާއި ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެއްކޮށް ދޫކޮށްލިޔަސް އެންމެކުރިން އުޅުނު ގޮތަކަށް ނޫޅެވޭނެ ކަމަށާއި މިހާރުގެ އާދަކާދަތައް ހިފަހައްޓާލަންޖެހޭކަމަށެވެ.

Ad
rt

ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކަށް ލުއި ދޭވަރަށް އަދި ވެސް ބަލި ކޮންޓްރޯލް ނުވާކަމަށާއި ޢަދަދުތައް ދަށަށް ދިޔަ ނަމަވެސް އަދިވެސް ބަލި ފެތުރެމުންދަނީ ރެޑް ޒޯންގައި ކަމަށެވެ. ލުއި ދެވޭނީ ގްރީން ޒޯނުގައި ދެހަފްތާއެއްހާ ދުވަސް ބަލާލުމަށްފަހުގައި ކަމަށެވެ.

"ޓްރެޖެކްޓްރީ ހުރީ ތިރިވާ ގޮތަށް، އެކަމަކު އަޅުގަނޑުމެން އަދި ސޭފް ލެވެލްއަކަށް ނުދެއޭ. އަމާޒަކީ ކްލަސްޓާއަކާ ނުގުޅޭ ކޭސްތައް 20 އަށް ވުރެން ތިރީގައި ބެހެއްޓުން. އޭރަށް ބުނެލަން އެނގޭނީ ބަލި ފެތުރުން އެބަ މަޑުޖެހެއޭ،"

ޑރ. ޝީނާ ވިދާޅުވި އެވެ.

ރޭގެ ޕްރެސް ކޮންފަރެންސް ގައި ޑޮކްޓަރ ޝިނާ ވަނީ މިހާރު ބަލި ފެތުރެމުންދާ މިންގަނޑުތަކުގެ ތަފްސީލާއި ފިޔަވަޅުތައް އެޅުމުން އައި ބަދަލުތައް ސްލައިޑަތަކުން ދައްކާލާފައެވެ. މިރޭގެ ސްލައިޑްތަކުން ފެންނަ ގޮތުން މިހާރު ގުޅުމެއް ނެތް ކޭސްތައް އުޅެނީ 29 އިންސައްތައިގައެވެ. ގުޅުމެއް ނެތް ކޭސްތައް ފެތުރޭ މިންވަރު ދައްކައިދޭ ގްރާފުން ފެންނަގޮތުން ލޮންޑައުންނަށްފަހު ލުއިދެވުމާއި އެކު ގުޅުމެއް ނެތް ކޭސްތައް 50 އިންސައްތައަށްވުރެ މަށްޗަށް ދިޔައެވެ. މިހާރު ޖުމުލަކޮށް ޓެސްޓް ކުރެވޭ ޢަދަދުން ޕޮޒިޓިވްވާ ނިސްބަތް އުޅެނީ 11 އިންސައްތައިގައެވެ. ފްލޫ ކްލިނިކް ތަކުން ޓެސްޓްކުރެވޭ ޢަދަދުގެ ތެރެއިން ޕޮޒިޓިވްވާ ޢަދަދު ހުރީ ފަސް އިންސައްތައިގައެވެ.

ޑރ. ޝީނާ ވިދާޅުވީ ފިޔަވަޅުތައް އެޅިތާ ކައިރީގައި ބަލި ފެތުރޭ މިންވަރު ދަށަށްދިއުން އަވަސްކޮށް ފެނުނު ނަމަވެސް މިހާރު ބަލި ފެތުރޭ މިންވަރު ދަށަށް ދިއުން ވަނީ ތަންކޮޅެއް ލަސްވަމުން ކަމަށެވެ. ބަލި ފެތުރޭ މިންވަރު ދަށަށް ދިއުން އަވަސް ވުމާ ލަސްވުން ވަނީ ފިޔަވަޅުތަކަށް ބޯލެނބުމާ ގުޅިފައިކަން ވެސް ފާހަގަ ކުރެއްވި މިހާރު ތިބި ހިސާބަށްވެސް އާދެވިފައި ވަނީ ފިޔަވަޅުތަކުގެ ސަބަބުން ކަން ފާހަގަ ކުރެއްވިއެވެ. ޚާއްޞަ ގޮތެއްގައި ކާފިއުގެ ފިޔަވަޅާ ދުއްވުން މަނާކުރުމުގެ ފިޔަވަޅުގެ ސަބަބުން އެކަކު އަނެކަކާ ދިމާވުން ކުޑަކުރެވުން ނަތީޖާ ރަނގަޅުކަން ފާހަގަ ކުރެއްވިއެވެ.

"ކުރީގެ ތަޖުރިބާ އަށް ބަލަންޏާ ގްރީން ޒޯނަށް ހަމަ އަޅާއިރަށް މެޝާސްތައް އީޒްކޮށްލައި ކޮވިޑްގެ ކުރިން އުޅުނު ގޮތަސް ހިނގައްޖިއްޔާ ވަރަށް ރިސްކު އެބައޮތް އަނެއްކާވެސް ފެތުރެން ފެށުމުގެ. އަދިވެސް ވަރަށް މުހިއްމު ދެތިން ހަފުތާއަށް ބަލައިގެން އުޅުން ގްރީން ޒޯންގައި ބަހައްޓަން، ބަލީގެ އިންކިއުބޭޝަން ޕީރިއަޑް ފުލް ގްރީން ޒޯންގައި ބަހައްޓައިގެން މަސައްކަތް ކޮށްލެވިއްޖިއްޔާ ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނީ. އަޅުގަނޑުމެން އަދި ސޭފެއް ނޫނޭ ދަންނަވަން މި އުޅެނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނަގާކަށެއް."

ޑރ ޝީނާ ވިދާޅުވި އެވެ.

ޑރ. ޝީނާ ފާހަގަ ކުރެއްވި ގޮތުގައި ކުރިންވެސް ފިޔަވަޅު ތަކަށް ލުއި ދެވެން ފަށައިފައިވަނީ އެއްކޮށް ގްރީން ޒޯނަށް ނުދެވެނީސް ކަމަށެވެ. ނަމަވެސް ދެވަނަ އަދި ތިންވަނަ ފޭސްގެ ލުއިތަކަށް ދިޔައިރު އޮތީ ގްރީން ޒޯންގައި ކަމަށެވެ. އެހެންނަމަވެސް ފަހުން ފެތުރިގެން ދިޔައީ ވަރަށް ބާރު ސްޕީޑްގައިކަން ފާހަގަ ކުރެއްވިއެވެ.