2020 އޯގަސްޓް 28 ވީ ހުކުރު ދުވަހުގެ ހަވީރު "ޕްރޮގްރެސިވް ކޯލިޝަން" އިން ބޭއްވި ސިޔާސީ ހަރަކާތުގައި ބައިވެރިވެ ވަޑައިގަތުމާއި ގުޅިގެން ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަންމަނިކު 1000 ރުފިޔާއިން މިއަދު ޖޫރިމަނާ ކޮށްފިއެވެ.

ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނު ފުލުހަށް ހާޒިރު ކުރެއްވީ އާންމު ސިއްހަތުގެ އުސޫލާއި ހިލާފަށް މާސްކު ނާޅުއްވައި ހުންނެވި ކަމަށް ތުހުމަތުކޮށް ކަަމަށާ މިއަދު ހާޒިރުކުރުމަށް ފަހު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

Ad
rt

" އާންމުކޮށް މިހެން މަގުމަތީ އުޅޭ މީހުންނާއި އަޅުގަނޑާއި ތަފާތުވި ސަބަބަކީ އަޅުގަނޑަކީ ސިޔާސީ މީހަކަށް ވާތީ، ބަޔަކު އެއްވެފައި ތިބި ތަނެއްގައި އަޅުގަނޑު ސިޔާސީވާހަކަ ދެއްކީމައި އެމައްސަލަ މައްސަލައަކަށް ވެގެން މިއުޅެނީ، މާސްކު ނާޅާ ހުރިހާ މީހުންގެ ފޮޓޯ ފޮނުއްވިއަކަސް އަޅުގަނޑަކަށް ހިއެއްނުވޭ އެ އެންމެން ގެންދަވާނެ ހެނެއް، އެހެންވީމަ ދެންނެވެން އޮތީ ސިޔާސީ ކަމެކޭމީ"

ކުރީގެ ރައީސް ވަހީދު ވިދާޅުވިއެވެ.

ރައީސް ވަޙީދުވަނީ އެ މައްސަލައާއި ގުޅިގެން ހުސްވި އޯގަސްޓް މަހުގެ 30 ވަނަ ދުވަހުވެސް ފުލުސް އޮފީހަށް ހާޒިރު ކޮށްފައެވެ. ރައީސް ވަހީދު އެދުވަހު ފުލުހުންގެ އިދާރާއަށް ހާޒިރުވެ ވަޑައިގަތުމާއި ގުޅޭ ގޮތުން ރައީސް ވަހީދުގެ އޮފީހުން އޯގަސްޓް 30 ވަނަ ދުވަހުގެ ރޭ ނެރުނު ނޫސް ބަޔާނުގައި ބުނީ އެދުވަހު ހަވީރު 4:00 ގައި ރައީސް މުޙައްމަދު ވަޙީދު ފުލުހުންގެ އިދާރާއަށް ޙާޟިރުވެ ވަޑައިގެންފައިވާ ކަމަށާއި އަދި ޖަވާބުދާރީވުމަށް ފުލުހުންގެ އިދާރާއަށް މީގެ ކުރިން އެމަނިކުފާނު ޙާޟިރުކުރެވުނީ މީގެ 30 އަހަރު ކުރިން ކަމަށެވެ.

ފުލުހުންގެ އިދާރާއަށް ރައީސް ވަޙީދު ޙާޟިރުވެ ވަޑައިގަތުމުން، އެމަނިކުފާނާ ސުވާލުކުރެވުނީ 2020
އޯގަސްޓް 28 ވީ ހުކުރު ދުވަހުގެ ހަވީރު "ޕްރޮގްރެސިވް ކޯލިޝަން" އިން "ޤައުމު ވިއްކާލުމާއި ދެކޮޅަށް" މިނަމުގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި ބައިވެރިވެވަޑައިގަތުމާއި ގުޅޭގޮތުން ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އޯގަސްޓް 28 ވަނަ ދުވަހު އިދިކޮޅު ކޯލިޝަނުން ބޭއްވި ސައިކަލް ބުރު ނިންމާލުމުގެ ގޮތުން ޕީޕީއެމް އޮފީސް ކުރިމަތީ އެއްވެފައިތިބި މީހުންނާއި މުހާތަބުކޮށް ރައީސް ވަހީދު ވަނީ ވާހަކަފުޅުދައްކަވާފައެވެ. އަދި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

2020 އޯގަސްޓް 28 ވީ ހުކުރު ދުވަހުގެ ހަވީރު "ޕްރޮގްރެސިވް ކޯލިޝަން" އިން ބޭއްވި ސިޔާސީ ހަރަކާތާއި ގުޅިގެން ރައީސް ވަހީދުގެ އިތުރުން މީގެ ކުރިންވަނީ ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމާއި، ޕީއެންސީގެ ރައީސް އަބުދުއްރަޙީމް އަބުދުﷲ އަދި ނައިބު ރައީސް އިބްރާޙީމް ޝުޖާޢު މިއިން ކޮންމެ ބޭފުޅެއްވެސް އެއްހާސް ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.