މިއަހަރުގެ ދައުލަތުގެ ބަޖެޓު އަލުން ރިވައިޒްކޮށް، ރައްޔިތުން މަޖިލީހަށް ހުށަހަޅަން ފިނޭންސް މިނިސްޓްރީ އިން ނިންމައިފި އެވެ.

މިއަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދައުލަތުގެ ބަޖެޓު އަލުން ރިވައިޒްކޮށް މަޖިލީހަށް ހުށަހަޅަން ފިނޭންސް މިނިސްޓްރީއިން ނިންމާފައިވާއިރު، މީގެ ކުރިންވެސް ސަރުކާރުން ވަނީ ބަޖެޓު ރިވައިޒް ކުރާނެކަމަށް ބުނެފައެވެ.

Ad
rt

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މަޖިލިސް އަލުން ހުޅުވުމާއެކު، ބަޖެޓު އަލުން މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ. ނަމަވެސް އަދި އިތުރު ތަފްޞީލެއް އެ މިނިސްޓްރީއިން ހާމަކޮށްފައެއް ނުވެއެވެ.

މިއަހަރަށް ލަފާކޮށް ފާސްކޮށްފައިވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުގައި އާމްދަނީގެ ގޮތުގައި ދައުލަތަށް 29.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރި ނަމަވެސް ކޯވިޑް-19ގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދު ހުއްޓުމަކަށްއައިސް، އެބަލީގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ކުރި ނޭދެވޭ އަސަރު ރާއްޖެއަށް ވެސް ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ.

އެހެންކަމުން މިހާރު ފިނޭންސް މިނިސްޓްރީން ލަފާކޮށްފައި ވަނީ އެންމެ ރަނގަޅު ހާލަތުގައި ވެސް އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބޭނީ 15.2 ބިލިއަން ރުފިޔާ ކަމަށެވެ.

މިހާރު ފިނޭންސް މިނިސްޓްރީން ދަނީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ބަޖެޓު އެކުލަވާލުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.