ސިޔާސީ ފިކުރު އުފެދިގެން އަންނަނީ ވަކި މީހަކަށް ނުވަތަ ބަޔަކަށް ނުވަތަ ވަކި މައިގަނޑު އަމާޒަކަށް ނިސްބަތްވެގެންނެވެ. ސިޔާސީފިކުރުގެ ބައިގަނޑެއް ނުވަތަ ޕޮލިޓިކަލް ފެކްޝަނެއްގެ މައިގަނޑު މަސައްކަތަކަށް ވާނީ ވަކި ސިޔާސަތެއް ނުވަތަ ސިޔާސަތަކަށް ބާރުދޭ ގޮތްތަކެއް ކުރިއެރުވުމާއި އެނޫން ސިޔާސަތުތަކަށް ޖާގަނުދިނުން، އަދި ވަކި މީހަކަށް ނުވަތަ ބަޔަކަށް ވެރިކަން ނުވަތަ ނުފޫޒާއި ބާރުގަދަ މަގާމުތައް ހޯދާދިނުމެވެ.

ސިޔާސީ ފިކުރު ބޮޑަށް އެނބުރޭނީ ވަކިމީހެއް ނުވަތަ ބައެއްގެ ވަށައިގެންނެވެ. އެމީހުން އެމީހުންގެ ޚިޔާލާއި ފިކުރަށް ތާއީދުކުރާ މީހުން އެއްގަލަކަށް އަރުވާ ވޯޓުލާ މީހުންގެ ރުހުމާއި ތާއީދު ހޯދައެވެ. އަދި އެފިކުރަކަށް ތާއީދުކުރާ މީހުންގެ ހަރަކާތްތަކުގައި އިސްވެ ހަރަކާތްތެރިވެ، އަޑުއުފުލުމުގައި އިސްދައުރެއް އަދާކުރެއެވެ.

Ad
rt

ސިޔާސީ ފިކުރު ތަރުތީބުކޮށް އިންތިޒާމުކުރެވިފައި އޮންނަނީ ސިޔާސީޕާޓީތަކާއި ސިޔާސީ ބޭނުމެއް ހާސިލުކުރުމަށް މަސައްކަތް ކުރާ އެނޫންވެސް ޖަމްއިއްޔާ ޖަމާއަތްތަކުގެ ތެރޭގައެވެ. ޕާޓީތަކާއި ޖަމްއިއްޔާ ޖަމާއަތްތަކުގެ ތެރޭގައިވެސް، ސިޔާސީ ތަފާތު ފިކުރުތަކުގެ ބައިގަޑުތައް ތިބެދާނެއެވެ.

ދިވެހިރާއްޖޭގެ ވެރިކަމާއި ސިޔާސީ ފިކުރު

ތާރީޚުން ފެންނަން އޮތްގޮތުގައި ދިވެހިންގެ ފިކުރު އޮތީ ވެރިންގެ “މިލްކެއްގެ” ގޮތުގައެވެ. ރަސްކަމުގެ ސަގާފަތެއްގެ ތެރޭގައި އޮންނަން ލާޒިމުކުރާގޮތުގެ މަތީންނެވެ. ވެރިކަމުގެ ފަރާތުން ކަނޑައަޅާ ގޮތެއްގެމަތިން އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމުގެ ސިފަ ދިވެހިންގެ މެދުގައި އޮތުން ރާއްޖޭގެ ދިވެހި ގައުމިއްޔަތާއި ދިވެހިންގެ އާދަކާދަތައް ނިޔާކުރާތީއެވެ. ދިވެހިން ތިބީ، އިޖިތުމާއީގޮތުންނާއި އިގުތިސާދީގޮތުން ވެރިކަމުގައި ތިބޭ ބައެއްގެ “އަޅުވެތިކަމެއްގެ ތެރޭގަ” އެވެ. ރައްޔިތުންގެ ފިކުރު އޮންނާންވާނެގޮތް ކަނޑައެޅުމުގެ ބާރު، ދިވެހި ގައުމިއްޔަތުގައި އޮތީ ވެރިކަމުގެ ހައްގެއްގެ ގޮތުގައެވެ.

