އަންނަ އޮކްޓޯބަރުގެ ނިޔަލަށް ރާއްޖޭގެ 94 އިންސައްތަ ރިސޯޓު ހުޅުވޭނެކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނެފިއެވެ.

މިކަން ހާމަ ކުރަށްވާފައި ވަނީ އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބް މުހައްމަދު އިނގިރޭސިވިލާތުގެ ގްލޯބްޓްރެންޑް މަޖައްލާއަށް ދެއްވި އިންޓަވިއުއެއްގައި އެވެ.

Ad
rt

އެ އިންޓަވިއުގައި ތޮއްޔިބް ވިދާޅުވެފައި ވަނީ މިހިނގާ ސެޕްޓެމްބަރުމަހުގެ ތެރޭގައިވެސް އިތުރު 29 ރިސޯޓެއް އަލުން ހުޅުވާނެ ކަމަށެވެ.

އުއްމީދުކުރަށް ވަނީ ރާއްޖޭގައި އޮޕަރޭޓްކުރާ 156 ރިސޯޓްގެ ތެރެއިން 146 ރިސޯޓެއް އޮކްޓޫބަރު މަސް ނިމެންވާއިރަށް އޮޕަރޭޝަނަށް އަންނާނެ ކަމަށް، ކަމަށް ވެސް ތޮއްޔިބު ވިދާޅުވިއެވެ.

ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން މިއަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު، ތިން މަހަށް ވުރެ ގިނަ ދުވަހަށް ފަހު ބޯޑަރު ހުޅުވާލާފައި ވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ.

ބޯޑަރު ހުޅުވާލި ނަމަވެސް ޓޫރިސްޓުން ގެންނަ ހުއްދަ ދީފައިވަނީ ރިސޯޓްތަކާއި ސަފާރީތަކަށެވެ. ފުރަތަމަ ގެސްޓްހައުސް ހުޅުވަން ނިންމީ މިދިޔަ މަހުގެ 15 ގަ އެވެ. ނަމަވެސް ކޯވިޑް-19 ގެ ބަލި ފެތުރޭތީ އެ ތާރީިހު ސަރުކާރުން ވަނީ ފަސްކޮށްފަ އެވެ.

މާލެ ސަރަހައްދު ފިޔަވާ ރާއްޖޭގެ އެހެން ހިސާބުތަކަށް، އަންނަ މަހުގެ 15 ވަނަ ދުވަހު ގެސްޓްހައުސްތައް އަލުން ހުޅުވަން މިހާރު ނިންމާފައިވާއިރު، ޓޫރިޒަމް މިނިސްޓްރީން މިހާރު ކަނޑައަޅާފައިވާ ގޮތުން ރަށެއްގައި ގެސްޓްހައުސް ވިޔަފާރިއަށް ހުޅުވާލެވޭނީ އެރަށެއްގެ އާންމުންގެ ހިޔާލު ހޯދައިގެން، ކައުންސިލުން އެކަމަށް އެއްބަސްވުމުންނެވެ.

އަލުން ގެސްޓުހައުސްތަށް އޮޕަރޭޓްކުރަން ފެށުމުގެ ހުއްދަ ދޫކުރާއިރު، ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމުން ޓޫރިޒަމް ނިސްޓްރީން އެންމެ ފުރަތަމަ ދޫކުރާނީ ކޮންޑިޝަނަލް ޕާމިޓެއް ކަމުގައި ނިންމާފައިވާއިރު، ގެސްޓްހައުސް ހުޅުވާ ރަށެއްގައި ގެސްޓުން ކަރަންޓީންކޮށް އަދި އައިސޮލޭޓް ކުރެވޭނެ އިންތިޒާމު ހުންނަން ޖެހެ އެވެ. އަދި ބޭނުން ޖެހިއްޖެ ހާލަތެއްގައި ބޭނުން ކުރެވޭ ގޮތަށް ޓްރާންސްޕޯޓުގެ ހިދުމަތް ހާއްސަކޮށްފައި ވެސް ހުންނަން ޖެހެ އެވެ.

އެރަށެއްގައި ކޯވިޑް ޓާސްކް ފޯހެއް އޮންނަން ޖެހޭއިރު އެ ޓާސްކް ފޯހުގެ ކެޕޭސިޓީ ކަނޑައަޅާނީ އެޗްޕީއޭއިން ނެވެ. ރަށްރަށުގައި ހުންނަ ހޮޓާ/ ކެފޭ އަދި ރެސްޓޯރެންޓު ވެސް އެޗްޕީއޭގެ ގައިޑްލައިންސްއާ އެއްގޮތަށް ހުންނަން ޖެހޭއިރު އެރަށްރަށުގައި ފްލޫ ކްލިނިކެއް ހުރުމާއި، އަދި ހެލްތު ސެންޓަރުގައި އައިސޮލޭޝަން ރޫމެއް ހުންނަން ޖެހެއެވެ.

މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 402089 (ހަތަރުލައްކަ ދެހާސް އަށްޑިހަ ނުވަ) ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 65.1 އިންސައްތައިގެ ދަށްވުމެކެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އިޓަލީ ވިލާތުންނެވެ. އެއީ ޖުމްލަ 45،169 ފަތުރުވެރިންނެވެ.