އިންތިޚާބަކީ މަގާމުތަކުގައި ތިބޭ މީހުންނަށް މަގާމުތަކުގައި ދެމި ތިބެވޭ ގޮތަށް ޤާނޫނުތަކުން ފަހިގޮތް ހޯދައި ދިނުމަކީ ޑިމޮކްރަސީގެ ރޫހާ ޚިލާފުކަމެއް ކަމަށް ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ޢަބުދުﷲ އަޙްމަދު (އަބުޅޯ) ވިދާޅުވެއްޖެއެވެ.

އަބުޅޯ މި މޭރުމުން ވިދާޅުވެފައި ވަނީ ކައުންސިލްތަކުގެ ރައީސުންނާއި ނާއިބު ރައީސުންގެ އިތުބާރުނެތްކަމުގެ ވޯޓުނަގަމުންދާ މައްސަލާގައި ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއާއެކު މިއަދު މަޝްވަރާ ކޮށްފައި ވަނިކޮށެވެ.

Ad
rt

އަބުޅޯ މިހެން ވިދާޅުވީ "ކައުންސިލްތަކުގެ މިހާރުގެ ރައީސުންނާއި ނައިބުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނުނެގޭގޮތް ހަދަން ހުށަހަޅައިފި" ސުރުޚީގެ ދަށުން ނޫހަކުން ގެނެސްދީފައިވާ ޚަބަރެއް ހިއްސާ ކުރަށްވައި ކުރެއްވި ޓުވީޓެއްގައި އެވެ.

އަބުޅޯ ވިދާޅުވީ އިންތިޚާބަކީ މަގާމުތަކުގައި ތިއްބަވާ ބެފުޅުންނަށް މަގާމުތަކުގައި ދެމި ތިބެވޭ ގޮތަށް ޤާނޫނު ތަކުން ސިއްކަ ޖަހައި ދިނުމަކީ ޤާނޫނު އަސާސީއާއި ޑިމޮކްރަސީގެ ރޫހާ ޚިލާފުކަމެއް ކަމަށެވެ.

އެލްޖީއާއި، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއާއެކު މިއަދު އޮތް ބައްދަލު ވުމުގައި، އެލްޖީއޭގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ޚާއްސަ ޤާނޫނެއްގެ ދަށުން ޚާއްސަ މުއްދަތެއްގައި ކައުންސިލްތަކުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު ކައުންސިލްތަކުގެ ރައީސުންނާއި ނާއިބު ރައީސުންގެ އިތުބާރުނެއްކަމުގެ ވޯޓުނަގަން މަސައްކަތް ކުރަމުން ދާކަމަށެވެ.

ކައުންސިލްތަކުން ކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ކަންކަން ކުރުމުގެ މުއްދަތު ނިމިފައިވާ ހާލަތަކަށްވާއިރު އިތުރުބާރުނެތްކަމުގެ މައްސަލަތަކާއި ގުޅިގެން ކައުންސިލްތަށް ހިންގުމަށް ހުރަސްއެޅި މަސައްކަތްތައް ހުއްޓޭފަދަ ހާލަތްތައް އެކަމުގެ ސަބަބުން މެދުވެރިވަމުން ދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ކައުންސިލްތައް ހިންގުމަށް ބޮޑަށް ފަސޭހަވެގެންދާނީ މި މަރުހަލާގައި އިތުރުބާރުނެތްކަމުގެ ވޯޓު ކުރިއަށްގެންދިއުމުގެ މަގު އެހާ ފަސޭހަނޫންކޮށް އޮތުމުންކަމަށް އަޅުގަނޑުމެންގެ ތެރެއިން ގިނަ ބޭފުޅުން އެއްބަސްވަނީ. އެހެންވީމަ އެވިސްނުން ލާމަރުކަޒީ ކޮމިޓީއާ އެއްގޮތްކޮށްގެން ނޫނީ ބޯޑުން ހިންގާ ޤާވާއިދަށް އިސްލާހެއް ގެނައުން ކުރިއަށް ނުގެންދަންވެގެން ހަޤީގަތުގައި ތިބޭފުޅުންނާއި މަޝްވަރާކއްލަން ބޭނުންވީ" އެބައްދަލު ވުމުގައި މިނިސްޓަރު އިމްރާން ވިދާޅުވިއެެވެ.

ދާދިފަހުން ވަނީ މާލޭ ސިޓީގެ މޭޔަރާއި، ޑެޕިއުޓީ މޭޔަރުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅިފައި ވަނިކޮށް އެ މައްސަލަ ކުރިއަށް ނުގެންދަން އެލްޖީއޭ އިން އަންގައިފައެވެ. ޝިފާގެ އިތުބާރު ނެތްކަމުގެ މައްސަލަ މާލޭ ސިޓީ ކައުންސިލް ބައްދަލުވުމަށް ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ ކައުންސިލް މެންބަރު މުޙައްމަދު ފަޒީނެވެ. މޭޔަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ފާސްވީ 8 މެންބަރުންގެ ވޯޓުންނެވެ.

އެ މައްސަލަ އަށް ޖަވާބުދާރީވުމަށް ޝިފާއަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، އިތުބާރު ނެތްކަމުގެ ވޯޓުގެ މައްސަލަ އޯގަސްޓް 28 ވަނަ މެންދުރު 3:00 އަށް އޮތީ އެޖެންޑާކޮށްފައެވެ. ނަމަވެސް އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފު ސޮއިކުރައްވާ ފޮނުއްވި ސިޓީގައި ވިދާޅުވީ އެ އޮތޯރިޓީން އިންކުއަރީއެއް ކުރިއަށްގެންދާ ދަނޑިވަޅުގައި މޭޔަރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނުގެންދެވޭނެ ކަމަށް އެދުވަހު ބޭއްވި އެލްޖީއޭގެ ކުއްލި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.