ދިވެހިރާއްޖޭގެ ޖަލު ބެލެހެއްޓުމުގެ ނިޒާމަށް މިއަދު 49 އަހަރު ފުރިއްޖެއެވެ. ވޭތުވެދިޔަ އަހަރުތަކުގައި އެ ނިޒާމަށް ނިސްބަތްވާ މުއައްސަސާގެ ނަން ބަދަލުވަމުން އައިސް، ވަކި ޤާނޫނެއްގެ ދަށުން މިހާރު ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ނަމުގައި ކުރިއަށްވުރެ ހަރުދަނާ އަދި ޕްރޮފެޝަނަލް ޚިދުމަތެއް ގާއިމުކުރެވިފައެވެ.
ކޯވިޑް-19 އާ ގުޅިގެން އެހާ ކުލަގަދަކޮށް އަހަރީ ދުވަސް ފާހަގަ ނުކުރެވުނު ނަމަވެސް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކުގައި ކަނޑައަޅާފައިވާ ސަލާމަތީ ފިޔަވަޅުތަކާއެކު ބައެއް ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައި ކަމަށް ކަރެކްޝަންސް ވަނީ ބުނެފައެވެ.
މިގޮތުން އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެންމެ ފުރަތަމަ އޮތީ ކޮންމެ ޖަލެއްގައި އޮފިސަރުންނާއި މުވައްޒަފުން ޖަމާއަތުގައި ފަތިސް ނަމާދުކުރުމާއި ޚާއްސަ ދުޢާއެއް ކުރުންކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
މީގެއިތުރުން ދެން ކުރިއަށް ގެންގޮސްފައި ވަނީ، ދިދަ ނެގުމަށްފަހު އޮފިސަރުންނަށް މެޑެލި އަދި ޝަރަފުގެ ނިޝާން ދިނުމާއި ވޭތުވެ ދިޔަ 5 އަހަރު ތެރޭގައި ގަޑި ނުޖެހި، ހާޟިރީ އެންމެ ރަނގަޅު އޮފިސަރުންނާއި މުވައްޒަފުން ފާހަގަކޮށް، އެ ފަރާތްތަކަށް ހަނދާނީ ލިޔުން ދިނުން ކަމަށް ވެސް ކަރެކްޝަންސް އިން ބުންޏެވެ.
ކަރެކްޝަންސް ބުނީ އަހަރީ ދުވަހާއި ގުޅިގެން މާފުށީ ޖަލުގެ އޮފިސަރުންނާއި މުވައްޒަފުން މާފުށީ ހިއްކި ސަރަހައްދުގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާކަމަށާއި، އަދި ޖަލުތަކުގެ އަދި ހެޑް އޮފީހުގެ އޮފިސަރުންނާއި މުވައްޒަފުން ދެ ދުވަހަކަށް ބަހައިގެން ލޭ ހަދިޔާ ކުރުމަށްވެސް ހަމަޖެހިފައި ވާކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!