މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ށ. ކޮމަންޑޫ އާއި ށ. ފޯކައިދޫ އަދި ނ. މަނަދޫގައި ހިންގި އޮޕަރޭޝަންތަކެއް މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަންތައް ހިންގާފައި ވަނީ ފުލުހުންގެ އިންޓެލިޖެންސާއި ށ. ކޮމަންޑޫ ޕޮލިސް ސްޓޭޝަން، ށ. ފޯކައިދޫ ޕޮލިސް ސްޓޭޝަން އަދި ނ. މަނަދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ކަމަށެވެ.
މި އޮޕަރޭޝަންތަކުގައި ށ. ކޮމަންޑޫން ވަނީ 22 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައި ކަމަށް ވެސް ފުލުހުން ބުންޏެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ ކޮމަންޑޫ ބަނދަރުމަތިން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި ފިލްމު ހުސްކުރި ދަޅެއް ފެނުމާއި ގުޅިގެންނެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ށ. ފޭދޫ ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ.
"ފޯކައިދޫ އާއި މަނަދޫގައި ހިންގި އޮޕަރޭޝަންގައި އެދެރަށުން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. އެގޮތުން ފޯކައިދޫ ބަނދަރު ސަރަހައްދުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބްލެޓް ސައިޒްގެ ރަބަރު ޕެކެޓެއް ފެނިފައިވާއިރު، މަނަދޫގައި ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތި ހޯދާފައިވަނީ މާލެއިން އެރަށަށް އައި ބޯޓަކުން ބޭލި ފޮށިގަނޑެއް ބަލައިފާސްކޮށެވެ. އެފޮށިގަނޑު ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓް ފެނިފައިވެއެވެ." ފުލުހުން ބުނެފައި ވެއެވެ.
ފޯކައިދޫ އަދި މަނަދޫގައި ހިންގި އޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ވެސް ފުލުހުން ވަނީ ބުންޏެވެ.
ފުލުހުން ބުނީ މަސްތުވާތަކެތީގެ މި މައްސަލަތައް ކޮމަންޑޫ، ފޯކައިދޫ އަދި މަނަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން ދާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!