ދިވެހިތާރީޚުގައި ލިޔެވިފައިވާ މުއްދަތުގެ %90 ށްވުރެ ދިގުމުއްދަތުގައި ވެރިކަމަކީ ވާރުތަވާ އެއްޗެކެވެ. ނުވަތަ ވެރިކަމުގައި ހުންނަ މީހަކު މަރާލައިގެން ނުވަތަ ގައުމުން ބޭރުކޮށްގެން ހޯދާ އެއްޗެކެވެ. ވެރިކަން ބޭނުންވާ ބަޔަކު ގައުމުގެ ތެރެއިން ނުވަތަ ބޭރުން ބަޔަކު ގެނެސްގެން ހިންގާ ހަރަކާތެއްގެ ތެރެއިންނެވެ. ވެރިކަން ހޯދުމާއި ސިޔާސީފިކުރު ކޮންޓްރޯލުކުރުން ނުވަތަ ބިނާކުރުން ދިވެހި އާދަކާދައިގައި އޮތްގޮތަކީ މިއީއެވެ.

ވެރިކަމުގެ އަސާސްތައް ފުށުން ޖެހި، ފަރުދީ ފެންވަރެއްގައި އިޖްތިމާއީ އަދި އިގުތިސާދީ މިނިވަންކަން ދިވެހިން ތަޖުރިބާކުރަން ފެށިތާ އަދި ގަރުނެއްވެސް ނުވެއެވެ. އަދި އަމުދުން، ސިޔާސީ ފިކުރުގެ މިނިވަންކަން ފަރުދީފެންވަރެއްގައި ދިވެހިންގެ ކުރީގެ ޖީލުތަކުން ތަޖުރިބާކޮށްފައެއް ނުވެއެވެ. ދިވެހިން މިއަދު މިތިބީ ވެރިކަމުގެ މައިގަނޑު އަސާސް ފުށުންޖެހި، ވަކިފަރުދުންނާއި ޖަމާއަތްތަކުގެ ފިކުރު، ވެރިކަން ހިންގުމުގެ ތެރެއަށް ޖާމިނުކުރުމުގެ އާ ތަޖުރިބާއެއްގެ ތެރޭގައެވެ. މިތަޖުރިބާގެ ހަގީގަތަކީ ސިޔާސީ ތަފާތު ފިކުރުތައް ލާމެހިގެން ވެރިކަން ހިންގޭނެ ވިސްނުމާއި ފިކުރު ގެ ބާރުވެރިކަން ރައްޔިތުންގެ ކިބައިގައި އަށަގަނެގެންނޫނީ، ދިވެހިގައުމުގެ ރައްޔިތުން އުފާފާގަތިކަންކަމަތީ ދެމިތިބެވެން ނެތްކަމެވެ.

ސިޔާސީ ޕާޓީތަކުގެ ދައުރު

ސިޔާސީ ޕާޓީތައް ވުޖޫދަށް އައިސް ހަރަކާތްތެރިވަނީ، އެޕާޓީއެއްގެ ސަރުކާރެއް ވެރިކަމަށް ގެނެސް ވެރިކަން ހޯދުމަށާ، އެޕާޓީއަކަށާއި އެމީހުންނަށް ތާއީދުކުރާމީހުންނަށް ފައިދާހުރިގޮތަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުމަށާ، އިންތިޚާބުތަކުގައި އެމީހުންގެ ކެންޑިޑޭޓުންނަށް ވޯޓުދިނުމަށް ރައްޔިތުން ލެންބުވުމަށްޓަކައެވެ. ސަރުކާރު ހިންގުމުގައި ސިޔާސީ ޕާޓީތަކުގެ ނުފޫޒު ގަދަނަމަވެސް، ސިޔާސީޕާޓީއަކީ ސަރުކާރުގެ ބައެއް ނޫނެވެ. އަދި ގާނޫނު އަސާސީގައި ވެސް އެކަން އެގޮތަށް ކަނޑައަޅާފައެއް ނޯވެއެވެ.

