ކަރު ބުރިކުރުމާއި ހުޅުޖެހުމަށް ގޮވައި، ޤާނޫނާއި ޚިލާފު އެތައް ކަމަކަށް ހިތްވަރުދެމުން ދާއިރު ބަލަން ތިބުމަކީ އެކަމުގައި ބައިވެރިވުން ފަދަ ކަމެއް ކަމަށް ފޭދޫ ދާއިރާގެ މެންބަރު މުހައަދު ނިހާދު ވިދާޅު ވެެއްޖެއެވެ.
މެންބަރު ނިހާދު މި މޭރުމުން ޓުވީޓެއް ކުރަށްވާފައި މިވަނީ ރައީސް ޞާލިޙްގެ ހަށިކޮޅުގައި ހުޅު ޖަހަން ފެންނަ ކަމަށްބުނެ ޗެނަލް13 އިން ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި މީހަކު ވާހަކަ ދެއްކި މައްސަލަ ފުލުހުން ބަލަން ފަށާފައި ވަނިކޮށެވެ.
ނިހާދު ވިދާޅުވީ ކަރު ބުރިކުރުމާއި ހުޅުޖެހުމާއި ގެއްލުވާލުން ފަދަ ކަންތަކަށް ހިތްވަރުދީ، ޤާނޫނާއި ޚިލާފު އެތައް ކަމަކަށް ހިތްވަރުދީ ޤައުމު ފަސާދަކޮށް ބިރުވެރި ކަމެއްގެ ތެރެއަށް ވައްޓާލާއިރު ބަލަން ތިބުމަކީ އެކަމުގައި ބައިވެރިވުން ފަދަ ކަމެއް ކަމަށެވެ.
Karu Buri kurumaai Hulhu Jehumaai Gehluvaalun fadha kanthakah hihvaru dhee, Qaanoon ai Khilaaf ethah Kamakah hihvaru dhee gaumeh fasaadha koh biruverikamehge thereyah vahtaalaairu balan Thibumakee ekamugai baiverivun fadha kameh! @broadcomMV @PoliceMv @MNDF_Official @mmc_mv
— Feydhoo Meehaa (Mohamed Nihad) (@nihad_m) September 4, 2020
ޗެނަލް13 އިން ގެނެސްދިން "ރައްޔިތުންގެ އަޑު" ކިޔާ ޕްރޮގްރާމެއްގައި، މީހަކު ރައީސް ޞާލިޙްގެ ހަށިކޮޅުގައި އަލިފާން ޖަހަން ފެންނަ ކަމަށް ބުނީ މި ސަރުކާރުން އަމަލުކުރާ ގޮތާ ގުޅޭގޮތުން ޕްރޮގްރާމް ހުށަހަޅައިދޭން އިން ޕްރެޒެންޓަރު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.
"އަޅުގަނޑަށް ފެންނަނީ މިހާރުން މިހާރަށް ވެސް ވާހަކައަކީ އިބްރާހިމް މުހައްމަދު ސޯލިހުގެ ގައިގައި އަލިފާން ޖަހަން،" އެމީހާ ބުންޏެވެ.
ޗެނަލް13ގެ އެ ޕްރޮގްރާމުގެ ވީޑިއޯތައް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، އެ ޗެނަލުން ބުނީ އިއްޔެ މެންދުރު 13:00 ގައި ޗެނަލް13 އިން ބްރޯޑްކާސްޓު ކުރި ރައްޔިތުންގެ އަޑު ޕްރޮގްރާމަށް ގުޅި ބައިވެރިޔަކު ރައީސް ޞާލިޙަށް ނިސްބަތްކޮށް އޭނާ އަށް، ފެންނަނީ އެމަނިކުފާނުގެ ހަށިކޮޅުގައި އަލިފާންޖަހަން ކަމަށް ބުނި ބުނުމަކީ، އޭނާގެ އަމިއްލަ ޚިޔާލުގެ މައްޗަށް ދެއްކި ވާހަކައެއް ކަމަށެވެ.
އެމީހާ އެހެން ބުނުމާއެކު ޗެނަލް13 އިން ވަގުތުން އެ ފޯނު ކޯލް މެދުކަނޑާލި ކަމަށާއި، އެހެން ނަމަވެސް އޭނާ އެހެން ބުނާ އަޑު ބްރޯޑްކާސްޓް ކުރެވިފައިވާތީ އެކަމަކަށްޓަކައި ބެލުންތެރިންގެ ކިބައިން މަޢާފަށް އެދޭ ކަމަށް އެޗެނަލުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!