ރާއްޖޭގައި އިލެކްޓްރިކް އުޅަނދުފަހަރާއި ޗާޖުކުރާ ސްޓޭޝަންތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި، ސަރުކާރުގެ ދެ މިނިސްޓްރީއެއްގެ ދެމެދުގައި މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްއާ ދެމެދުގައެވެ.
މިއަދު މާލޭގައި ބޭއްވުނު މި ރަސްމިއްޔާތުގައި ދެ މިނިސްޓްރީގެ އިސްވެރިން ބައިވެރިވެފައިވާއިރު، މި ފަހުމުނާމާގައި ސޮއިކުރެއްވީ ދެ މިނިސްޓްރީގެ ވެސް ކަމާބެހޭ ވެރިންނެވެ.
މި ފަހުމުނާމާއާއި ގުޅޭގޮތުން ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އިން މިއަދު ބުނީ މި އެއްބަސްވުމަކީ ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ލިބިގެންދިޔަ މުހިންމު ކުރިއެރުމެއްކަމަށެވެ. އަދި މި ފަހުމުނާމާގެ ދަށުން، ރާއްޖޭގެ ކަމާބެހޭ ދާއިރާތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންނަށް އިލެކްޓްރިކް އުޅަނދުފަހަރާއި ޗާޖިންގ ސްޓޭޝަންތައް މަރާމާތުކޮށް ބެލެހެއްޓުމާ ގުޅޭގޮތުން ހާއްސަ ތަމްރީނުތަކެއް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ޖީ.އީ.އެފްގެ އެހީގައި ކުރިއަށްގެންދާ "އިންޓަގްރޭޓެޑް، ސަސްޓެއިނަބަލް އެންޑް ލޯ އިމިޝަންސް ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް" (ISLET) މަޝްރޫއުގެ ދަށުން ފޯރުކޮށްދީފައިވާ އިލެކްޓްރިކް ބަސްތަކާއި އެހެނިހެން އުޅަނދުތައް ދިގުމުއްދަތަކަށް ބެލެހެއްޓުމަށް ބޭނުންވާ ފަންނީ ދިވެހިން ބިނާކުރުމެވެ.
ސަރުކާރުން ފާހަގަކުރާ ގޮތުގައި މިއީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ދަތުރުފަތުރުގެ ދާއިރާއިން ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.
މީގެއިތުރުން، ކުރިމަގުގައި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމުތައް ކުރިއެރުވުމަށް ބޭނުންވާ ގައުމީ ގާބިލުކަން މި މަސައްކަތުގެ ތެރެއިން ވަރުގަދަވެގެންދާނެ ކަމަށް ދެ މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މި ފަހުމުނާމާގެ ސަބަބުން، ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ވަސީލަތްތައް ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބަޔާންކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!