ހދ.ހަނިމާދޫ، ރެޑްހައުސް، އަބޫބަކުރު ހުސެއިންއެވެ. ގިނަބަޔަކު ފަރިތަ ނަމުންނަމަ ދޮންހުސޭނު ބަކުރެވެ. އަޅުގަނޑުގެ ނަމުންނަމަ ބަކުރުބެއެވެ.

އަޅުގަނޑަށް ފުރަތަމަ ބަކުރުބެ ފެންނަން ފެށީ ވިޔަފާރި ވެރިއެއްގެ ގޮތުގައެވެ. އެއީ ނުވަދިހައިގެ އަހަރުތަކެވެ. އެ ދުވަސްވަރު ރަށުގައި ހުންނަނީ ދެތިން ހަތަރު ފިހާރައެވެ. އެތަނުން އެއް ފިހާރައަކީ ބަކުރުބޭގެ ރެޑްސްޓާ ފިހާރައެވެ. އެ ފިހާރަ ހެދިފައި ހުންނަނީ ބަކުރުބެގެ އަމިއްލަ ގޭގައެވެ. އެ ފިހާރަ ނުހުންނަ ހަނދާނެއް އަޅުގަނޑު ނުވެއެވެ. އަޅުގަނޑުމެންގެ ގެޔާއި ދާދި ކައިރީގައި ހުންނަ ބަކުރުބެގެ ފިހާރައަށް އެ ދުވަސްވަރު ވަރަށް ގިނައިން ގޮސް އުޅެމެވެ. ފިހާރައިގެ ސޭޓަކަށް ވެސް އިންނާނީ ހަމަ ބަކުރުބެއެވެ.

Ad
rt

ބަކުރުބެއަކީ ވިޔަފާރި ކުރެއްވުމަށް ވަރަށް ލޯބިކުރެއްވި ބޭފުޅެކެވެ. އަޅުގަނޑުމެން ހަނދާންވާން ފެށީއްސުރެ ކުރަމުން އައި އެ ވިޔަފާރި، ބަކުރުބެގެ ފަހުނޭވާއާއި ހިސާބަށް ވެސް އައީ ހުއްޓާނުލާ ކުރައްވަމުންނެވެ. އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އެންމެ ފުރަތަމަ އެ ފިހާރައަށް ދިޔަ ދުވަހު ވެސް ފިހާރައިގެ ސޭޓަކަށް އިންނެވީ ބަކުރުބެއެވެ. ބަކުރުބެގެ ހަޔާތުގެ ފަހު ދުވަސްތަކުގައި ވެސް އެ ފިހާރައަށް ވިޔަފާރި ކުރަން ދެވުނު ކޮންމެ ފަހަރަކު ސޭޓަކަށް އިންނަވާތަން ފެނިފައިވަނީ ހަމަ ބަކުރުބެއެވެ. ފިހާރައަށް ބޭނުންވާ މުދާބަލައި ކަނޑު ބޯޓުގައި މާލެ ދަތުރު ކުރެއްވުމާއި، މުދާބަލައި އަތޮޅުގެ ވެރިރަށް ކުޅުދޫފުއްޓަށް ދަތުރު ކުރެއްވުމަކީ ބަކުރުބެ ކުރައްވާ ދަތުރުތަކެވެ. ގެންނަ މުދާތައް ފިހާރައަށް އުފުއްލެވުމުގައި ވެސް ބަކުރުބެ ހަރަކާތްތެރި ވާނެއެވެ.

ދިރިއުޅުމުގެ އެންމެހާ ކަންކަމުގައްޔާއި އަދި ވިޔަފާރީގައި އަވަދިނެތި އުޅުއްވި ނަމަވެސް ބަކުރުބެ ފާހަގަ ކުރެވެނީ ދީނީ ކަންކަމަށް ފަރުވާތެރި ބޭފުޅެއްގެ ގޮތުގައެވެ. މިސްކިތުގެ ޖަމާޢަތުން ބަކުރުބެ ނުފެންނަ ހަނދާނެއް އަޅުގަނޑު ނުވެއެވެ. ފަރުޟު ފަސް ނަމާދުގެ ޖަމާޢަތަށް ހާއްސަ ފަރުވާތެރިކަމެއް ބެހެއްޓެވިއެވެ. ބަލިހާލަތު ބޮޑުވެ ގޮނޑީގައި ނަމާދު ކުރެއްވެވި އިރުވެސް ޖަމާޢަތް ދޫނުކުރައްވައެވެ.

