ށ. ކޮމަންޑޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ 73 އިންސައްތަ މަސައްކަތް މިހާރު ނިންމާލެވުފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ.
ކޮމަންޑޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ދާގޮތާއި ގުޅޭ އެންމެފަހުގެ މަޢުލޫމާތު ހިއްސާކޮށް، އެމްޓީސީސީއިން ކޮށްފައިވާ ޓުވީޓްގައި ބުނެފައި ވަނީ މި މަޝްރޫޢުގެ ތެރެއިން ކޮމަންޑޫ ބަނދަރުގެ އެއްގަމުތޮށީގެ ގައު އެތުރުމުގެ މަސައްކަތް މުޅިން ނިމިފައި ވާކަމަށާއި އަދި މިހާރު ކުރިއަށް ދަނީ އެއްގަމު ތޮށީގެ ކެޕިންގ ބީމް ހެދުމުގެ މަސައްކަތްކަމަށެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 29.41 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް އެ ކުންފުނިން ފަށްޓަވާފައިވަނީ 08 ޑިސެމްބަރ 2019 ގައިވެ.
މި މަޝްރޫޢުގެ ދަށުން ކޮމަންޑޫ ފަޅުން 35،348 ކޮޑި މީޓަރުގެ ސަރަހައްދެއްގެ ފުންކުރުމާއި، 14،731 ކޮޑި މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމުގެ މަސައްކަތް އެމްޓީސީސީއިން ވަނީ ކޮށްފައެވެ.
މީގެ އިތުރުން 12 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 20 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 190 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ. ކޮމަންޑޫ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާއި ޙަވާލުކޮށްފައި ވަނީ އެއްއަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!