ކޯވިޑް19 ޖެހިގެން އެމެރިކާއިން މަރުވި މީހުންގެ އަދަދު 207,389 ދެ ލައްކަ ހަތް ހާސް ތިންސަތޭކަ އަށްޑިހަ ނުވައަކަށް އަރައިފި އެވެ.
އެމެރިކާއަކީ ދުނިޔޭގައި އޮތް އެންމެ މުއްސަނދި ގައުމަށްވެފައި އެންމެ މަތީ ފެންވަރުގެ ލެބޯޓަރީ ތަކާއި ސައިންސްވެރިންނާއި ބޭހާއި އަދި އިމަޖެންސީ ހާލަތެއްގައި ބޭނުން ކުރާނެ ސާމާނު ހުރި ގައުމަކީ މިގައުމަށްވާއިރު މި އަދަދަށް މީހުން މަރުވާނެ ކަމަކަށް ކުރިން ގަބޫލެއް ނުކުރެވެ އެވެ.
އެމެރިކާގެ ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ޕަބްލިކް ހެލްތް ރިސާޗާ އެއްކަމުގައިވާ ޖެނިފާ ނުޒޯ ވިދާޅުވި ގޮތުގައި އެގައުމު މި ހާލަތައް ދިއުމަކީ ގަބޫލުކުރަން ދަތި ކަމެއް ކަމުގައެވެ. އޭނާ ވިދާޅުވި ގޮތުގައި މި އަދަދަކީ ކޮވިޑް ޖެހިގެން ދުނިޔޭގައި އެއްވެސް ގައުމަކުން މިހާތަނަށް މީހުން މަރުވި ކަމަށް މައުލޫމާތު ލިބުނު އެންމެ މަތީ އަދަދެެވެ.
އެހެން ނަމަވެސް މި ބަލީގައި މީހުން މަރުވި އަދަދު މިއައްވުރެ މާ މަތިވާނެ ކަމަށް ބެލެވޭ ކަމަށާއި، އެއީ މިބަލި ދެނެގަނެވުނުތާ ކުރީކޮޅު ފުޅާ ދާއިރާއެއްގައި ކޮވިޑަށް ޓެސްޓް ކުރެވޭނެ ގޮތް ނެތުމާއެކު ކޮވިޑް ބަލީގައި މަރުވި މީހުން އެހެެން ބަލި ތަކުގައި މަރުވި ކަމަށް ވެސް ނިންމާފައި ވެދާނެތީ ކަމަށް ޖެނިފާ ވިދާޅުވި އެވެ.
ހަލުވިކަމާއި އެކު ބަލިފެތުރެމުންދާ އެމެރިކާއަކީ އެންމެ ގިނައިން މިބައްޔަށް ޓެސްޓު ކުރަމުންދާ ގައުމެވެ. އެގޮތުން މިހައިތަނަށް ވަނީ 101,486,396 (އެއްސަތޭކަ އެއް މިލިއަން ހަތަރު ލައްކަ އަށްޑިހަ ހަ ހާސް ތިންސަތޭކަ ނުވަދިހަ ހައެއް) މީހުން ޓެސްޓުކޮށްފައެވެ.
ދުވާލެއްގެ މައްޗަށް އެވެރެޖްކޮށް އެމެރިކާ ގައި ދަނީ 700 މީހުން ކޮވިޑް ބަލީގައި މަރުވަމުންނެވެ. އަދި މި އަހަރު ނިމޭ އިރު މި ބަލީގައި ހަތަރު ލައްކަ މީހުން މަރުވާނެ ކަމަށް ޔުނިވާސިޓީ އޮފް ވޮޝިންޓަން އިން ލަފާކޮށްފައި ވެއެވެ. އަދި ޝިފާއެއް ލިބިފައި ނެތް މި ބައްޔަށް ވެކްސިން އެއް ލިބޭނެ ކަމަށް އުންމީދު ކުރެވެނީ އެންމެ އަވަހަށް ވެސް އަންނަ އަހަރުގެ ތެރޭގަ އެވެ.
ކޯވިޑްގެ ނުރައްކާ ބޮޑުވެ ހަލުވިކަމާއި އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެންފެށި ދުވަސްވަރު އެމެރިކާ ވެގެން ދިޔައީ މިބަލީގައި ދުވާލަކަށް އެންމެ ގިނަ މީހުންނަށް ބަލި ޖެހި އަދި އެންމެ ގިނަ މީހުން މަރުވަމުން އައި ގަޢުމުގެ ގޮތުގައެވެ. ނަމަވެސް މިބަލީގައި މީހުން މަރުވާ ނިސްބަތް އެމެރިކާގައި ވަނީ ކުޑަކުރެވިފައެވެ. އެގައުމުން އޭޕްރީލް މަހު އެވްރެޖް ގޮތެއްގައި ދުވާލަކަށް 2500 މީހުން މިބަލީގައި މަރުވެފައިވެއެވެ. ނަމަވެސް މިހާރު މިބަލީގައި ދުވާލަކަށް މަރުވާ މީހުންގެ ނިސްބަތް ހުރީ 700 ގައެވެ. މިހާތަނަށް 7,177,001 މީހަކަށް ބަލި ޖެހިފައިވާއިރު އޭގެ ތެރެއިން ފަސޭހަ ވެފައި ވަނީ 4,422,183 މީހުންނެވެ.
ވަކި ސިޓީތަކަށް ބަލާއިރު އެމެރިކާގައި އެންމެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވަނީ ކެލިފޯނިޔާގަ އެވެ. އެސިޓީގައި އެކަނިވެސް 7ލައްކައަށްވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވެ ވެފައެވެ. އެންމެ ގިނަ މީހުން މަރުވެފައިވަނީ ނިއުޔޯކް ސިޓީއިންނެވެ. އެސިޓީއިން 33193 މީހަކުވަނީ މިބަލީގެ ސަބަބުން މަރުވެފައެވެ.
މުޅި ދުނިޔޭގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު މިހާރު ހުރީ 32 މިލިއަނުން މަތީގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!