އެންމެ ކުރީއްސުރެ ބަކުރުބެ ފާހަގަ ކުރެވެނީ އިޖުތިމާޢީ ކަންކަމުގައި ހަރަކާތްތެރިވެލައްވާ ހީވާގި ބޭފުޅެއްގެ ގޮތުގައެވެ. ހަނިމާދޫގެ ކުރިއެރުމަށް އިހުލާސްތެރި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. މިގޮތުން ބަކުރުބެވަނީ ރަށް ކުރިއަރުވާ ކޮމިޓީގައިވެސް މަސައްކަތް ކުރައްވާފައެވެ. ހަމަ އެ ދުވަސްވަރު ހަނިމާދޫ އުތުރު އަވަށު ފިރިހެންވެރިންގެ ފައިސާގެ ކަންކަން ބެލެހެއްޓުމުގައި ވެސް ބަކުރުބެ ވަނީ ނަމޫނާދައްކުވާފައެވެ.

ބަކުރުބެއަކީ ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ ވެސް ވަރަށް ހާއްސަ ނަމެކެވެ. ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާ ރަޖިސްޓަރީ ކޮށްފައިވަނީ 1993 ވަނަ އަހަރު ނޮވެމްބަރު 1 ވަނަ ދުވަހުއެވެ. ޖަމްޢިއްޔާގެ އުމުރުން މިހާރު 27 އަހަރު ފުރުމާއި ދާދި ގާތްވެފައިވާއިރު، ފުރަތަމަ ޖަމްޢިއްޔާ ރަޖިސްޓަރީ ވީ އިރު ތިއްބެވި ފަޚުރުވެރި 75 މެމްބަރުންގެ ތެރޭގައި ވެސް ބަކުރުބެ ހިމެނެއެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާ އުފެދި ފުރަތަމަ އެކުލަވާލެވުނު ހިންގާ ކޮމިޓީގެ ހަޒާންދާރުގެ މަޤާމު ވެސް ބަކުރުބެ ވަނީ ފުރުއްވާފައެވެ. ޖަމްޢިއްޔާގެ ދިގު މާޒީގައި ތަފާތުގިނަގުން ޚިދުމަތްތަކެއް ބަކުރުބެ ކުރައްވާފައިވާއިރު ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއަށް ވިހި އަހަރު ފުރުމާއި ގުޅިގެން ބޭއްވުނު ހާއްސަ ޖަލްސާގައި، ޖަމްޢިއްޔާއަށް ވިހި އަހަރު ދުވަހު މެދުކެނޑުމެއް ނެތި ޚިދުމަތް ކޮށްދެއްވި ބޭފުޅުންގެ އަގުވަޒަން ކުރުމުގެ ގޮތުން ދެއްވުނު ޝަރަފާއި ހަނދާނީފިލާ ވެސް ބަކުރުބެއަށް ވަނީ އެރުވިފައެވެ.

ޒުވާން އުމުރު ފާއިތުވެ މުސްކުޅި އުމުރަށް ފޯރިއިރު ވެސް ޖަމްޢިއްޔާގެ ބައެއް ބައްދަލުވުންތަކަށާއި އަދި ބައެއް ކަހަލަ ހަރަކާތްތަކުގައި ބައިވެރިވެލައްވާލެއްވުމަކީ ބަކުރުބެ ހިތުގައި ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއަށް އޮތް ލޯބިކަން ޔަޤީނެވެ. ބަކުރުބެ ނިޔާވި އިރުވެސް ހުންނެވީ ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ މެމްބަރެއްގެ ގޮތުގައެވެ.