ސިޔާސީޕާޓީއެއްގެ މައިގަނޑު ދައުރަކީ، އެމީހުން ގަބޫލުކުރާ އަދި އިޚުތިޔާރުކުރާ ބަޔަކަށް ވޯޓުހޯދާދީ އެޕާޓީއެއްގެ ކެންޑިޑޭޓުންގެ ތެރެއިން ވީހާވެސް ގިނަބަޔަކަށް ގޮނޑި ކާމިޔާބުކޮށްދިނުމެވެ. ވަކިޕާޓީއެއްގައި ރަޖިސްޓަރީ ވުމުން، އެމީހަކު އެވަނީ އެޕާޓީއެއްގެ މެމްބަރަކަށެވެ. ޕާޓީތަކުން ބޭނުންވާނީ ވީހާވެސް ގިނަ މެމްބަރުން އެޕާޓީއަކަށް ވެއްދުމެވެ. ސިޔާސީޕާޓީތަކުގެ މެމްބަރުންގެ ތެރެއިން ގިނަމީހުން އަދާކުރާ ހަމައެކަނި ދައުރަކީ އިންތިޚާބުތަކުގައި ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓުދިނުމެވެ. ޕާޓީތަކުގެ ބައެއް މެމްބަރުން ޕާޓީގެ މަގާމުތައް އަދާކުރެއެވެ. އަދި އިންތިޚާބުތަކުގައި ވޯޓުހޯދާދިނުމަށް މަސައްކަތްކުރެއެވެ. އަދި އެންމެ އެމްބިޝަސް މީހުން އިންތިޚާބުތަކުގައި ވާދަކުރުމަށް ނިކުމެއެވެ.

އިންތިޚާބުކުރެވޭ ގޮނޑިއެއްލިބޭ މީހާއަކީ އެމީހަކު އިންތިޚާބުކުރެވޭ ދާއިރާގެ ރައްޔިތުން ތަމްސީލުކުރާ މީހެކެވެ. އެހެންކަމުން އެމީހަކީ ކޮންމެ ޕާޓީއެއްގެ މީހެއްކަމުގައި ވީނަމަވެސް، އެދާއިރާގެ ރައްތިޔުންގެ ކަންބޮޑުވުންތައް ދާއިރާގެ ރައްޔިތުން އެމީހަކަށް ހުށަހެޅުމުގެ ފުރުޞަތު އޮންނަން ޖެހެއެވެ. އެހެންކަމުން، އެމީހެއްގެ ޕާޓީ ތަމްސީލުކުރުމުގެ އިތުރުން އިންތިޚާބީ ދާއިރާގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ އެޕާޓީއަކަށް ނިސްބަތްނުވާ ރައްޔިތުންގެ ބައިވެރިވުމާއި ތާއީދުހޯދުމަށް ވެސް އެމީހުންނަށް ފުރުސަތު އޮވެއެވެ. ޕާޓީތަކުން އެއްބާރުލުންދޭ މައްސަލަތަކާއި ޕާޓީފިކުރުގައި ވަކިއަތަކަށް ނުޖެހޭ މައްސަލަތަކުގައި މިފުރުސަތު އޮވެއެވެ.

ސިޔާސީ ޕާޓީތަކުން ވަކިބައެއް ނުވަތަ މީހެއްގެ މަސްލަހަތު ރައްކާތެރިކުރުމަށް މަސައްކަތް ކުރެއެވެ. އެއީ ރިސޯޓުހިންގާމީހުން، މަސްވެރިން، ޓީޗަރުން، ކުދި ވިޔަފާރި ނުވަތަ ވިޔަފާރީގެ ވަކިސިނާއަތެއް، ނުވަތަ ވަކި ކަމެއް ކުރިއެރުވުމަށް މަސައްކަތް ކުރާ މީހަކު ނުވަތަ ބަޔަކު ކަމަށް ވެސް ވެދާނެއެވެ.

https://thiladhun.com/39726

(ނުނިމޭ)