މި ހަފްތާގައި އަނެއްކާ ވެސް މި އޮތީ ހދ. ފިނޭ މީހުންގެ ޚާއްޞަ ކެއުމުގެ ބާވަތެކެވެ. ވަރުދާގެ ބަދިގެއިން ކާނާގެ ބާވަތްތައް ތައްޔާރު ކުރާ ގޮތް ގެނެސްދޭ އިރު ދޭތެރެ ދޭތެރެއިން ފިނޭ މީހުން ކައްކާ އުޅޭ ބާވަތްތައް ވެސް މި ދަނީ ގެނެސް ދެމުންނެވެ.
މީގެ ކުރީން ވެސް ވަނީ ފިނޭ މީހުން ކަށްކާ އުޅޭ ގޮތަށް އެ މީހުންގެ ޚާއްޞަ ބައެއް ކާނާގެ ބާވަތްތައް ގެނެސް ދެވިފައެވެ. އޭގެ ތެރޭގައި ފިނޭ މީހުން ''މަސް ބޮނޑި'' ތައްޔާރު ކުރާ ގޮތާއި، ''މުގުރު ބޮނޑި''، ''ބަށި މުސައްމާ''، ''ކަންނެތް ދެލޮނު''، ''ބަނބުކޭލު ކަނޑު ކުކުޅު'' އަދި ''ކޭލު ފޯ'' ފަދަ ބާވަތްތައް ވަނީ ގެނެސް ދެވިފައެވެ.
އެނގިވަޑައި ގަންނަވާނެ ފަދައިން އަޅުގަނޑުމެން ކޮންމެ ހަފްތާއަކު ވެސް ކެއުމުގެ ބާވަތެއް ތައްޔާރު ކުރާނެގޮތް ގެނެސް ދެވޭތޯ މަސައްކަތް ކުރަމުން ދާއިރު، މި ގެނެސްދެނީ ހދ. ފިނޭއަށް ނިސްބަތްވާ ކަނބަލެއް ކަމަށްވާ ވަރުދާ އަޙްމަދު ކެއުމުގެ ބާވަތްތައް ތައްޔާރު ކުރާއިރު ގެންގުޅޭ ރަހަތަކާއިއެކު އެބާވަތްތައް ތައްޔާރު ކުރާގޮތް ވަރުދާގެ ކިޔައިދޭ ގޮތަށެވެ.
މިފަހަރު ވަރުދާ މިކިޔައި ދެނީ ފިނޭ މީހުންގެ ޚާއްޞަ ކުޅި ކެޔޮ، ފިނޭގެ ރަހަތަކާއި އެކުގައި ކައްކާނެ ގޮތެވެ.
ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި
- 7 ވަށް މާޅޮސް ކެޔޮ
- 3 މޭޒުމަތީ ސަމުސާ ރިހާކުރު ނުވަތަ ކެޔޮކޮޅު މަތީން އަރާ ވަރަށް ގަރުދިޔަ،
- 10 ހިކި މިރުސް
- 1 މޭޒުމަތީ ސަމުސާ އަސޭ މިރުސް
- 1 މޭޒުމަތީ ސަމުސާ ދިރި
- 4 ލޮނުމެދު
- 1 ފިޔާ
- ހިކަނދިފަތް ކޮޅެއް

ތައްޔާރު ކުރާނެ ގޮތް
ފުރަތަމަ ކެޔޮކޮޅު މަށާލުމަށްފަހު ދެފަރާތުން ދިގަށް ވާގޮތަށް ދެފަޅި ވަކި ނުވާނެހެން ޅިޔަ އަޅާލުމަށްފަހު ރީތިކޮށް ދޮވެލާފައި ތެއްޔަކަށް އަޅައިލާށެވެ. ދެން މިރުސް ގަނޑު ތައްޔާރު ކުރުމަށް ހޯދި ތަކެތިތީގެ ތެރެއަށް ބޭނުން ނަމަ ކުޑަ ގިތެޔޮ މިރުސް ކޮޅެއްލައި ފުނޑާލާށެވެ. މިރުސްގަނޑު ހިމުންކޮށް ފުނޑާލުމަށްފަހު އޭގެ ތެރެއަށް ރިހާކުރު ކޮޅު އަޅައި ކެޔޮކޮޅު މަތީން އަރާވަރަށް ފެން ފޮދެއް އަޅާލުމަށްފަހު، މަޑު ގިނީގައި ކެޔޮކޮޅު މަޑުވެ ފެން ހިނދެންދެން ކަށްކައިލާށެވެ. ގަރުދިޔަ ބޭނުން ކުރާނަމަ ހުސް ގަރުދިޔަ ކެޔޮކޮޅު މަޑުކުރަން ބޭނުން ކުރުމުން މީރުވާނެއެވެ.
މިއީ ހަވީރު ގަޑީގައި ކާއްޓާއި އަދި ކަޅު ސަޔާއިއެކު އިންސާފު ކޮށްލަން މީރުވާނެ ކެއުމެކެވެ.

ވަރުދާގެ މިހަފްތާގެ ރެސިޕީވެސް އެހެން ހަފުތާ ތަކަކަށް ދުލެއް ނުކުރާނެއެވެ. ކޮންމެހެން ވެސް އަޖުމަ ބަލައިލަން ވާނެއެވެ. މި ސިލްސިލާގެ ދަށުން މީގެ ކުރިންވެސް ވަނީ "ބަނބުކޭލު ކަނޑު ކުކުޅު"، "ކޭލު ފޯ"، "ކަންނެތް ދެލޮނު"، "ބަށި މުސައްމާ"، "މުގުރު ބޮނޑި"، "މަސް ބޮނޑި"، "މުރަނގަފަތު ސުންޑަލި"، "ރަސްމީ ރިހަ"، "ބަނބުކެޔޮ ބޮނޑިބަތް"، "ކަނދި"، ''ބަނބުކެޔޮ ރިހަ'' އަދި ''ކަންޖީ'' ތައްޔާރު ކުރާނެ ގޮތް ގެނެސް ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!