އަޅުގަނޑަށް ބަކުރުބެ ފާހަގަ ކުރެވިގެން ގޮސްފައިވަނީ ފުޓްބޯޅައަށް ވަރަށް ލޯބިކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އަޅުގަނޑު ހަނދާންވާން ފެށިއިރު ބަކުރުބެ ފުޓްބޯޅަ ކުޅުއްވާ ނޫޅުއްވި ނަމަވެސް ބަކުރުބެއަކީ، ބަކުރުބެގެ ޅަ ދުވަސްވަރު ފުޓްބޯޅަ ކުޅުއްވުމަށް ވަރަށް ލޯބިކުރެއްވި، އަދި ބާރަށް ބޯޅަ ޖައްސަވާ ވަރަށް ވަރުގަދަ ޑިފެންޑަރެއް ކަމައްވެއެވެ.

ރަށު ފެންވަރުގައި ހިންގޭ މުބާރާތްތަކުގެ މެޗުތަކާއި އަދި ރަށުން ބޭރު ޓީމުތަކާއި ރަށު ޓީމުތައް ކުޅޭ މެޗުތައް ބައްލަވަން ވެސް ބަކުރުބެ ވަރަށް ގިނައިން ދަނޑައްދާނެއެވެ. އަތޮޅު މުބާރާތާއި ޒޯން މުބާރާތުގައި ހަނިމާދޫ ޓީމް ވާދަކުރާ މެޗުތައް ބެއްލެވުމަށް އެ މެޗުތައް ކުޅޭ ރަށްރަށަށް ސަޕޯޓަރެއްގެ ގޮތުގައި ބަކުރުބެގެ މުސްކުޅި އުމުރުގައި ވެސް ދަތުރު ކުރައްވާ އުޅުއްވިއެވެ. ފުޓްބޯޅައަށް އޮންނަ ލޯބި މިވަރަކުން ނުނިމެއެވެ.

ވޯލްޑްކަޕް ނުވަތަ ޔޫރޯ ފަދަ ބޮޑެތި ފުޓްބޯޅަ މުބާރާތްތަކާއި ގުޅިގެން ރަށުގައި ބޮޑުސްކްރީންގައި މެޗުތައް ބަލަން ފެށުނު ދުވަސްވަރު އެ ސްކްރީންތައް ކައިރިއަށް މެޗުތައް ބެއްލެވުމަށް ވެސް ބަކުރުބެ ގޮސްއުޅެއެވެ. ކިތަންމެ ދަންވަރު ވި ނަމަވެސް މެއެވެ. ލީގު މެޗުތައް ވެސް ބައްލަވައި އުޅުއްވައެވެ. ބަކުރުބެ ފާހަގަ ކުރެވިގެން ގޮސްފައިވަނީ އާދަޔާ ޚިލާފަށް ފުޓްބޯޅައަށް ލޯބި ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.

ކޮންމެ އެއްޗަކީ ވެސް ފަނާވެދަނިވި އެއްޗެކެވެ. ބަކުރުބެ ބަލިވެ އުޅުއްވުމަށްފަހު މި ފަނާވަނިވި ދުނިޔެއާއި ވަކިވެ ވަޑައިގެން ދެމިއޮތުމުގެ އާލަމަށް ދަތުރު ކުރައްވާފައިވަނީ 29 އޯގަސްޓް 2020 ވީ ހޮނިހިރު ދުވަހު ރާއްޖޭގެ ވެރިރަށް މާލޭގައެވެ. އުމުރުން 68 އަހަރުގައެވެ. ބަކުރުބެގެ ކަށުނަމާދު ބާއްވާފައި ވަނީ މަސްޖިދު ތަޢާވުނި (އާސަހަރާ މިސްކިތުގައެވެ.) ބަކުރުބެ އަވަހާރަވީ އިރު އަނބަކާއި 7 ދަރިން ދުނިޔޭގައި އެބަތިއްބެވެ. އަދި 6 ކާފަދަރިން އެބަތިއްބެވެ.

ބަކުރުބެއަށް އާޚިރަތުގެ ފުއްސެވުމާއި ރުއްސެވުން ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާއިލާއަށް ކެއްތެރިކަން ދެއްވާށިއެވެ. އާމީން