2003 ސެޕްޓެމްބަރު 19-20 އަކީ ވެރިންނާއި ރައްޔިތުން ލޯ ތައްމިނަށް ހުޅުވުނު ދެ ދުވަސްކަމަށް މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ޕީޖީ ލީޑަރު ކަންވެސް ކުރަށްވާ އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2003 ސެޕްޓެމްބަރު 19-20 އަކީ އަނދިރި ސަފުހާތަކެއް ލިޔެވުނު ދުވަހެއް ކަމަށެވެ.
"އަދި ވެރިންނާއި ރައްޔިތުން ލޯ ތައްމިނަށް ހުޅުވުނު ދުވަހެއް" ކުރީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ކަންވެސް ކުރަށްވާފައިވާ އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ އިޖުތިމާއީ ފޭރާން ލޫދިފައިވާ މިންވަރާއި ރައްޔިތުންގެ ޖަޒުބާތުތަކަށް ރަނގަޅު ފަރުވާ ނުދެވިއްޖެނަމަ ވެދާނެ ގޮތްތަކެއް އެދުވަހު ފެނިގެން ދިޔަ ކަމަށެވެ.
އާދަމް ޝަރީފް މިގޮތަށް ވިދާޅުވިއިރު 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު މާފުށީ ޖަލުގައި ވަނީ އުމުރުން 19 އަހަރުގެ ޒުވާން އީވާން ނަސީމު މަރާލާފައެވެ. އެއާއިއެކު ޖެހިގެންއައި ސެޕްޓެމްބަރު 20 ވަނަ ދުވަހު ވަނީ ޖަލުގައި ހަމަނުޖެހުން ހިނގައި، އިޙްތިޖާޖުކުރި އިތުރު ގައިދީން ތަކެއްގެ ގަޔަށް ބަޑިޖަހައި ވަނީ މަރާލާފައެވެ.
އެދުވަހާއި ގުޅިގެން ވެރިކަންކުރާ މައި ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި 2003 ވަނަ އަހަރު މާފުށީ ޖަލުގައި ހިނގި ބަޑިޖެހި ހާދިސާގެ ޙަޤީޤަތް ރައްޔިތުންނަށް އަދިވެސް ސާފުވާން ޖެހިފައިވާކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!