ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނިޓީ ފަންޑުގެ އެހީގައި ކެލާ ސުކޫލު ކައިރީގައިވާ ފިނި މައިޒާން ޒަމާނީ ފެންވަރަށް ތަރައްޤީކޮށް އަލުން ހުޅުވައިފިއެވެ.

މި މަސައްކަތްކޮށްފައި ވަނީ ބީ.އެމް.އެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި އައިޑިއާސް ޖަމިއްޔާ އާއި ކެލާ ރައްޔިތުން ގުޅިގެންނެވެ. މި ފިނި މައިޒާން އަކީ ކެލާ ސުކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން ސުކޫލުދޮށަށް އައިސް މަޑުކޮށްލާގެން ތިބެން ބޭނުންކުރާ މައިޒާނެކެވެ.

Ad
rt

އެޖަމިއްޔާއިން ބުނީ މިއީ މީގެ 15 ވަރަކަށް އަހަރު ކުރިން ރައްޔިތުންނާއި ރަށު އޮފީސް ގުޅިގެން ގާއިމުކޮށްފައިވާ މައިޒާނެއް ކަމަށާއި މި މައިޒާން ވަރަށް ބޮޑަށް ބާވެ ހާލުކުވެފައި ވުމުގެ ސަަބަބުން އައިޑިއާސް ޖަމިއްޔާއިން އިސްނަގާގެން މައިޒާން އަލުން މަރާމާތު ކުރަމަށް ނިންމީކަމަށެވެ.

ކުރީގެ ބައު މައިޒާން

އެގޮތުން ބީ.އެމް.އެލް ކޮމިއުނިޓީ ފަންޑަށް މިމަސައްކަތަށް ބޭނުންވާ ތަކެތީގެ ހަރަދު ހޯދުމަށް ޕްރޮޕޯސަލް ހުށައަޅައި ކާމިޔާބުވުމާއެކު ރަަށުގެ ރައްޔިތުންނާއި ޖަމިއްޔާގެ މެންބަރުން ގުޅިގެން މަސައްކަތްތައް ކޮށްފައިވަނީ ހިލޭ ސާބަހަށް ކަމަށް އެޖަމިއްޔާއިން މަޢުލޫމާތު ދެއެވެ. މިމަސައްކަތް ކާމިޔާބުކަމާއެކު ކުރިޔަށް ގެންގޮސް ނިންމާލުމަށް ރަށުގެ ރައްޔިތުންނާއި ޖަމިއްޔާގެ ގިނަ މެންބަރުންގެ އެހީތެރިކަން ލިބިގެން ދިޔަކަން އެޖަމިއްޔާއިން ފާހަގަކުރެއެވެ. އަދި މިސަައްކަތުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށާއި ބީ.އެމް.އެލް އަށް އެ ޖަމިއްޔާގެ ފަރާތުން ހާއްސަ ޝުކުރެއް އަދާކުރާކަމަށް އެޖަމިއްޔާއިން ބުނެއެވެ.

އައު މައިޒާން

މި މަސައްކަތުގެ ބޭނުމަކީ މިފަދަ ފިނި މައިޒާންތަކާއި ފެހި ސަރަހައްދުތަށް ރަށުގައި ގާއިމުކުރުމުގެ މުހިންމުކަން ރައްޔިތުންނަށް ހާމަކޮށް ދިނުން، ކުދިންނާއި ބެލެނިވެރިން ހިތްހަމަ ޖައްސާލުމަށް މިފަދަ މައިޒާންތައް ރަށުގެ އެކިއެކި ސަރަހައްދު ތަކުގައި ގާއިމުކުރުމުގެ މުހިންމުކަން ހާމަކޮށްދީ، އިތުރު މައިޒާންތައް ގާއިމުކުރުމަށް އެ ޖަމިއްޔާއިން ގަސްތުކުރަން.

އެޖަމިއްޔާގެ އޮފިސަލަކު މިނޫހަށް މަޢުލޫމާތު ދެމުން ބުނެފައިވެއެވެ.

މީގެ އިތުރުން އެޖަމިއްޔާއިން ބުނެފައިވަނީ މިފަދަ މައިޒާންތައް ހެޔޮގޮތުގައި ބޭނުންކުރުމަށާއި ހާއްސަކޮށް އެސަރަހައްދުގެ ސާފުތާހިރުކަމަށް އިސްކަން ދެއްވުމަށް އިލްތިމާސްކުރާކަމަށެވެ.